"މާމާ މިއާ"ގެ ދެވަނަ ބައެއް ހަދަން ނިންމައިފި
"މާމާ މިއާ"ގެ ދެވަނަ ބައެއް ހަދަން ނިންމައިފި

ދެހާސް އަށް ވަނަ އަހަރު ރިލީޒް ކުރި މިއުޒިކަލް ރޮމޭންޓިކް ކޮމެޑީ "މާމާ މިއާ" އަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ފިލްމެކެވެ.

ހާއްސަކޮށް އެ ފިލްމުގެ ލީޑް ތިން ތަރިން ކަމަށްވާ މެރީލް ސްޓްރީޕާއި ކޮލިން ފާތު އަދި ޕިއާސް ބްރޮސްނަން ދައްކުވައި ދިން ރޯލްތައް ބެލުންތެރިންނަށް ވަރަށް މަޖާވި އެވެ

ރިލީޒް ކުރިތާ ނުވަ އަހަރު ފަހުން "މާމާ މިއާ" ގެ ދެވަނަ ބައެއް ހަދަން މިހާރު ވަނީ ނިންމައިފަ އެވެ. ހޮލީވުޑްގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން ސީކްއެލް އިން ވެސް މީގެ އަސްލު ކާސްޓުން ފެނިގެން ދާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ދެވަނަ ބައި ފައްކާ ކުރަމުން އަންނަނީ ޕްރިކްލްއަކާއި ސީކްއެލަކަށް ވެސް ފެތޭ ގޮތަށެވެ.

މާނަކީ އަކީ މީގެ މައި ކާސްޓުންގެ ޒުވާންކޮށް ދައްކުވައިދޭ ކެރެކްޓާތަކެއް ވެސް އާ ފިލްމުން ފެނުމެވެ.

ނަމަވެސް މީގެ އެންމެ މުހިއްމު ތިން ތަރިން ފިލްމުން ފެނިގެން ދާނެތީ އެއީ ހަމަ ގައިމު ވެސް "މާމާ މިއާ" ގެ އިތުރު ބަޔަކަށް އިންތިޒާރު ކުރާ މީހުންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ.

ފިލީޑާ ލޮއިޑް ޑައިރެކްޓް ކުރި "މާމާ މިއާ" ގެ ދެވަނަ ބައިގެ ޑައިރެކްޝަން ހަވާލު ކުރަނީ "ދަ ބެސްޓް އެގްޒޯޓިކް މެރީގޮލްޑް ހޮޓެލް" ގެ ސްކްރީން ރައިޓަރު އޮލް ޕާކާއާ އެވެ. މީގެ ކުރިން ވެސް ޕާކާ ވަނީ ފިލްމެއް ޑައިރެކްޓްކޮށްފަ އެވެ. އެއީ ނައު އިޒް ގުޑް (2012) އެވެ.

އަންނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލްކޮށްފައިވާ "މާމާ މިއާ" ގެ ދެވަނަ ބަޔަށް ދީފައިވާ ނަމަކީ "މާމާ މިއާ: ހިއާ ވީ ގޯ އެގެއިން" އެވެ.

ފަންސާސް ދެމިލިއަން ޑޮލަރުގެ ބަޖެޓަކުން އުފައްދައި ޖުލައި 11، 2008 ގައި ރިލީޒް ކުރި "މާމާ މިއާ" އަށް ބޮކްސް އޮފީހުގައި 609.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.