22 މެއި 2017 - 06:22

ބޮލީވުޑްގައި މައްސަލަތައް ބޮޑު ކަންގަނާ ރަނާވަތު ޑައިރެކްޓުކުރާ ފުރަތަމަ ފިލްމު ކަމަށްވާ "ތޭޖޫ" ގައި އޭނާ ކުޅޭނީ 80 އަހަރުގެ މީހެއްގެ ރޯލު ކަމަށް ބުނެފި އެވެ.
އަމިއްލައަށް ޑައިރެކްޓުކުރާ ފިލްމެއް ނޫނީ ނުކުޅެން ނިންމާފައިވާ ކަންގަނާ ބުނި ގޮތުގައި އޭނާ ކުޅޭ ކެރެކްޓާ ތޭޖޫ އަކީ މަރުގެ ފުންފަތްމަތީގައިވާ، އެކަމަކު ދުނިޔެ ދޫކޮށްލަން ބޭނުންނުވާ މީހެކެވެ. ތޭޖޫ އަކީ މުސްކުޅިޔަސް ވަރަށް ރަނގަޅު، ހިތްހެޔޮ، މުރާލި އަދި ހިތްވަރުގަދަ އަންހެނެކެވެ. އަދި އޭނާއަކީ އެހާ މުސްކުޅި މީހެއް ކަމެއް އޭނާއަކަށް އިހްސާސެއް ވެސް ނުވެ އެވެ.
ކަންގަނާ ބުނި ގޮތުގައި އޭނާ އެންމެ ތުއްތުއިރު ދިރިއުޅުނީ މުނިމާމައާ އެކުގަ އެވެ. އޭރު އެ މާމގެ އުމުރު ވެސް އުޅެނީ 80ގެ އަހަރުތަކުގަ އެވެ. އޭނާ ބޮޑުވީ ދުވަސްވީ މީހުންތަކެއްގެ ކައިރީގައި ކަމަށް ވާތީ، ދުވަސްވީ މީހުންނާ އަޅާނުލައި މީހުން ގިނަކަން އެނގުނު ކަމަށް ބުންޏެވެ. ކަންގަނާ ބުނި ގޮތުގައި މިއީ އެފަދަ މީހުންނަށް ހާއްސަ ފިލްމެކެވެ.
ކަންގަނާ މި ފިލްމުގެ މަސައްކަތް ފަށަން ހަމަޖައްސާފައި ވަނީ އަންނަ ޑިސެމްބަރު މަހު އެވެ. އަދި ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.