20 ޖޫން 2016 - 10:32

ޔުނައިޓެޑް ނޭޝަންސް (ޖޫން 20) - ހަނގުރާމަތަކާއި ހިމާޔަތް ހޯދައިގެންނާއި އެނޫން ވެސް ގޮތް ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ މީހުންގެ އަދަދު 65.3 މިލިއަނަށް އަރާފައިވާ ކަމަށާއި އެހެންވެ ދުނިޔޭގެ އާބާދީގެ ތެރޭން ކޮންމެ 113 މީހުންގެ ތެރޭން އެކަކު ދިރިއުޅެން ޖެހިފައި ވަނީ ރެފިއުޖީއެއްގެ ގޮތުގައި ކަމަށް އދ. އިން ބުނެފި އެވެ.

އދ.ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ބުނީ ރެފިއުޖީންގެ އަދަދު މިހާރު ވަނީ ރެކޯޑް އަދަދަކަށް އަރާފައި ކަމަށާ ކޮންމެ އަހަރަކު ވެސް ފަސް މިލިއަން ރެފިއުޖީން އިތުރުވަމުންދާ ކަމަށެވެ. ދުނިޔޭގެ ރެފިއުޖީންނާ ބެހޭ ދުވަހު އދ. އިން ނެރުނު އަހަރީ ރިޕޯޓުގައި ބުނީ މިއީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ރެފުއުޖީންގެ އަދަދު 60 މިލިއަން ފަހަނަޅާ ދިޔަ ފުރަތަމަ ފަހަރު ކަމަށެވެ. މީގެ ތެރޭން ދެބައިކުޅަ އެއްބައި ރެފިއުޖީންނަކީ ހަނގުރާމަ ހިނގާ ގައުމުތައް ކަމަށްވާ އަފްޣާނިސްތާން، ސީރިއާ އަދި ސޯމާލިއާގެ މީހުންނެވެ.

ގިނަ އަދަަދެއްގެ ރެފިއުޖީން ޔޫރަޕަށް އެތެރެވާން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އދ. އިން ބުނެފައި ވަނީ 86 ޕަސެންޓް ރެފިއުޖީން ދިރިއުޅެނީ މަދު އަދި މެދު މިންވަރެއްގެ އާމްދަނީ ލިބޭ ގައުމުތަކުގައި ކަމަށެވެ. ހިމާޔަތް ހޯދުމަށް އެންމެ ގިނަ މީހުން އެދިފައި ވަނީ ޖަރުމަނުންނެވެ.
މިދިޔަ އަހަރު ކަނޑު މަގުން ޔޫރަޕަށް ވަނީ 1،011،700 ރެފިއުޖީން އެތެރެވެފައި ކަމަށް އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) އިން ބުންޏެވެ. ނަމަވެސް އެހެން އެޖެންސީތަކުން ބުނަނީ މި އަދަދު މިއަށް ވުރެ މާ މަތިވާނެ ކަމަށެވެ. އެއްގަމު މަގުން ވަނީ 35،000 މީހުން ޔޫރަޕަށް ވަދެފަ އެވެ.