ސިޓީ އާއި ލިވަޕޫލް ކުރީގައި، އާސެނަލް ވިއްދާފައި
ސިޓީ އާއި ލިވަޕޫލް ކުރީގައި، އާސެނަލް ވިއްދާފައި

ލަންޑަން (މެއި 21) - އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުތަކާ ކުރިމަތިލާއިރު މިހާރު ފޯރިގަދަވެފައި އޮތީ ލީގު ޗެމްޕިއަންކަމެއް ނޫނެވެ. އަދި ރެލިގޭޝަން ޒޯނެއް ވެސް ނޫނެވެ. ލީގުގެ ގަދަ ހަތަރެއްގެ ފަހު ދެ ޖާގަ އެވެ. ފަހު ދެ ޖާގަ އަށް ވާދަކޮށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އަދި އާސެނަލް އެވެ.

ޗެލްސީ ލީގުގެ ކުރީގައި އޮތީ 90 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 83 ޕޮއިންޓް ހޯދައިގެން އޮތީ ޓޮޓެންހަމް އެވެ. މި ދެ ޓީމަށް ވެސް ވަނީ ޗެމްޕިއަންސް ލީގުގެ ޖާގަ ޔަގީންވެފަ އެވެ. ތިން ވަނައިގައި އޮތީ 75 ޕޮއިންޓް ހޯދައިގެން ސިޓީ އެވެ. ހަތަރު ވަނައިގައި 73 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު، ފަސް ވަނައިގައި އާސެނަލް އޮތީ 72 ޕޮއިންޓް ހޯދައިގެންނެވެ.

މިރޭ ރަށުން ބޭރުގައި ވަޓްފޯޑް އަތުން މޮޅުވެގެން ސިޓީ އަށް ލީގުގެ ތިން ވަނަ ލިބޭއިރު، އަމިއްލަ ދަނޑުގައި މިޑްލްސްބަރާ އަތުން މޮޅެއް ހޯދައި ލިވަޕޫލަށް ވެސް ގަދަ ހަތަރެއްގައި ނިންމާލެވޭނެ އެވެ. އާސެނަލަށް އޮތް ފުރުސަތަކީ ލިވަޕޫލް ނޫނީ ސިޓީ ބަލިވެ، އެ ޓީމު އެވަޓަންއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗުން މޮޅުވުމެވެ.

އާސެނަލްގެ ކޯޗުކަމާ އާސެން ވެންގާ 1996 ވަނަ އަހަރު ހަވާލުވި ފަހުން އެ ޓީމު ވަނީ ފާއިތުވި ހުރިހާ ސީޒަނެއްގައި ލީގުގެ ގަދަ ހަތަރެއްގައި ނިންމާލައިފަ އެވެ. އެހެން ނަމަވެސް ލީގުގެ ފަހު މެޗާ ކުރިމަތިލާއިރު، އާސެނަލަށް ގަދަ ހަތަރެއްގައި ނިންމާލުމުގެ އަމިއްލަ ބާރު ނެތް ނަމަވެސް ވެންގާ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ.

"މި ލީގުގައި ހިނގާފައިވާ ކަންތައްތަކަށް ބަލާއިރު ފަހު ސިކުންތުކޮޅުގެ ތެރޭގައި އެބަހުރި ލީގު ޗެމްޕިއަންކަން ވެސް ޓީމުތަކުން ހޯދާފައި. އެހެން ވުމުން ކިތަންމެ ކުޑަ ފުރުސަތެއް އޮތަސް އުއްމީދު ދޫކޮށް ލެވޭކަށެއް ނެތް. އަހަރެމެން ކުޅޭ މެޗުން މޮޅުވީމަ އަހަރެމެންގެ މަސައްކަތް ނިމުނީ. ދެން ހުރި މެޗުތަކަށް ބަލާނީ ފަހުން،" ވެންގާ ބުންޏެވެ.

މިއީ ސިޓީގެ ޕެޕް ގާޑިއޯލާ ކޯޗުކޮށްދޭ ޓީމެއް ހުސްއަތާ ނިންމާލާ ފުރަތަމަ ސީޒަނެވެ. ފަހު މެޗަށް ކުރިމަތިލާއިރު ގާޑިއޯލާ ބުނީ ސިޓީ އަށް ޕްރެޝަރެއް ނެތް ކަމަށާއި އަމިއްލަ ބާރުގައި ރަނގަޅު ހިސާބެއްގައި އޮވެ ލީގު ނިންމާލުމުގެ ފުރުސަތު އެ ޓީމަށް އެބައޮތް ކަމަށެވެ.

"އަހަރެމެންނަށް ނެތް ތަށްޓަކަށް ވާދަކުރެވެން. އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެވޭ ހިސާބެއްގައި ނިންމާލުމުގެ ބާރު އަހަރެމެންނަށް އެބައޮތް. ބޭނުންވަނީ ޕޮއިންޓެއް. އެކަން ހާސިލްކުރަން ޓީމު ކުރަން ޖެހޭ މަސައްކަތް އަހަންނަށް އެނގޭ،" ގާޑިއޯލާ ބުންޏެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ މުޅި ސީޒަނުގައި އެ ޓީމުން ކުރި މަސައްކަތުގެ ނަތީޖާ ބިނާވަނީ މި މެޗަށް ކަމަށެވެ.

"އަހަރެމެން މުޅި ސީޒަނުގައި މަސައްކަތް ކުރީ އެންމެ ދަށް ވެގެން ގަދަ ހަތަރެއް ޔަގީންކުރަން. އެކަން ހާސިލްކުރަން މި ކުޅެން ޖެހެނީ ފައިނަލެއް ފަދަ މެޗެއް. މިއީ އަންނަ ސީޒަނަށް ޓީމު ބައްޓަން ކުރުމުގައި މުހިއްމު ދައުރެއް އަދާކުރާނެ މެޗެއް،" ކްލޮޕް ބުންޏެވެ.

ލީގުގެ ފަހު މެޗުތަކާ ކުރިމަތިލާއިރު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ ޓީމުތައް ވަނީ ނިމިފަ އެވެ. އެއީ ހަލް ސިޓީ އާއި މިޑްލްސްބަރާ އަދި ސަންޑަލެންޑެވެ. ޕްރިމިއާ ލީގުގެ 10 މެޗު ވެސް މިރޭ ކުޅޭނީ އެއް ގަޑިއެއްގަ އެވެ. މެޗުތައް ފަށާނީ މިރޭ 19:00 ގަ އެވެ.