ނުކުޅެދުންތެރިކަން ހުރުމުން "އެއްލާލި" ދަރިފުޅު ހާވަޑްގައި
ނުކުޅެދުންތެރިކަން ހުރުމުން "އެއްލާލި" ދަރިފުޅު ހާވަޑްގައި

އުމުރުން 29 އަހަރުގެ ޑިންގް ޑިންގް އަކީ ސެރެބްރަލް ޕަލްސީގެ ސަބަބުން ނުކުޅެދުންތެރިކަން ވަރަށް ބޮޑަށް ހުންނަ ޒުވާނެކެވެ. ނަމަވެސް އޭނާ އަކީ މިހާރު އެމެރިކާގެ ހާވާޑް ޔުނިވަސިޓީގައި ކިޔަވާ ދަރިވަރެކެވެ.

ޗައިނާގެ ހޫބޭ ޕްރޮވިންސަށް އުފަންވި ޑީންގް ޑިންގް އަށް ނުކުޅެދުންތެރިކަން ކުރިމަތިވީ ވިހެއުމުގެ ތެރޭގައި ތާށިވެ ގިނައިރުތަކެއް ހޭދަވުމުންނެވެ.

ހޫބޭ ޕްރޮވިންސްގައި ހުންނަ ހޮސްޕިޓަލެއްގައި ޑިންގް ޑިންގް އުފަންވުމާ އެކު ޑޮކްޓަރުން އޭނާގެ މަންމަ ޒޯ ހޮންގްޔާނަށް ދަރިފުޅުގެ ހާލަތު ކިޔައިދިނެވެ. އަދި ކުއްޖާގެ މަތިން އުންމީދު ކަނޑާލަން ބުންޏެވެ. ޑޮކްޓަރުން ނިންމީ ކުއްޖާގެ ނުކުޅެދުންތެރިކަން ހުރިލެއް ބޮޑުކަމުން، ފަރުވާ ދީގެން ސަލާމަތްކުރަން މަސައްކަތް ކުރުން ވެސް ބޭކާރު ކަމަށެވެ. ޑިންގް ޑީންގް ގެ ބައްޕަ ވެސް ޑޮކްޓަރުންނާ އެއްބަސްވެ، ކުއްޖާގެ ފަރުވާ ހުއްޓާލައި މަރުވާން ދޫކޮށްލަން ނިންމި އެވެ.

ނަމަވެސް ޑިންގް ޑީންގް ގެ މަންމަ އޭނާގެ ދަރިފުޅު ދޫކޮށްލާކަށް ބޭނުމެއް ނުވި އެވެ. އެންމެފަހުން ދަރިފުޅަށްޓަކައި ފިރިމީހާ ގާތުން ވެސް ވަރިވީ އެވެ.

އެކަނިމާއެކަނި، ބަލި ކުއްޖަކު ބަލަން ޖެހުމަކީ ޒައު އަށް ވަރަށް ބުރަ ކަމަކަށްވި އެވެ. އޭނާ އެތައް ތަނެއްގައި އެއްފަހަރާ ވަޒީފާ އަދާކުރަން ޖެހުނެވެ. ކޮލެޖުގައި ކިޔަވައިދެމުން އިންޝުއަރެންސް ކުންފުންޏަކުން ވަޒީފާއެއް ވެސް ހޯދި އެވެ. އަދި ޕްރޮޓޯކޯލް ޓްރެއިނާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން ދިޔަ އެވެ.

ޑިންގް ޑީންގް އަށް ރިހެބް ސެޝަންތައް ނަގައިދެމުން، ދަސްކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ބޭނުންވާ އެކިއެކި ތެރަޕީ ވެސް ދިނެވެ. އަދި ލިބޭ ހުސް ވަގުތުގައި އޭނާއާ އެކު ގޭމާއި ޕަޒްލް ކުޅެ ވިސްނުން ތޫނުކުރެވޭތޯ އިތުރަށް މަސައްކަތް ކުރި އެވެ.

ސައުތު ޗައިނާ މޯނިން ޕޯސްޓަށް ދީފައިވާ އިންޓަވިއުއެއްގައި ޒައު ބުނީ ދަރިފުޅުގެ ހުރި ޖިސްމާނީ ނުކުޅެދުންތެރިކަމާ މެދު ލަދު ނުގަންނަ ކަމަށެވެ. ބައެއް ދާއިރާތަކުން އޭނާގެ ނުކުޅެދުންތެރިކަން ހުރިކަން ޒައު އަށް އެނގުނު ނަމަވެސް އުނދަގޫ ކަންތައްތައް ފަސޭހަކޮށްދިނުމަށް އޭނާ އިތުރަށް މަސައްކަތް ކުރުވި އެވެ.

ޑިންގް ޑިންގް ވަނީ 2011 ގައި ވަނީ ޕެކިން ޔުނިވަސިޓީން ބެޗްލާޒް ޑިގްރީ ހާސިލްކޮށްފަ އެވެ. އެއަށް ފަހު އެ ޔުނިވަސިޓީގެ އިންޓަނޭޝަނަލް ލޯ ސްކޫލްގައި މާސްޓާޒް ހަދަން ބައިވެރިވި އެވެ. އަދި އެތަނުގައި ދެ އަހަރު ކިޔެވުމަށްފަހު މިހާރު ހާވާޑްގައި ކިޔެވުމުގެ ފުރުސަތު ލިބިގެން އެތަނުގައި ވެސް މިހާރު ވަނީ ކިޔެވުން ފަށައިފަ އެވެ.