20 މެއި 2017 - 18:25

އަނިޔާވެރިކޮށް މަރާލި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް ހުރަސް އަޅަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ގާނޫނީ ވަކީލް އަލީ ޝާހު ޝަރުތުތަކާ އެކު މިއަދު ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުން ޝާހު ދޫކޮށްލަން އެންގީ އޭނާ ފަސް ދުވަހު ގޭ ބަންދުގައި ބެހެއްޓުމަށް ފަހު، އެ މުއްދަތު ހަމަވާތީ މިއަދު ކޯޓަށް ގެންދިއުމުންނެވެ. އެކަމަކު އޭނާ ދޫކޮށްލަން ކުރި ޝަރުތުތަކަކީ ކޮބައިކަން ސާފެއް ނުވެ އެވެ.
ޝާހު އަކީ މަރުގެ މައްސަލަތަކާއި ޖިނާއީ އެނޫން ވެސް ބޮޑެތި މައްސަލަތަކުގައި ދިފާއީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރާ ވަކީލެކެވެ.
ޔާމީންގެ މަރުގެ މައްސަލާގައި ހަތް މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެ ތެރޭގައި ޔާމީން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ގައިގެ އެތަން މިތަނަށް ވަޅި ހަރައި، ޔާމީން މަރާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ސިޑި ގޮޅިންނެވެ.