22 މެއި 2017 - 06:21

އަރްޖުން ކަޕޫރާއި ޝްރައްދާ ކަޕޫރުގެ "ހާފް ގާލްފްރެންޑް" މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފައި ވާއިރު ގިނަ ބަޔަކު ހީވެސް ނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ފިލްމަށް އަންނަނީ ލިބެމުންނެވެ.
މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ މި ފިލްމަށް ފުރަތަމަ ދުވަހު 10.27 ކްރޯޑު (102 މިލިއަން ރުޕީސް) ލިބިފައި ވާއިރު ދެ ވަނަ ދުވަހު 10.63 ކްރޯޑު (106 މިލިއަން ރުޕީސް) ލިބުނެވެ.
އިންޑިއާގެ މަޝްހޫރު ވާހަކަލިޔުންތެރިޔާ ޗޭތަން ބަގަތުގެ "ހާފް ގާލްފްރެންޑް" ވާހަކަޔަށް އުފައްދާފައިވާ މި ފިލްމުގެ ބަޖެޓަކީ ގާތްގަނޑަކަށް 50 ކްރޯޑު (500 މިލިއަން ރުޕީސް) އެވެ. ފިލްމު ރިލިޒްކުރުމުގެ ކުރިން މިއުޒިކް، ސެޓެލައިޓް، ޑިޖިޓަލް އަދި އޯވަސީޒް ރައިޓްސް ވިއްކާލައިގެން 36 ކްރޯޑު (360 މިލިއަން ރުޕީސް) ވަނީ ހޯދާފަ އެވެ. މީގެ މާނައަކީ މި ފިލްމު ބޮކްސް އޮފީހުގައި 28 ކްރޯޑު (280 މިލިއަން ރުޕީސް) ހޯދިޔަސް ޚަރަދު ފޫބެދި ފައިދާ ވުމެވެ. އެހެންކަމުން މިހާރު ވެސް މިއީ ކާމިޔާބު ފިލްމެއް ކަމުގައި ބެލުމުގެ ފުރުސަތު އެބައޮތެވެ.
ފާޑުކިޔާ މީހުންގެ ތެރެއިން ބައެއް މީހުން ބުނަނީ ފިލްމު ބަލާލަން ކަމުދާ ކަމަށެވެ. ނަމަވެސް ފިލްމު ކަމުނުދިޔަ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ. މި ފިލްމަކީ ވަރަށް ޒުވާން ލޯބީގެ ވާހަކައަކަށް ވެފައި ކޮލެޖު ދިރިއުޅުން ދައްކުވައިދޭތީ ޒުވާން ފުރައިގެ ކުދިން މި ފިލްމު ބަލަން ވަރަށް ޝައުގުވެރިވެ އެވެ. ޚާއްސަކޮށް މި ފިލްމުގެ ލަވަތައް ރީތިކަމުން ގިނަ ބަޔަކު ފިލްމު ބަލާހިތުން ތިބިކަން ފާހަގަކުރެވެ އެވެ.
"ހާފް ގާލްފްރެންޑް" އަކީ ޑައިރެކްޓަރު މޯހިތު އާއި ފިލްމުގެ ބަތަލާ ޝްރައްދާ އެކުގައި ބައިވެރިވާ ތިން ވަނަ ފިލްމެވެ. މީގެ ކުރިން ޝްރައްދާ ވަނީ މޯހިތު ޑައިރެކްޓްކުރި "އާޝިގީ 2" އާއި "އޭކް ވިލަން" ކުޅެފަ އެވެ. އިއްތިފާގުން މި ދެ ފިލްމަކީ ވެސް ވަރަށް ކާމިޔާބު ދެ ފިލްމެވެ.
މޯހިތު އެންމެ ފަހުން ޑައިރެކްޓްކުރި "ހަމާރީ އަދޫރީ ކަހާނީ" ވީ ފްލޮޕެވެ. އަދި ޝްރައްދާގެ އެންމެ ފަހުން ނުކުތް "ރޮކް އޮން 2" އާއި "އޯކޭ ޖާނޫ" ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. އެހެންކަމުން ކާމިޔާބު ތިން ފިލްމެއްގެ ހެޓްރިކް ހެދިއްޖެ ނަމަ މޯހިތު އާއި ޝްރައްދާ ވަނީ އެކަކު އަނެކަކަށް ވަރަށް ނަސީބުގަދަ ދެ ފަންނާނުންނަށެވެ.
އަރްޖުން ކަޕޫރުގެ އެންމެ ފަހުން ރިލީޒްވެފައި ވަނީ ކަރީނާ ކަޕޫރާ އެކު އޭނާ ކުޅުނު "ކީ އެންޑް ކާ" އެވެ. މިއީ އެވްރެޖް ފިލްމެކެވެ.
"ހާފް ގާލްފްރެންޑް" އަކީ މާދަވް ޖާ ކިޔާ ބިހާރަށް ނިސްބަތްވާ ޒުވާން ފިރިހެނަކު އިނގިރޭސި ބަސް ދަސްނުވެގެން އުޅޭ ގޮތް ފެނިގެންދާ ފިލްމެކެވެ. އޭނާ ސެން ސްޓީވަންސް ކޮލެޖަށް ކިޔަވަން ދާ ތަނުން ރިއާ ސުމާނީ ކިޔާ އަންހެންކުއްޖަކާ ބައްދަލުވެ އޭނާއާ މޮޔަވެ އެވެ. ނަމަވެސް މާދަރް އާއި ރިއާ އަކީ މުއްސަނދިކަމާއި އިނގިރޭސިން ވާހަކަ ދެއްކުމުގެ ހުނަރަށް ބަލާއިރު އުޑާ ބިމާހާ ތަފާތު ދެ މީހުންނެވެ. މި ފިލްމުން ފެންނަނީ ރިއާ ހާސިލުކުރުމަށް މާދަވް ކެނޑިނޭޅި ކުރާ މަސައްކަތެވެ.