އުދާސް
އުދާސް

އަހަންނަށް ފެނުނީ އަނދިރިކަމެވެ. ހިތްދަތިކަމެވެ. ނުތަނަވަސްކަމެވެ. އޮފީހުގެ މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނދެލައިގެން، ދެ ލޯމަރައިލައިގެން އެތައް އިރަކު އަހަރެން އިނީމެވެ. ލޯ ހުޅުވަންވީ ކީއްކުރަން ހެއްޔެވެ؟ އެއްވެސް މީހަކަށް ބަލައިކަށް އަހަރެން ބޭނުމެއް ނޫނެވެ. ހެޔޮއެދޭ އެކަކު ވެސް ނެތެވެ. ކޮންމެ މީހަކު ވެސް އުޅެނީ އަމިއްލައެދުމައިގެންނެވެ. އަހަރެން ކޮށްދިން ރަނގަޅު އެއްވެސް ކަމެއް ނެތެވެ. ވީއިރު، ޢާއިލާއަށް ވަގުތު ނުދީ އަހަރެން އޮފީހުގައި ކުރީ ކީއްހެއްޔެވެ؟ ވިހި އަހަރު ވަޒީފާގައި އުޅުނުއިރު، ގޮނޑި ހޫނުކުރުމުގެ އިތުރުން ވެސް ކޮންމެވެސް ކަމެއް އަހަރެންނަށް ކޮށްދެވިފައި އޮންނާން ޖެހޭނެއެވެ. ނެތެވެ. ހައްތާ ވެސް ހުރީ ނުކުރެވުނު ކަންތަކާއި ކުރެވުނު ނުރަނގަޅު ކަންތަކެވެ. އަހަންނަށް ވުރެ މާ ފަހުން އޮފީހަށް ވަން މީހުން އަހަރެންގެ ބޮލަށް ފައިންއަރައިފައި ހިނގައްޖެއެވެ. މައްސަލައަކީ ވެރިޔަކަށް ފިރިހެނަކު ހުރެފައި އަހަރެން އަންހެނަކަށް ވީތީ ހެއްޔެވެ؟ އަހަރެންގެ އުމުރުން ސާޅީސް ދެ އަހަރު ވީތީ ހެއްޔެވެ؟ ފިކުރުތައް މާ ގިނަވުމުން އަހަރެން ބޭނުންވީ އެ ދުވަހަށް މަސައްކަތް ނިންމައިލާށެވެ. ގެއަށް ދާށެވެ. ވަކި ވަރަކަށް ވުރެ ބޮޑަށް ފޫހިވުމުން މަސައްކަތެއް ނުކުރެވޭނެއެވެ. ދަބަސް ހިފައިގެން ހިނގައިގަތީމެވެ. އަހަރެން އަރައިގެންހުރި ބޫޓުގެ ފުންނާބު ރަނގަޅަކަށް ހަރެއްނުލައެވެ. ހަދަން ގެންދާނެ ވަގުތެއް ނެތެވެ. އާ ބޫޓެއް ގަންނާން ދާނެ ވަގުތެއް ވެސް ނުލިބެއެވެ. މާދަންމާދަން ކިޔަކިޔާ ހުއްޓައި ހަފުތާ ނިމެނީއެވެ. އިސްކަންދިނީ އޮފީސް މަސައްކަތަށެވެ. ވީކަމެއް ހަރާމެވެ. ސައިކަލުގައި އިށީންއިރު ފުރޮޅުގެ ވައި ވަރަށް މަޑެވެ. ގޭގެ އެންމެން އަހަރެންގެ ސައިކަލު ދުއްވައެވެ. ވައިކޮޅެއް ޖަހަން ޖެހުނަސް، ޕެޓުރޯލުއަޅަން ޖެހުނަސް އެ ކަން ކުރަންޖެހެނީ އަހަންނެވެ. މަޖީދީމަގަށް ނުކުތްއިރު މަގު ބަންދެވެ. މާލޭގެ މަގުތައް ހަދައި ނިމޭނީ ކޮންދުވަހަކުން ހެއްޔެވެ؟ ގެ ކައިރިއަށް ދިޔައިރު ސައިކަލު ބަހައްޓާނެ ޖާގައެއް ނެތެވެ. އެތައް ހިސާބެއް ދުރުގައި ސައިކަލު ބަހައްޓައިފައި އައިއިރު ގެއަށް ވަދެވޭކަށް ނެތެވެ. ސައިކަލަކާ ޖެހި ސައިކަލެއް އަތުރައިފައި ހުރިއިރު ހީވަނީ އަނގަމަތި މަސްދޯންޏެއްގައި ރާގޮނޑި އަތުރައިފައި ހުރިހެންނެވެ. ރުޅިއައިސްފައި ހުއްޓަކަސް ވާނެކަމެއް ނެތެވެ. ގެއަށް ނުވަދެ އަނބުރައިލައިފައި ދާނެ އެހެން ތަނެއް ނެތެވެ.

