ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނަށް މޫސަ
ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނަށް މޫސަ

ދުނިޔޭގެ ބެޑްމިންޓަންގެ މައި އިދާރާ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ކައުންސިލަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އިންތިހާބުވެވަޑައިގެންފި އެވެ.

މިއީ ބީޑަބްލިއުއެފްގެ ކައުންސިލްގެ މަގާމަކަށް ދިވެއްސަކު އިންތިހާބުވެވަޑައިގަތް ފުރަތަމަ ފަހަރެވެ. މޫސަ އަންނަނީ މި ވަގުތު ބެޑްމިންޓަން އޭޝިއާގެ މައި އިދާރާގެ ޓެކްނިކަލް ކޮމިޓީގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވަމުންނެވެ.

ބީޑަބްލިއުއެފް ކައުންސިލްގެ މަގާމަކަށް މޫސަ އިންތިހާބުވެވަޑައިގަތީ މިއަދު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ކުރިއަށްދިޔަ ބީޑަބްލިއުއެފްގެ އަހަރީ އާންމު ބައްދަލުވުމުގަ އެވެ. ބީޑަބްލިއުއެފް އިން މިއަދު ކައުންސިލް މެންބަރުން އިންތިހާބުކުރީ 2021 ވަނަ އަހަރުގެ ނިޔަލަށެވެ.

ކުރިން ގައުމީ ޓީމަށް ކުޅުއްވި މޫސަ ފާއިތުވި 10 ވަރަކަށް އަހަރު ފެނިފައިވަނީ ބެޑްމިންޓަންގެ އިދާރީ ބައިންނެވެ. މޫސަ ވަނީ މިދިޔަ އަހަރު މެއި މަހު ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނާ ހަވާލުވުމަށް ފަހު މޫސަ އަންނަނީ ސަރަހައްދީ ފެންވަރުގައި ދިވެހި ބެޑްމިންޓަން ކުޅުންތެރިންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މޫސަ ވަނީ އޭނާގެ ދައުރުގައި ގިނަ ގައުމުތަކަށް ހުޅުވާލައިގެން ރާއްޖޭގައި ބެޑްމިންޓަން ޗެލެންޖްގެ ނަމުގައި ބެޑްމިންޓަން މުބާރާތެއް ބާއްވައިފަ އެވެ.

އެހެން ކުޅިވަރުތަކަށް ބަލާއިރު ދާދި ފަހުން އޭޝިއަން ފެޑެރޭޝަން އޮފް ނެޓްބޯލް އެސޯސިއޭޝަނުގެ ނައިބް ރައީސާގެ މަގާމަށް ރާއްޖޭގެ ނެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސާ އައިމިނަތު ޝާޒްލީން ވަނީ އިންތިހާބުވެވަޑައިގެންފަ އެވެ. އަދި އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އެކްސްކޯގެ މެމްބަރުގެ މަގާމް ރާއްޖޭގެ އަލީ އާޒިމް ފުރުއްވާފައިވާއިރު މުހައްމަދު ޝަވީދު އަންނަނީ މިހާރު ވެސް އެ މަގާމް ފުރުއްވަމުންނެވެ.