21 މެއި 2017 - 17:42

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އޭނާގެ ކުރިން ދެ ފަހަރެއްގެ މަތިން ކުޅެފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފި އެވެ.
މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު ދަގަނޑޭ މި ސީޒަން ފެށުމުގެ ކުރިން ނިއު އަށް ސޮއިކުރަން އެއްބަސްވި އެވެ. އެކަމަކު ނިއު އިން ފަހުން ބުނީ އަނިޔާގެ ސަބަބުން އޭނާ ނިއު އަށް ސޮއިކުރަން ފަސްކޮށްފައިވާ ކަމަށާއި ކުޅުމަށް އެނބުރި އައިސް ރާއްޖޭގެ ކްލަބަކަށް އޭނާ ކުޅޭ ނަމަ، ފެނުން އެންމެ ގާތީ ނިއު އިން ކަމަށެވެ. އެކަމަކު ފަހުން އަޑުއެރީ އޭނާ މެލޭޝިއާގެ ކްލަބަކާ ގުޅެން އުޅޭ ކަމަށެވެ.
ނިއުގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް މޫސާ (ޓެޑް) ވިދާޅުވީ ދަގަނޑޭ އެ ކްލަބާ އެކު މިއަދު ކޮންޓްރެކްޓުގައި ސޮއިކޮށްފައިވާ ކަމަށާއި އިތުރު ތަފްސީލް ފަހުން ހާމަކުރާނެ ކަމަށެވެ. ދަގަނޑޭގެ ނަން ނިއުގެ ލިސްޓުގައި ޖެހޭނީ ޖުލައި 14 ގައި ހުޅުވޭ ޓްރާންސްފާގަ އެވެ. އެހެންކަމުން އޭނާ ނިއުގެ ޖާޒީގައި އެންމެ އަވަހަށް ވެސް އެސްޓީއޯ މާލޭ ލީގުގެ ފަހުކޮޅުގަ އެވެ.
މެލޭޝިއާގެ ޕީޑީއާރްއެމް އަށް ތިން ސީޒަން ކުޅުމަށް ފަހު އަނިޔާގެ ސަބަބުން އެ ކްލަބުގެ ކޮންޓްރެކްޓް އުވާލުމަށް ފަހު ދަގަނޑޭ އެނބުރި ރާއްޖެ އައިސް މިދިޔަ ސީޒަނުގެ ފަހު ބައިގައި ރެކޯޑް އަގަކަށް ކުޅުނީ މާޒިޔާ އަށެވެ. އެ ކްލަބާ އެކު އޭނާ ވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އެކަމަކު އަނިޔާގެ ސަބަބުން މުހިއްމު ބައެއް މެޗުތައް ގެއްލުނެވެ.
ދަގަނޑޭއާ އެކު ގައުމީ ފުޓްބޯޅަ ޓީމުގެ އެޓޭކުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ އިބްރާހިމް ފަޒީލް (އޮއްޕޮ) ވެސް ވަނީ މިއަދު ނިއު އަށް ސޮއިކޮށްފަ އެވެ. ނިއު އަށް ތިން ފަހަރެއްގެ މަތިން ކުޅެފައިވާ އޮއްޕޮ ވޭލްސްގައި ކުޅުމަށް ފަހު އެނބުރި ރާއްޖެ އައިސް ދާދި ފަހުން ވަނީ ނިއުގެ ޕްރެކްޓިހާ ގުޅިފަ އެވެ.
ކްލަބް ވެލެންސިއާ އިން 2001 ގައި ކެރިއަރު ފަށައި އެ ކްލަބަށް ހަތަރު އަހަރު ކުޅުމަށް ފަހު ދަގަނޑޭ އެންމެ ފުރަތަމަ ނިއުއާ ގުޅުނީ 2006 ގަ އެވެ. އެ ސީޒަނުގައި އެ ކްލަބާ އެކު އެފްއޭ ކަޕާއި ދިވެހި ލީގު ކާމިޔާބުކުރިއިރު ޖެހިގެން އައި އަހަރު އެ ޓީމަށް އެފްއޭ ކަޕް މިލްކުކޮށްދިނެވެ. އޭގެ ފަހުން ވީބީ އައްޑޫ އެފްސީ އަށް ކުޅުމަށް ފަހު އެނބުރި ނިއުއާ ގުޅުނީ 2012 ވަނަ އަހަރެވެ. އެ އަހަރު މެޗަކުން ބަލިނުވެ ދިވެހި ލީގު ކާމިޔާބުކޮށް އަދި ޕްރެޒިޑެންޓްސް ކަޕް ނިއު ކާމިޔާބުކުރިއިރު ދަގަނޑޭ މުހިއްމު ދައުރެއް އަދާކުރި އެވެ.
ޖެހިގެން އައި 2013 ވަނަ އަހަރަކީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ސީޒަނެވެ. އެ ފަހަރު ސީޒަނުގެ ހުރިހާ މެޗަކުން މޮޅުވެ ހުރިހާ މުބާރާތެއް ނިއު ކާމިޔާބުކުރިއިރު ދަގަނޑޭ ވަނީ 50 އަށް ވުރެ ގިނަ ގޯލް ޖަހައި ރެކޯޑް ހަދައިފަ އެވެ. އަދި އެ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލަށް ނިއު ގެންގޮސްދިނެވެ.
އެ އަހަރަށް ފަހު މެލޭޝިއާގެ ދެ ވަނަ ޑިވިޝަނުގެ ޕީޑީއާރްއެމް އަށް ބަދަލުވެ އެ ކްލަބް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދީ އަދި މެލޭޝިއާގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމް ހޯދި އެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް 2004 އިން ފެށިގެން ކުޅެ އަދި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ދަގަނޑޭ މިދިޔަ ސީޒަނަށް ފަހު ކުޅުމާ ދުރުގައި ހުރުމުން ގައުމީ ޓީމުން ޖާގަ ވަނީ ގެއްލިފަ އެވެ.
ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމާއި ރަންބޫޓް އެތައް ފަހަރަކު ހާސިލްކޮށްފައިވާ ދަގަނޑޭ ނިއުއާ އަލުން ގުޅުނު އެ ޓީމަށް އޭނާއާ އެކު 2013 ގައި ކުޅުނު ގޯލްކީޕަރު މުހައްމަދު އިމްރާނާއި އަލީ ފާސިރު (ސެންޓޭ) އަދި އަކްރަމް އަބްދުލްގަނީ ފަދަ ކުޅުންތެރިން އެބަތިއްބެވެ. މާލޭ ލީގުގެ ދެ ވަނައިގައި އޮތް ނިއުގެ ފޯވާޑް ލައިން މިހާރު ބަލަހައްޓަނީ ސެންޓޭގެ އިތުރުން ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ އެވެ.
މިދިޔަ ސީޒަނުގައި ބަލިކަށިކޮށް ފެނުނު ނިއުގެ ޗެއާމަންގެ މަގާމާ މި ސީޒަނުގައި މުހައްމަދު ޒިޔާދު ހަވާލުވެވަޑައިގެން އެ ކްލަބް ވަނީ އަލުން ވަރުގަދަކޮށް، ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މީގެ އިތުރުން އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ރެޑިންއާ އެކު ޕާޓްނާޝިޕް އެއްބަސްވުމެއް ހަދައި އެ ކްލަބުގެ އެކަޑަމީން ނިއުގެ ޒުވާން ކުޅުންތެރިން ތަމްރީން ކުރެވޭނެ ފުރުސަތު ވަނީ ހޯދައިދީފަ އެވެ.