ގެއަށް ވަންއިރު އަހަރެންގެ ދެ ކަންފަތުން ދުން ނުކުމެއެވެ. ކާން އިށީނީމެވެ. ރޮށި މޮޑެފައި އެތިކޮޅެއް އަނގަޔަށްލީ ވަގުތު ތައްޔާއި ދޫ އެކުގައި ފިހުނެވެ. އެ ރެއަކީ ޖަލްސާއެއްގައި އަހަރެން ވާހަކަދައްކަންޖެހޭ ރެއެކެވެ. އައި ރުޅިން އޫ އެއްލައިލައިފައި ތެދުވީމެވެ. އަހަންނާ ދިމާއަށް ބަލަހައްޓައިގެން ހުރި މަންމަ ފެނުނީ އެ ވަގުތުއެވެ.

"އަޅެ ލަތާއަށް ވެސް އެނގެންވާނެ ދޯ އެހާ ހޫނުކޮށް ހުއްޓާ މޭޒުމައްޗަށް ރިހަ ނުނަގަން،" ހުރިހައި ރުޅިއެއް ފޮޅައިލެވުނީ މަންމައަށެވެ. "އޭނަ ކީއްވާނީ މަ ކެއުމުގެ ކުރިން ބުނެލަން ރިހަ ހޫނުވާނޭ؟ ކޮބައިތަ އޭނަ؟ ލަތާ! ލަތާ!"

"އަލިފާނުން ކެއްކީތީ ލަތާ ދޯ މި ގޯސްވީ؟ މިހާރު ދެން މާ އަވަހަކަށް ވިއްޔަ ދަރިފުޅު ތި ރުޅިއަންނަނީ،" ވަރަށް އޯގާތެރިކަމާ އެކުގައި މަންމަ ބުންޏެވެ. "ދަރިފުޅު ތަންކޮޅެއް ބަލައިގެން ކެއި ނަމަ.."

"އާނ މަށަށް ވުރެ މަންމައަށް ރަނގަޅުވާނެ އެ ލަތާ ވެސް،" ކާކޮޓަރިން ނުކުންނަމުން އަހަރެން ބުނީމެވެ. "ހުރިހައި ވެސް ނުބަޔަކީ މަ!"

އަހަރެން ކޮޓަރިއަށް ވަންނަންދިޔައިރު ލީޒާ ބަލަހައްޓައިގެން ހުއްޓެވެ. އުމުރުން އަށް އަހަރުގެ ލީޒާއަކީ، އަހަރެންގެ ކައިވެނީގެ ހަމައެކަނި ނިޝާނެވެ. ވަރަށް ތޫނުފިލި، ބަސްއަހާ ދަރިއެކެވެ. ހިތްއަލި، ހަލަނި ކުއްޖެއް ވެސް މެއެވެ. އެކަމަކު، ފަހަކަށް އައިސް ލީޒާގެ މިޒާޖަށް ބަދަލުތަކެއް އަތުވެއްޖެއެވެ. އަބަދު ވެސް އޭނަ ފެންނަނީ އުދާސްވެފައި އިންދައެވެ. ފިކުރަކަށް ގެއްލިފައި އިންދައެވެ. އެ އުމުރުގެ ކުއްޖަކު ކުރަން އޮންނާނީ ކޮން ފިކުރެއް ހެއްޔެވެ؟ ލީޒާ ބުނި އެއްޗެއް އަހަރެން ގަނެދެމެވެ. ދަރިފުޅާ ބައްޕަޔާ ދެމެދުގައި އޮންނަ ގުޅުމުގެ ތެރެއަކަށް އަހަރެން ނުވަންނަމެވެ. ވަރިވިތާ ކިތަންމެ ދުވަހެއް ވިޔަސް ވެހެވެ. ބައްޕަގެ ލޯބިން ލީޒާ މަޙްރޫމުވާން ޖެހޭ ސަބަބެއް ވެސް ނެތެވެ. ކުރިން ލީޒާއަކީ ރުޅި މަޑު ކުއްޖެކެވެ. ފަހަކަށް އައިސް، ރުޅިއަންނައިރު ވަރަށް ގަދައަށް ރުޅިއާދެއެވެ. ތާކުންތާކު ނުޖެހޭ ކަންތައްތަކާ ބޮޑާހާކައެވެ.

