21 މެއި 2017 - 00:20

ސަސްޕެންޝަނުގެ ސަބަބުން މުހިއްމު ހަތަރު ކުޅުންތެރިއަކު ނެތި ކުޅެ ނިއު ރޭޑިއަންޓުން އަލީ ފާސިރު (ސެންޓޭ) ގެ ލަނޑާ އެކު އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް ވެލެންސިއާ އަތުން 1-0 އިން މޮޅުވެއްޖެ އެވެ.
އެންމެ ފަހުން އީގަލްސް އަތުން 1-0 އިން ބަލިވި މެޗަށް ފަހު ހިނގި ހަމަނުޖެހުމާ ގުޅިގެން އެފްއޭއެމުން ދިން ސަސްޕެންޝަނުގެ ސަބަބުން ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި މިޑްފީލްޑަރު ޖަމީލް ލީފްލޭންގް އަދި ފޯވާޑް އެޑްރިއަން ގަލާޑޯ އަށް މިރޭ ނުކުޅެވެ އެވެ. އަނެއްކޮޅުން ދެކާޑު ހަމަވުމުގެ ސަބަބުން އަކްރަމް އަބްދުލްގަނީ ވެސް މިރޭ ހުރީ ކުޅިބަލާށެވެ.
އުނދަގޫ ހާލަތެއްގައި އޮވެ ހޯދި މޮޅާ އެކު ނިއު ވަނީ 18 ޕޮއިންޓާ ހަމަކޮށް އެއް ވަނައިގައި 21 ޕޮއިންޓާ އެކު އޮތް މާޒިޔާއާ ތިން ޕޮއިންޓަށް ގާތްކޮށްފަ އެވެ. އެކަމަކު ހޯމަ ދުވަހު ވިކްޓަރީ އަތުން މޮޅުވެގެން މާޒިޔާ އަށް އަލުން ހަ ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު އެބައޮތެވެ. އަނެއްކޮޅުން ނިއު ވަނީ ތިން ވަނައިގައި 13 ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސްގެ މައްޗަށް ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ޓީމު މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާ 1-1 އިން ވަނީ އެއްވަރުވެފަ އެވެ. އެންމެ ޕޮއިންޓަކާ އެކު ވެލެންސިއާ ފުލުގައި އޮތްއިރު ގަދަ ހަތަރެއްގައި ހިމެނި ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމަށް އެ ޓީމަށް ދެން އޮތީ ހަނި ފުރުސަތެކެވެ.
މިރޭގެ މެޗުގައި ނިއުގެ ގޯލް ބެލެހެއްޓީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ކާމިޔާބުކުރި ބ. އޭދަފުށީ ޓީމުގެ ގޯލްކީޕަރު އަބްދުﷲ ޒިޔަޒަން އެވެ. ވާތު ބެކް މުހައްމަދު ރަޝީދު (ހޮކޭ) މެދުތެރެއަށް ކުޅުނުއިރު އޭނާގެ މަގާމަށް މިރޭ ކުޅުނީ ފާރޫގް އިސްމާއީލެވެ. ޑިފެންސިވް މިޑްފީލްޑަރަކަށް ކުޅުނީ ޒުވާން ކުޅުންތެރިއާ އަލީ ޝާމިއު އެވެ.
މެޗުގެ ކުރީކޮޅު ވެލެންސިއާ އިން ކޮންޓްރޯލްކުރި ނަމަވެސް ހާފު ކުރިއަށް ދިޔަވަރަކަށް ނިއު އިން މެޗުގެ ތެރެއަށް ވަދެ ކޮންޓްރޯލް ހޯދައިފަ އެވެ. މި ހާފުގައި އެންމެ ރަނގަޅު ދެ ފުރުސަތެއް ލިބުނީ ނިއުގެ ކެޕްޓަން ސެންޓޭ އަށެވެ. އެގޮތުން 16 ވަނަ މިނެޓުގައި އޭނާ ނުރައްކާތެރި ހިލޭ ޖެހުމެއް ފޮނުވާލިއިރު ވެލެންސިއާ ގޯލްކީޕަރު މުހައްމަދު ފައިސަލް މަތަކުރި އެވެ. އޭގެ ހަތަރު މިނެޓު ފަހުން އޭނާ އަރިމަތިން އަރައި، އޭރިއާ ބޭރުން ފޮނުވާލި ބާރު ޝޮޓް ވެސް ފައިސަލް ދިފާއުކުރި އެވެ.
ދެ ވަނަ ހާފު ފަށައިގެން ދެ ވަނަ މިނެޓުގައި ސެންޓޭ ވަނީ ނިއު އަށް ލީޑު ނަގައިދީފަ އެވެ. ވެލެންސިއާގެ ދެ ޑިފެންޑަރުންގެ މެދަށް ވަދެ ބޯޅަ އަތުލައި ސެންޓޭ ހުހަށް އަރައި ބޯޅަ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ.
