"ޑަންގަލް"ވެސް ކުޅެން ބޭނުން: ސަލްމާން
"ޑަންގަލް"ވެސް ކުޅެން ބޭނުން: ސަލްމާން

ސަލްމާން ޚާންގެ "ސުލްތާން"ގެ ޓްރެއިލާ ފެނިފައި އޭނާގެ ފޭނުންތައް މިހާރު ތިބީ ފިލްމު ރިލީޒްކުރާނެ ވަގުތަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރާށެވެ. މިއީ ސަލްމާން މިހާތަނަށް ކުޅޭ ކުޅިވަރެއްގެ މައްޗަށް ބިނާކޮށްފައިވާ ފުރަތަމަ ފިލްމެވެ. ގިނަ ބަޔަކު ބުނަނީ 25 އަހަރަށް ވުރެ ދިގު މުއްދަތެއް ފިލްމު ކުޅުމުގައި ހޭދަކުރުމަށްފަހު ސަލްމާނަށް މިފަދަ ފިލްމެއް ކުޅެން ކެރުނީތީ ސާބަސް ހައްގު ކަމަށެވެ.

ޚާއްސަކޮށް ރެސްލިން ކަހަލަ ކުޅިވަރެއްގައި އެ ލާންޖޭހޭ ހެދުން ސަލްމާނަށް ލާން ކެރުނު ކަމަށްޓަކައި ވެސް ގިނަ ބަޔަކު އޭނާއަށް ތައުރީފު ކުރެ އެވެ.

ބައެއް ފިލްމީ ޚަބަރުތަކުގައި މީގެ ކުރިން ވާގޮތުން "ސުލްތާން"ގެ ޓްރެއިލާ ފެނިފައި އާމިރު ޚާން މިހާރު ހުރީ ކުޑަކޮށް ހާސްވެފަ އެވެ.

ހަގީގަތުގައި "ސުލްތާން" ގެ ފުރަތަމަ ޑްރާފްޓްގައި އެ ފިލްމުގެ ނަމެއްގެ ގޮތުގައި ލިޔެފައި އޮތީ "ޑަންގަލް" ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ދާދިފަހުން ހާމަކުރުމުން "ޑަންގަލް" އާއި "ސުލްތާން" ވަރަށް އެއްގޮތްވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރަން ފެށި އެވެ. އެހެންކަމަށްވާ ނަމަ "ސުލްތާން"ގެ އިޝްތިހާރު ފެނުމުން އާމިރު ކަންބޮޑުނުވާންވީ ސަބަބެއް ނެތެވެ.

ނަމަވެސް ސަލްމާން ބުނަނީ އާމިރު ބިރުގަންނަން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

އިންޓަވިއުއެއްގައި ނޫސްވެރިއަކު ސުވާލުކުރުމުން "އާމިރު ބިރުގަތީ؟" ތޯ ސަލްމާން ސުވާލުކުރި އެވެ.
ދެން ހިނިގަނޑެއް ޖަހާލުމަށް ފަހު ބުނީ އާމިރު އެހެން ބުނި ނަމަ އެވާނީ މަޖަލަކަށް ބުނި އެއްޗަކަށް ކަމަށާއި އާމިރު ބިރުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"ޑަންގަލް" އާއި "ސުލްތާން" އަކީ މުޅިން ތަފާތު ދެ ފިލްމެއް ކަމަށް ސަލްމާން ބުންޏެވެ.

"ޝާހްރުކް ޚާން ލޯބީގެ ފިލްމެއް ކުޅޭތީއޭ ކިޔާފައި އަހަރެން އެކަހަލަ ފިލްމެއް ނުކުޅުން ފަދަ ކަމެއް މިއީ. އާމިރުގެ ފިލްމަކީ އަހަރެންގެ ފިލްމަށް ވުރެ މާބޮޑަށް ވެސް މޮޅުވެފައި ރީތިވާނެ ފިލްމެއް،" ސަލްމާން ބުންޏެވެ.

ސަލްމާން ބުނީ އޭނާއަށް ވާނެ ނަމަ ދެ ފިލްމުވެސް ކުޅޭނީ އޭނާ ކަމަށެވެ. "ސުލްތާން" އަށް ފަހު "ސުލްތާން ކާ ޑަންގަލް" އެވެ.