ހިއުމަން ޓްރެފިކިންގެ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭނެ ނިޒާމެއް ތައާރަފުކޮށްފި
ހިއުމަން ޓްރެފިކިންގެ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭނެ ނިޒާމެއް ތައާރަފުކޮށްފި

ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭނެ ނިޒާމެއް ފުލުހުން މިއަދު ތައާރަފުކޮށްފި އެވެ

"ޓްރެފިކިން އިން ޕާސަންސް ކޭސް މެނޭޖްމަންޓް ސިސްޓަމް" ގެ ނަމުގައި ތައާރަފް ކުރި މި ސިސްޓަމް މެދުވެރިކޮށް، ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް ފުލުހުން ބުންޏެވެ.

ހިއުމަން ޓްރެފިކިންގެ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭނެ ނިޒާމު ތައާރަފު ކުރުމަށް އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ އިސްވެރިޔާ ޖެޒަބޭ ކްރޮސެޓީ ވަނީ، ރާއްޖެ އިން މިފަދަ މައްސަލަތަކާ ދެކޮޅަށް ކުރާ މަސައްކަތައް ތައުރީފު ކުރައްވައިފަ އެވެ.

އޭނާ ވަނީ ހިއުމަން ޓްރެފިކިންއާ ގުޅޭ ގާނޫނެއް އެކުލަވައިލުމަށް ވެސް ރާއްޖެ އަށް އިލްތިމާސް ކުރައްވައިފަ އެވެ. މީގެ އިތުރުން އެންޓި ހިއުމަން ޓްރެފިކިން ޕްލޭނެއް އެކުލަވައިލުމަށާއި މިކަމާ ގުޅޭ ތަމްރީން ފުލުހުންނަށް ދިނުމަށާއި ހިއުމަން ޓްރެފިކިންއާ ބެހޭ ބައިނަލް އަގުވާމީ މުއާހަދާތައް ތަންފީޒު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖެޒަބޭ ފާހަގަކުރެއްވި ގޮތުގައި ހިއުމަން ޓްރެފިކިންއާ ގުޅޭ މައްސަލަތައް އޮންލައިންކޮށް ހުށަހެޅޭނެ ސިސްޓަމެއް ތައާރަފު ކުރުމުން، އެފަދަ މައްސަލަތައް ކުރިމަތިވާ ފަރާތްތަކުން ފުލުހުންނަށް ރިޕޯޓް ކުރުމުގައި ފަސޭހަވާނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ސައުދީ ވިދާޅުވީ ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތް ކުރުމަށް އައިއޯއެމް އާއި ފުލުހުންނާ ދެމެދު އެކުލަވާލި އެއްބަސްވުމުގެ ދަށުން މިދިޔަ ދެ ތިން އަހަރު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ހިއުމަން ޓްރެފިކިންގެ މައްސަލަތައް ދިމާވެފައިވާ މީހުން ދެނެގަތުމާ ބެހޭ ތަމްރީނުތައް ވެސް ފުލުހުން ހޯދައިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި މިފަދަ މައްސަލަތައް ހުށައެޅުމަށް ހާއްސަ ހޮޓްލައިނެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.