21 މެއި 2017 - 15:04

އިޓަލީގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު އަތުން އިންޑިއާގެ 17 އަހަރުން ދަށުގެ ޓީމު ހުކުރު ދުވަހު 2-0 އިން މޮޅުވި ކަމަށް އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން ބުނި ނަމަވެސް، އެއީ އިޓަލީގެ ގައުމީ ޓީމު ނޫން ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި އެވެ.
އިންޑިއާގައި އޮކްޓޯބަރު މަހު ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕަށް ތައްޔާރުވާން އެ ޓީމުން ޔޫރަޕަށް ކުރާ ޓުއާގައި ހުކުރު ދުވަހު އިޓަލީ އަތުން ހޯދި މޮޅާ އެކު ތައުރީފު އޮހުނެވެ. އަދި މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން މުބާރާތުން އޮޓޮމެޓިކް ޖާގައެއް ލިބިފައިވާ އިންޑިއާ އަށް މުބާރާތުގައި ރަނގަޅު ކާމިޔާބެއް ލިބިދާނެ ކަމަށް އުއްމީދުކުރެވުނެވެ.
އެކަމަކު ހިންދުސްތާން ޓައިމްސް އިން ބުނެފައިވާ ގޮތުގައި އިންޑިއާ އިން ބަލިކުރީ އިޓަލީގެ 17 އަހަރުން ދަށުގެ ގައުމީ ޓީމެއް ނޫނެވެ. އެއީ އިޓަލީގެ ތިން ވަނަ ޑިވިޝަނާއި ހަތަރު ވަނަ ޑިވިޝަނުގެ ކްލަބްތަކުގެ ޔޫތު ޓީމުތަކުގެ ކުޅުންތެރިންނެވެ. އެކަން އިޓަލީގެ ނޫސްވެރިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެކަމަކު އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުން އަދި މިކަމާ ބެހޭގޮތުން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.
އިޓަލީގެ 17 އަހަރުން ދަށުގެ ގައުމީ ޓީމު ވަނީ މި މަހުގެ 19 ވަނަ ދުވަހު ވާދަކުރި 17 އަހަރުން ދަށުގެ ޔޫރޯގައި ވާދަކޮށްފަ އެވެ. އެ ޓީމުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ޔުވެންޓަސްގެ ފޯވާޑް މޮއިސް ކީން ހިމެނެ އެވެ. މީގެ އިތުރުން އޭސީ މިލާނާއި އިންޓަ މިލާނާއި ފިއޮރެންޓީނާ އަދި ލާޒިއޯގެ ކުޅުންތެރިން ހިމެނެ އެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމަށް އިންޑިއާގެ 17 އަހަރުން ދަށުގެ ޓީމުން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީން ފެށިގެން 27 މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން މޮޅުވީ ފަސް މެޗުންނެވެ. މެލޭޝިއާއާ 2-2 އިން އެއްވަރުވިއިރު ސައޫދީ އަރަބިއާއާ 3-3 އިން ވަނީ އެއްވަރުވެފަ އެވެ. ރަޝިއާ އަތުން ވަނީ 8-0 އިން ބަލިވިއިރު ލެޓްވިއާ އަތުން 4-1 އިން އަދި އީރާން އަތުން 1-0 އިން ވަނީ ބަލިވެފަ އެވެ.
އިންޑިއާގައި އޮކްޓޯބަރު 6-28 އަށް ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުގައި 24 ޓީމު ވާދަކުރާނެ އެވެ. މުބާރާތް ކުރިއަށްދާނީ އިންޑިއާގެ ހަ ސިޓީއެއްގަ އެވެ. ފައިނަލް މެޗު އޮންނާނީ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމުގަ އެވެ.