ފުރަތަމަ ކުއާޓާގައި ސިވިލް ކޯޓުން 900 އަށް ވުރެ ގިނަ މައްސަލަ ނިންމައިފި
ފުރަތަމަ ކުއާޓާގައި ސިވިލް ކޯޓުން 900 އަށް ވުރެ ގިނަ މައްސަލަ ނިންމައިފި

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ސިވިލް ކޯޓުން 900 އަށް ވުރެ ގިނަ މައްސަލަ ނިންމާފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސިވިލް ކޯޓުން އާންމުކޮށްފައިވާ އެ ކޯޓުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 15 ވަނަ ދުވަހު ފުރަތަމަ ކުއާޓާ ނިމުނުއިރު 961 މައްސަލައެއް ސިވިލް ކޯޓުން ވަނީ ނިންމައިފަ އެވެ. ފުރަތަމަ ކުއާޓާގައި 1،436 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އެ މުއްދަތުގައި ނުނިމި ބާކީ އޮތީ 1،124 މައްސަލަ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުން ފުރަތަމަ ކުއާޓާ ނިމުނުއިރު، ސިވިލް ކޯޓުގައި އަށް މަހަށް ވުރެ ގިނަ ދުވަސްވެފައި އޮތީ އެންމެ 40 މައްސަލައެކެވެ. އެ މުއްދަތުގައި ނިންމި މައްސަލަތަކުގެ ތެރޭގައި އަށް މަހަށް ވުރެ ގިނަ ދުވަސްވީ 170 މައްސަލައެއް ހިމެނޭ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ޝަރީއަތް ފެށުމުގެ ކުރިން ސުލްހަވެރި ހައްލެއް ލިބޭތޯ އޮންނަ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުން ފުރަތަމަ ކުއާޓާގައި 887 މައްސަލައެއް ހުށަހެޅިއިރު އޭގެ ތެރެއިން 401 މައްސަލައެއް ހައްލުވެފައިވާ ކަމަށް އެ ހިސާބުތަކުގައިވެ އެވެ. އެއީ ހުށަހެޅި މައްސަލަތަކުގެ 41 ޕަސެންޓެވެ. ގޮތެއް ނުނިމި އެ ޑިވިޝަންގައި ބާކީ އޮތީ 79 މައްސަލަ އެކެވެ.

ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނަށް އެ މުއްދަތުގައި 48 މައްސަލައެއް ހުށަހެޅިއިރު 33 މައްސަލައެއް އެ ޑިވިޝަނުން ވަނީ ނިންމައިފަ އެވެ. އެ މުއްދަތުގައި އެ ޑިވިޝަނުން ނިންމި މައްސަލަތަކަކީ މިދިޔަ އަހަރު ނިމުނުއިރު އެ ޑިވިޝަންގައި ބާކީ އޮތް 54 މައްސަލައެއް ވެސް ހިމެނޭ ގޮތުން ނިންމި މައްސަލަތަކެވެ.
ފުރަތަމަ ކުއާޓާ ނިމުނުއިރު އެ ޑިވިޝަންގައި ބާކީ އޮތީ 69 މައްސަލަ އެވެ.

ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމާފައިވަނީ އެ އަހަރު ނިމެންވާއިރަށް އެ ކޯޓުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ އެއްވެސް މައްސަލައެއް ނުބޭއްވުމަށެވެ. މިދިޔަ އަހަރު ނިމުނުއިރު އެ ކޯޓުގައި އޮތީ އެއް އަހަރަށް ވުރެ ގިނަ ދުވަސްވީ އެންމެ ތިން މައްސަލަ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާ ނިމޭއިރު އަށް މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އެއްވެސް މައްސަލައެއް ނުބޭއްވުމަށާއި މިއަހަރު ނިމޭއިރު ހަ މަސް ވެފައިވާ އެއްވެސް މައްސަލައެއް ނުބޭއްވުމަށް ވެސް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.