"މަންމަ މިހާރު އަބަދު ވެސް ހުންނާނީ ރުޅިއައިއްސަ،" ލީޒާ މަޑުމަޑުން ބުނެލިއެވެ. "ލީއްކޮ ދެން ބަސްއަހާނަމޭ!"

އެހެނެއް ނުވާނެއެވެ. އަހަރެން ރުޅިއަންނަންވީ ކޮންކަމަކާ ހެއްޔެވެ؟ ރުޅިއަންނަންޖެހޭ އެއްވެސް ކަމެއް ނެތެވެ. އޮފީހުގެ ވެރިން ކޮންމެ އެއްޗެއް ކިޔަސް އަހަރެންނަށް ކީއްހެއްޔެވެ؟ އޮފީހުގައި ދިމާވާ ކަންތައްތައް އަހަރެން ގެއާ ހަމައަކަށް ނުގެންނަމެވެ. އެ ފަދަ ކިތަންމެ ޖަވާބެއް ދަރިފުޅަށް ދެވުނީހެވެ. ބަހަނާ ދެއްކުނީހެވެ. އެހެންނަމަވެސް އެ ވާނީ ދޮގަކަށެވެ. އެހެންޏާ ނުވިސްނޭ އެއްޗެއް އެ ފަހަރު ވިސްނުނެވެ. ކުރިން އަހަންނަކީ ސަކަ މިޒާޖެއް ހުންނަ މީހެކެވެ. ދަރިފުޅުގެ މިޒާޖު ބަދަލުވިކަން އަހަންނަށް އެނގުނުއިރު، އަހަންނަށް އައި ބަދަލު ފާހަގަ ނުވީ ކީއްވެ ހެއްޔެވެ؟ ލިބިފައިވާ ނަސީބު ގުނާ އަދަދު ނުކުރެވެއެވެ. އެކަމަކު ޝަކުވާ ނޫން އެއްޗެއް އަހަރެންގެ ހިތުގައި ނެތީ ކީއްވެގެން ހެއްޔެވެ؟ ފިރިޔަކު ނެތަސް އަހަންނަށް ދައްޗެއް ނުވެއެވެ. ހޮސްޕިޓަލަށް އަހަރެން ދިޔަ ދުވަހެއް ނުވަތަ ދަރިފުޅު ގެންދިޔަ ދުވަހެއް ހަނދާނެއް ނެތެވެ. ކޮންފަދަ ބޮޑު ނަސީބެއް ހެއްޔެވެ؟ ވަޒީފާއިން ކެނޑުނަސް ލިބޭނެ ދެރައެއް ނެތެވެ. މަންމަ ގޭގެ ބޮޑުބައި ހުރީ ކުއްޔަށްދީފައެވެ. މަހަކު ވަކި ވަރެއް އަހަންނަށް ދެއެވެ. ލައިނުގަނެގެން އަހަރެން އުޅެންވީ ކީއްވެގެން ހެއްޔެވެ؟ އެ ކަމާ ފިކުރުކުރަމުން އައިސް އެނދުގައި އޮށޯވެލީމެވެ. ނިދުނު އިރެއް ނޭނގެއެވެ. ހޭލެވުނުއިރު ދަރިފުޅު އިނީ އަހަރެންގެ ބޮލުގައި ފިރުމާށެވެ.

"މަންމި ރެސްޓުކޮށްލާ!" މައުސޫމު އަޑަކުން ލީޒާ ބުނެލިއެވެ. "އޭރުން ރުޅި މަޑުވާނެ."

ލޯބިން ދަރިފުޅު ގައިގައި ވަރަށް ބާރަށް ބައްދައިލީމެވެ.

"ލީއްކޮ މިއަދު ހޯމްވޯކް ވެސް ހަދާނަން. ޓޯއިސްތައް ވެސް ނަގާނަން،" ލީޒާ ވިސްނަވިސްނައިފައި ކިޔައިދިނެވެ. "ހެދުން ވެސް ކޮނޑުގަ އަޅުވާނަން."

