21 މެއި 2017 - 16:42

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުން ގެންދިއުމުގެ ހުއްދަ ދިނުމާ ގުޅޭ ކަންކަން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައިވާތީ، ހައްޖު ގްރޫޕްތަކަށް ފައިސާ ނުދެއްކުމަށް އެ ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފި އެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ފަސް ކުންފުންޏަކަށް ދޭން އިސްލާމިކް މިނިސްޓްރީން ނިންމާފައި ވަނިކޮށް، އަމިއްލަ ބަޔަކު އޭސީސީ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ ކޮމިޝަނުން އިސްލާމިކް މިނިސްޓްރީ އަށް މިއަދު އެންގީ ހުއްދަ ދިނުމާ ގުޅޭ އެއްވެސް ކަމެއް ނުކުރުމަށެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ވަނީ ހުއްދަ ދޭނެ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅިޔަސް އެކަމުގެ އެއްބަސްވުމުގައި ކުންފުނިތަކާ ދެމެދު މިހާތަނަށް އޮތީ ސޮއި ނުކޮށް ކަމަށެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ކުންފުނިތަކުން މިހާރު އާންމުންގެ އަތުން ފައިސާ ނަގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން އެގޮތަށް ނުކުރަން އިލްތިމާސް ކުރާ ކަމަށް އޭސީސީން ބުނެ އެވެ.
"އާންމު ފަރާތްތަކުން ވެސް ކުންފުނިތަކަށް ފައިސާ ނުދެއްކުމަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.
އޭސީސީން ބުނެފައިވާ ގޮތުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި، ވަރަށް އަވަހަށް ނިންމާނެ އެވެ. އަމިއްލަ ބަޔަކު ހުށަހެޅި އެ މައްސަލައިގައިވާ ގޮތުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އަށް އެދި ޕްރޮޕޯޒަލް ހުށަހެޅި ކުންފުނިތަކުގެ ޕްރޮޕޯޒަލް އިވެލުއޭޓްކޮށް، ޕޮއިންޓް ދީފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ.
ރާއްޖެ އަށް ލިބުނު 1،000 މީހުންގެ ހައްޖު ކޯޓާގެ ތެރެއިން ހައްޖު ކޯޕަރޭޝަނަށް 500 ކޯޓާ ދިނުމަށް ފަހު، އެކަމަށް ކުރިމަތިލި 16 ކުންފުނީގެ ތެރެއިން ބިޑް ކާމިޔާބުކުރި ފަސް ކުންފުންޏެއްގެ މެދުގައި ހަމަހަމަ އަށް ކޯޓާ ބަހަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.