ނިއުގެ ގޯލާ އެކު ވެލެންސިއާ އިން ކޮންޓްރޯލް ހޯދައި ކުޅެން ފެށި އެވެ. އަދި 63 ވަނަ މިނެޓުގައި އެއްވަރުކުރުމާ ވަރަށް ގާތަށް ދިޔަ އެވެ. އެކަމަކު އަހުމަދު ރިލްވާން (ރިލޭ) އަށް މުޅިން ހުހަށް ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ޒިޔަޒަން ވަނީ ހުށިޔާރުކަމާ އެކު އެ ބޯޅަ ސަލާމަތްކޮށްފަ އެވެ. އޭގެ ފަހުން ވެލެންސިއާގެ އަހުމަދު ވިސާމް (ޖެރަޑް) އޭރިއާ ބޭރުން ފޮނުވާލި ނުރައްކާތެރި ބޯޅައެއް ވެސް ޒިޔަޒަން ސަލާމަތްކުރި އެވެ.
މެޗުގެ ފަހުކޮޅު ލީޑު ފުޅާކުރަން ސެންޓޭ އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ފުރުސަތުތަކެއް ލިބުނެވެ. ސެންޓޭ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ މި ފަހަރު ވެސް ފައިސަލް މަތަކުރިއިރު، ވެލެންސިއާގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ހުހަށް ހުރެ ހަމްޕު ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ އެވެ.
މެޗުގެ އިތުރު ވަގުތުގެ ތެރޭ ވެލެންސިއާގެ ޗިންޑާ ޕްރިންސަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ. އޭނާ އަށް ކާޑު ދެއްކީ ކައުންޓާ އެޓޭކެއްގައި ސެންޓޭ ބޯޅަ ހިފައިގެން ކުރިއަށް ދެމިގަތް ވަގުތު ސެންޓޭ މޫނުމަތީގައި އަތް އަޅައި ވައްޓާލުމުންނެވެ.
ނިއުގެ ކޯޗު ބެނާޑޯ ޓަވަރޭސް ބުނީ މުހިއްމު ކުޅުންތެރިންތަކެއް ނެތި، ޓީމުން މި ދެއްކި ކުޅުމާ މެދު ވަރަށް ބޮޑަށް އުފާވާ ކަމަށާއި މިރޭ ފެނުނީ ލިބުނު ފުރުސަތުގެ ބޭނުން ހިފިތަން ކަމަށެވެ.
"އީގަލްސް މެޗުގެ ފުރަތަމަ ހާފުގައި އަށެއްކަ ފުރުސަތު ލިބި ބޭކާރުވި. މިރޭ ލިބުނު މަދު ފުރުސަތުގެ ތެރެއިން ފުރުސަތެއްގެ ބޭނުން ހިފީ. އަހަރެމެން ވެލެންސިއާ އަށް ވެސް މާގިނަ ފުރުސަތެއް ނުދެން. ހުރިހާ ކުޅުންތެރިން ވެސް ރަނގަޅު ކުޅުމެއް ދެއްކި. މަސައްކަތުގެ ރޫހު ފެނިގެން ދިޔަ މިރޭ" ޓަވަރޭސް ބުންޏެވެ.
އޭނާ ބުނީ މިއީ ލީގުގައި ކުރިއަށް ދިއުމަށް ލިބުނު ހިތްވަރެއް ކަމަށާއި މި ނަތީޖާގެ ސަބަބުން ކުޅުންތެރިންގެ އިތުބާރު ބޮޑުވާނެ ކަމަށެވެ.
ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ ދެ ވަނަ ހާފުގައި އޭނާގެ ޓީމުން މެޗު ކޮންޓްރޯލްކޮށްގެން މޮޅަށް ކުޅުނު ކަމަށާއި މިރޭ ވެސް ދިމާވީ އެހެން މެޗުތަކުގައި ވެސް ދިމާވި ގޮތަށް ލަނޑު ނުޖެހުމުގެ މައްސަލަ ކަމަށެވެ. މީގެ އިތުރުން އޭނާ ވަނީ ސެންޓޭގެ ގޯލުގައި ޑިފެންސަށް ގޯހެއް ހެދުނު ކަމަށް ބުނެފަ އެވެ.
"ވިއްސާރަ ރެޔަކަށް ވުމުން ދަނޑު ކައްސާނެ ކަމަށް ވެސް ބުނިން. އެއްވެސް ކުޅުންތެރިއަކު ގަސްދުގައި ގޯހެއް ނަހަދާނެ. އެކަމަކު މިރޭ ޑިފެންސް ލައިނުގައި މައްސަލަތަކެއް ފާހަގަވި. އަނެއްކޮޅުން އެ ދޫވި ބޯޅައިގައި އެޓޭކްކުރަން ހުރީ ސެންޓޭ. އޭނާ އަކީ ދުވެލި ބާރު އަދި ޓެކްނިކަލީ މޮޅު ކުޅުންތެރިއެއް. އޭގެ ބޭނުން އޭނާ ހިފި،" ފެސްކޯ ބުންޏެވެ.