ރިޔާޒް (މެއި 20) - ސައުދީ އަރަބިއާ އަށް މިހާރު ވަޑައިގެން އުޅުއްވާ އެމެރިކާގެ އޮފިޝަލުންނާ އެކު ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީގެ ކަނޑި ނެށުމަށް ނައްޓަވައިފި އެވެ.

މުރާބާ ގަނޑުވަރުގެ ބޭރުގައި ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕާ އެކު ޚާރިޖީ ވަޒީރު ޓިލަ ރެކްސަން އާއި ކޮމާސް މިނިސްޓަރު ވިލްބާ ރޮސް ވެސް ވަނީ ސައުދީގެ ސަގާފީ ނެށުމަށް ނައްޓަވައިފަ އެވެ. ސައުދީ އޮފިޝަލުންނާ އެކު ނެށުމަށް ޓްރަމްޕް ފައިންޕުޅު ހަމަކުރައްވަމުން ގެންދެވި އިރު އެމަނިކުފާނުގެ މޫނުފުޅު މަތިން ހިނިތުންވުން ފެންނަން ހުއްޓެވެ. ނެށުމުގެ ހަރަކާތްތަކުގައި ވަނީ ވައިޓް ހައުސްގެ ޗީފް ސްޓްރެޓެޖިސްޓް ސްޓީވް ބެނޮން އާއި ޗީފް އޮފް ސްޓާފް ރެއިންސް ޕްރީބަސް އަދި އިކޮނޮމިކް އެޑްވައިޒަރު ގެރީ ކޯން ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

ކަނޑި ނެށުމަކީ ސައުދީގެ ސަގާފީ ނެށުމެކެވެ. މި ނެށުމުގައި ބެރު ޖެހުމާއި ލަވަ ކިޔުން އޮވެ އެވެ. މި ނެށުން ބާއްވަނީ ޚާއްސަ މުނާސަބަތުތަކުގަ އެވެ.

ސައުދީ އަށް ކުރިން ވަޑައިގެންނެވި ދުނިޔޭގެ ބައެއް ލީޑަރުން ވެސް ވަނީ ކަނޑި ނެށުމަށް ނައްޓަވައިފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތުގެ ޕްރިންސް ޗާލްސް އާއި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު. ބުޝް ހިމެނިވަޑައިގަންނަވަ އެވެ. ރައީސް ބުޝް 2008 ވަނަ އަހަރު ސައުދީ އަށް ކުރެއްވި ދަތުރުފުޅުގައި ކަނޑި ނެށުމަށް ނައްޓަވާފައި ވަނީ އޭރުގެ ވަލީ އަހުދު އަދި މިހާރުގެ ރަސްގެފާން ސަލްމާންގެ އަތްޕުޅުގައި ހިއްޕަވައިގެންނެވެ.