ލީޒާ ދެއްކި ވާހަކައަށް ވުރެ ނުދައްކާ ވާހަކަ އަހަންނަށް އިވުނުލެއް ބާރެވެ. ލީޒާ ބުނި ކަހަލައެވެ. ލީޒާޔާ ހެދި އަހަރެން ރުޅިގަދަ ނުވާށެވެ. ހާސްވެގެން ނޫޅޭށެވެ. އަހަރެން އަބަދު ހާސްވެފަ ހުންނާތީ ލީޒާ ވަރަށް ހާސްވެއެވެ. އެއީ ކުރިން ނުވިސްނި އޮތް ކަމެކެވެ. ލީޒާއަށް އަންނަ ބަދަލު އަހަންނަށް އެނގޭހެން، އަހަންނަށް އަންނަ ބަދަލު ލީޒާއަށް ވެސް ފާހަގަކުރެއެވެ. އެ ކަމާ އޭނަ ވިސްނަނީތާއޭ ހިތަށްއެރިއެވެ. ނަތީޖާއަކަށްވީ މުޅި ގެއަށް ދިރުން ގެނެސްދިން ދަރިފުޅުގެ ދިރުން ކެނޑުމެވެ. އަހަރެންގެ މޫނުބަލާ ލޯގަނޑަކަށް އަހަރެންގެ ދަރިފުޅު ވުމެވެ. އެއްވެސް ކުށަކާ ނުލައި ދަރިފުޅަށް އެ ވަރުގެ ބޮޑު ބުރައެއް އަހަރެން ޖެއްސީ ކީއްވެގެން ހެއްޔެވެ؟ އަހަރެންނަކީ ކޮންކަހަލަ މަންމައެއް ހެއްޔެވެ؟

އިސްކޫލު ބަންދު ދުވަސްކޮޅަކާ ދިމާކޮށް އަހަރެން އޮފީހުން ޗުއްޓީނެގީމެވެ. ފަސް އަހަރު ތެރޭގައި ފުރަތަމަ ފަހަރަށެވެ. ރާއްޖެއިން ބޭރަށް ފުރެން އޮތެވެ. ރިސޯޓަކަށް ދެވެން އޮތެވެ. އަހަރެން ދިޔައީ ވިލިނގިއްޔަށެވެ. މުހިންމީ ދަތުރަށް ކުރާ ޚަރަދެއް ނޫނެވެ. ދަރިފުޅަށް ދެވޭ ވަގުތެވެ. ދާ ތަނަށް ވުރެ މުހިންމީ ކަން ކުރެވޭ ގޮތެވެ. ދަރިފުޅު އުމުރުގެ ކުދިން އަހަރެންގެ ޢާއިލާގައި އުޅެއެވެ. އެކަމަކު އެ ފަދަ ކުއްޖަކު ގެންގޮއްސި ނަމަ، އަހަރެން އުޅޭނީ ފޮޓޯނަގާށެވެ. އިންސްޓަގްރާމާއި އެފްބީއަށް ފޮޓޯ ލުމުގައެވެ. ލިބޭ "ލައިކު" ގުނުމުގައެވެ. ލައިކު ނުދޭ މީހުންގެ ލިސްޓު ހެދުމުގައެވެ. އެ ފަދަ މީހުންނަށް ނަފުރަތު ކުރުމުގައެވެ. ބޭކާރު އެއްޗެހި ހިތަށްއަރުވައިގެން އަހަރެންގެ އުމުރު ކުރު ކުރުމުގައެވެ.

