20 ޖޫން 2016 - 10:47

ސެއިން އެޓިއެން، ފްރާންސް (ޖޫން 20) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްލޮވާކިއާއާ ދެކޮޅަށް ކުޅޭ މެޗަށް އިނގިރޭސި ޓީމުން ނެރޭ ފުރަތަމަ އެގާރައިގައި ޑެނިއަލް ސްޓަރިޖާއި ޖޭމީ ވާޑީ ހިމެނުމަށް ވިސްނަމުންދާ ކަމަށް އިނގިރޭސި ކޯޗު ރޯއީ ހޮޖްސަން ބުނެފި އެވެ.

އިންގްލެންޑް އެންމެ ފަހުން ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ބަލިވެފައި ވަނިކޮށް ދެ ވަނަ ހާފްގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި އަރައި އެ ޓީމު މޮޅު ކޮށްދިނީ ވާޑީ އާއި ސްޓަރިޖެވެ.
"ވާޑީ އާއި ސްޓަރިޖް ވަނީ ދިން ފުރުސަތުގެ ބޭނުން ހިފާފައި. މި ދެ ކުޅުންތެރިންނަށް ދެ ވަނަ ފުރުސަތެއް ދޭން ޖެހޭ. އެކަމާ މެދު މި ދަނީ ވިސްނަމުން،" ހޮޖްސަން ބުންޏެވެ.
ގްރޫޕް ބީގެ އެއް ވަނައިގައި މި ވަގުތު އިންގްލެންޑް އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ވޭލްސް އާއި ތިން ވަނައިގައި އޮތް ސްލޮވާކިއާ އަށް ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ފުލުގައި އޮތް ރަޝިއާ އަށް ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ.
ދެ ވަނަ ބުރުގެ ޖާގައެއް ހޯދަން އިންގްލެންޑަށް މިރޭގެ މެޗުން ބޭނުންވަނީ ޕޮއިންޓެކެވެ. މިރޭ ކުޅޭ އަނެއް މެޗުން ރަޝިއާ އަތުން ވޭލްސް މޮޅުވެއްޖެނަމަ އިނގިރޭސިންނަށް ގްރޫޕް އެއް ވަނަ ލިބޭނީ ސްލޮވާކިއާ ބަލިކޮށްގެންނެވެ. ސްލޮވާކިއާ އަތުން އިނގިރޭސިން ބަލިވެއްޖެނަމަ އެ ޓީމަށް ދެ ވަނަ ބުރުގެ ޖާގައެއް އޮތީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިން ވަނަ ދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.
"އަހަރެމެން ބޭނުން ގްރޫޕްގެ އެއް ވަަނަ. އެއީ ތިން ވަނަ އަށް ދާ ޓީމެއްގެ ގޮތުގައި ދެ ވަނަ ބުރަށް ގޮސްގެން ކުރިއަށްދާން ފަސޭހަނުވާނެ،" ހޮޖްސަން ބުންޏެވެ.
ތިން ވަނަ ޓީމުގެ ގޮތުގައި އިނގިރޭސިން ދެ ވަނަ ބުރަށް ގޮސްފިނަމަ އެ ޓީމު ކުޅެން ޖެހުން އެންމެ ގާތީ ގްރޫޕް ސީގެ އެއް ވަނަ ޖަރުމަނާ އެވެ.
ސްލޮވާކިއާއާ ދެކޮޅަށް އިނގިރޭސިންގެ ރެކޯޑް ރަނގަޅެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފަ އެވެ. އެންމެ ފަހުން މި ދެ ޓީމު ކުޅުނީ 2009 ވަނަ އަހަރު ރަހުމަތްތެރިކަމުގެ މެޗެއްގަ އެވެ. އެ ފަހަރު އިނގިރޭސިން މޮޅުވީ 4-0 އިންނެވެ.
އިންގްލެންޑާއި ސްލޮވާކިއާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.