21 މެއި 2017 - 12:06

މެލޭޝިއާގައި ބޭއްވި ހޮންޑާ ހާފް މެރެތަން ރޭހުގެ އޯޕަން ބައިގެ ފަސް ވަނަ ހޯދައި ރާއްޖޭގެ ޝިފާޒް މުހައްމަދު އެ އިވެންޓުގެ ގައުމީ ރެކޯޑް އެއް މަސް ދުވަހުގެ ތެރޭގައި ދެ ވަނަ ފަހަރަށް އާކޮށްފި އެވެ.
މިދިޔަ އަހަރު މޮރޮކޯގެ ނަޑޯ މެރެތަންގައި 1 ގަޑި 16:17 މިނެޓުން ރޭސް ނިންމައިގެން އަހުމަދު ޝަރަފް ހަދާފައިވާ ރެކޯޑް ޝިފާޒް އެންމެ ފުރަތަމަ މުގުރާލީ ނޭޕާލުގެ ބިރްގުންޖް ހާފް މެރެތަންގައި އޭޕްރިލް 22 ވަނަ ދުވަހު 1 ގަޑި 16:10 މިނެޓުން ދުވެގެންނެވެ.
މެލޭޝިއާގެ ކުއާލަލަމްޕޫރުގައި މިއަދު ބޭއްވި ހޮންޑާ ހާފް މެރެތަން ރޭހުގައި އޭނާ ރެކޯޑް މުގުރާލީ 1 ގަޑި 15:18 މިނެޓުން ރޭސް ނިންމައިގެންނެވެ. މި ފަހަރު ޝިފާޒް މި ހޯދީ މިނެޓަކަށް ވުރެ ބޮޑު ކުރިއެރުމެކެވެ.
ޝިފާޒުގެ އިތުރުން ދިވެހި ސިފައިންގެ ކްލަބުގެ ތިން ދުވުންތެރިއަކު މެލޭޝިއާ އަށް ރޭސް ޖަހަން ދިޔައީ ނޭޕާލުގައި ވަރުގަދަ ތަމްރީންތަކެއް ފުރިހަމަ ކުރުމަށް ފަހު ގައުމީ ރެކޯޑް އާކުރުމުގެ އަމާޒުގަ އެވެ. މި ޓީމުގައި ދެން ހިމެނެނީ މިހާތަނަށް 16 މެރެތަން ރޭސް ދުވެފައިވާ ނަސްރުﷲ އަހުމަދާއި ހާފް މެރެތަން ކުރީގެ ރެކޯޑް ހޯލްޑަރު އަހުމަދު ރިޒާ އަދި މުހައްމަދު ރަޝީދު (މޯޑް) އެވެ.
މި ދުވުންތެރިން ވަނީ ނޭޕާލުގެ ގައުމީ ކޯޗުގެ ބެލުމުގެ ދަށުން ދެ މަހާއި 10 ދުވަހު ކަތުމަންޑޫގައި ތަމްރީން ހަދައިފަ އެވެ. އެ ފުރުސަތު ހޯދައިދިނީ އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) އާއި ދިވެހި ސިފައިންގެ ކްލަބުންނެވެ.
ސިފައިންގޭގައި މަސައްކަތްކުރާ ޝިފާޒަކީ ދިގު ރާސްތާ މުބާރާތްތަކުގައި ގަވާއިދުން ބައިވެރިވަމުން އަންނަ ދުވުންތެރިއެކެވެ. އޭނާ ވަނީ ދިރާގު ރޯޑްރޭސް ވެސް މީގެ ކުރިން ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ އުނދަގޫ އެއް ރޭސް ކަމަށްވާ ރެޑްބުލް ކެޗް ދަ ފެރީ ރޭސް 2015 ވަނަ އަހަރު ކާމިޔާބުކުރި އެވެ.