އަހަންނާއި ލީޒާ ތިބީ ވިލިނގިލީގެ ގެސްޓުހައުސްއެއްގައެވެ. ކޮޓަރިން ބޭރަކަށް ފޯނެއް ނުގެންދަމެވެ. ނަމާދުކުރަން ނޫނީ ކޮޓަރިއަކަށް ނުވަންނަމެވެ. ކޮންމެ ދުވަހަކު އަހަރުމެން މޫދަށްއެރެމެވެ. އެކި ކުލަކުލައިގެ މަސްތަކަށް އަތުން ކާންދެމެވެ. ޖެޓްސްކީ ދުއްވީމެވެ. ކެނޯ ދުއްވީމެވެ. ގޮނޑުދޮށުގައި އަކުންބަކުން ކުޅެމެވެ. ވެލިން ގެ ހަދަމެވެ. ހިނގާލަން ދަމެވެ. އިރު އަރާތަނާއި އޮއްސޭތަން ބަލަން ދަމެވެ. ކޯމަސް ފުމޭތަން ވެސް ދެ ދުވަހަކު ފެނުނެވެ. ގަހުގެ އޮފިގަނޑުގައި ތިބެގެން އައިސްކޯނު ކަމެވެ. ބަގީ ދުއްވީމެވެ. ހަތަރު ފުރޮޅުލީ ބައިސްކަލު ދުއްވީމެވެ. ލޮލީއާއި ޖޫސްޕެޓީ ބުއީމެވެ. ކުދިކުދި ކަންތަކެވެ. ދެމައިން އެކުގައި ކުރިން ނުކުރެވިހުރި ކަންތައްތަކެވެ. ލިބުނު އުފާ ބަޔާން ކުރާކަށް އަހަންނަކަށް ނޭނގެއެވެ. ދަރިފުޅަށް ހިތްހަމަޖެހުން ހޯދައިދޭން އުޅުމުގެ ތެރޭގައި އަހަރެންގެ ފިކުރުތައް ކަފުންވިއެވެ. އަހަރެންގެ މޫނުމަތިން އުފާވެރިކަން ފެނުމުން ދަރިފުޅުގެ ފިކުރުތައް ކަފުންވިއެވެ. އަހަންނަކީ ދަރިފުޅުގެ އުފަލެވެ. ދަރިފުޅަކީ އަހަރެންގެ އުފަލެވެ. ކަން އޮންނަ ގޮތަކީ އެއީއެވެ. ވިލިނގިއްޔަށް އަހަރުމެން ކުރި ދަތުރަކީ ހެޔޮ ފާލެކެވެ. މުޅީން އާ ފެށުމެކެވެ.

އަހަންނަށް ކުރިން ވިސްނުނީ ހަމައެކަނި މައްސަލަތަކަށެވެ. ލިބިފައިވާ އުފާތަކާއި، ނިޢުމަތްތަކަށް ނުވިސްނުނެވެ. ހިނިތުންވުމާއެކު އެކުވެރިންނާ ވާހަކަދައްކާކަށް އަހަރެން ހަނދާނެއް ނުހުރެއެވެ. ސިކުނޑީގައި އޮންނަނީ، އެ ދުވަހު ނިންމާން ހުރި މަސައްކަތެވެ. ކުރާ ހުރި ކަންތައްތަކެވެ. ޝަކުވާތަކެވެ. ނުނިމިހުރި މަސައްކަތްތަކާއި ނުލިބިހުރި އުފާތަކެވެ. ވަޒީފާގެ ކުރިއެރުން އަހަންނަށް ލިބޭލެއް މަދީ އަހަރެންގެ މިޒާޖުގެ ސަބަބުންނެވެ. އޯގާތެރިކަމާއި ކެތްތެރިކަމާ އެކު ވާހަކަދައްކާލާކަށް އަހަންނަށް ވަގުތެއް ނޯވެއެވެ. ހަރުކަށިކަމުގެ އިންތިހާއެވެ. ޝުކުރު ނުކުރުމުގެ އިންތިހާއެވެ. ކައިވެނި ރޫޅުނީ ވެސް އެހެންވެގެންނެވެ. އަހަރެންގެ ހިތުގައި ހައިޖާނު އުފެދެނީ ވެސް އެހެންވެއެވެ. ދަރިފުޅު ގަބުވެފައި ހުންނަނީ ވެސް އެހެންވެއެވެ. މައްސަލައަކީ އަހަންނެވެ. އެހެން އެއްވެސް މީހެއް ނޫނެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ ހުދު ކަރުދާހެއްގެ މެދުގައި އޮތް ކަޅު ކުލައިގެ ކުޑަކުޑަ ތިއްކެވެ. ތިކީގެ ވަށައިގެން އޮތް ބޮޑު ހުސް ބަޔެއް ނުފެނުނެވެ. އަބަދު ވެސް ފިކުރު ކުރެވުނީ ހާސިލު ނުވި ކުދިކުދި ކަންތައްތަކާ މެދުގައެވެ. ހާސިލު ވެފައިވާ ބޮޑެތި ކާމިޔާބީތަކާއި ލިބިފައިވާ އުފާތައް ހަނދާންނެތުނީއެވެ.

ނިމުނީ