ޓީސީ އާއި ގްރީން ސްޓްރީޓްސް އެއްވަރު
ޓީސީ އާއި ގްރީން ސްޓްރީޓްސް އެއްވަރު

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް 1-1 އިން އެއްވަރުވެއްޖެ އެވެ.

ޓީސީ އާއި ގްރީން ސްޓްރީޓްސް އެއްވަރު
ޓީސީ އާއި ގްރީން ސްޓްރީޓްސް އެއްވަރު

މިއަދުގެ މެޗުން މޮޅުވެގެން ލީގުގެ ދެ ވަނަ އަށް ޖެހިލުމުގެ ފުރުސަތު ގްރީން ސްޓްރީޓްސް އަށް އޮތެވެ. އެހެން ނަމަވެސް މެޗު އެއްވަރުވުމުން ގްރީން ސްޓްރީޓްސް ތިން ވަނައިގައި އޮތީ އަށް މެޗުން 14 ޕޮއިންޓް ހޯދައިގެންނެވެ. މި ޕޮއިންޓާ އެކު ޓީސީ ވަނީ ލީގުގެ ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް އަށް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ. ނަމަވެސް ލީގުގައި މާދަމާރޭ ޔުނައިޓެޑް ވިކްޓަރީ އަތުން ބަލިނުވެ އީގަލްސް ފަރުޖައްސާލައިފިނަމަ އަލުން އެ ޓީމަށް ލީގުގެ ހަތަރު ވަނަ ލިބޭނެ އެވެ.

ޓީސީ އާއި ގްރީން ސްޓްރީޓްސް އެއްވަރު
ޓީސީ އާއި ގްރީން ސްޓްރީޓްސް އެއްވަރު

މި މެޗަށް ނުކުތްއިރު ގްރީން ސްޓްރީޓްސް އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ ކެޕްޓަން ފަރުހާދު އިސްމާއިލް (ފަރޭ) ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވުމެވެ. އޭނާގެ ބަދަލުގައި މިއަދު ބޭންޑް އަޅައިގެން ކުޅުނީ ތަޖުރިބާކާރު ކުޅުންތެރިއާ މުހައްމަދު ޝައްފާޒް (ސައްޕޭ) އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ގްރީން ސްޓްރީޓްސް އަތުން ބަލިވުމުން ޓީސީން މިއަދުގެ މެޗު ފެށީ އެޓޭކް ވަރުގަދަ ކޮށެވެ. އަދި މެޗުގެ ދެ ވަނަ މިނިޓްގައި ނުރައްކާތެރި ހަމަލާއެއް ފޮނުވާލި އެވެ. މެޗުގެ ދެ ވަނަ މިނިޓްގައި އޭރިއާ ބޭރު ރޮނގުކައިރިން ޒުވާން މިޑްފީލްޑަރު އިބްރާހިމް ވަހީދު (އިއްބެ) ފޮނުވާލި ބާރު ޝޮޓް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

އޭގެ ތިން މިނިޓް ފަހުން ގްރީން ސްޓްރީޓްސްގެ ޔޫކްރޭން މިޑްފީލްޑަރު ސޮބޮލް އިލިއާ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ޓީސީގެ ނޭޕާލް ކީޕަރު ކިރަން ޝެމްޝޮން ވަނީ މަތަކޮށްފަ އެވެ.

ދެން ފެނުނީ ދެ ޓީމުގެ މެދުތެރެއިން ބޯޅަ ހިފަަހައްޓައިގެން ކުޅެން ފެށި ތަނެވެ. ގްރީން ސްޓްރީޓްސް އިން ބޯޅަ ހިފަހައްޓައިގެން ފުރުސަތު ތަނަވަސްކުރުމަށް މަސައްކަތް ކުރިއިރު، ޓީސީން ދިޔައީ ކައުންޓަ އެޓޭކުގައި ނުރައްކާ ކުރަމުންނެވެ.

މިގޮތުން މެޗުގެ 20 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ދެ ކުޅުންތެރިއަކު ކައިރިން ނައްޓާލުމަށް ފަހު ޓީސީގެ ކޮނޭލިއަސް ސްޓެވާޓް ނަގައިދިން ހުރަހަކުން ގޯލު ކުރިމަތީގައި ހުސްކޮށްހުރެ ޓީސީގެ ކެޕްޓަން އަލީ ނާފިއު (ކަޅޭ) ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ގްރީން ސްޓްރީޓްސް އަށް މެޗުގެ 29 ވަނަ މިނިޓްގައި ލީޑުނަގައިދިނީ އިލިއާ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން އިލިއާ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ކިރަން އަތުގައި ޖެހިފަ އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެ ވަނަ ލަނޑެއް ޖެހުމަށް ގްރީން ސްޓްރީޓްސް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ 37 ވަނަ މިނިޓްގައި ޓީސީ ފަހަތުން ހެދި ގޯހެއްގެ ފައިދާ ނަގައި ގްރީން ސްޓްރީޓްސްގެ އަހުމަދު ރަޝީދު (އައްމަޑޭ) އާއި އިލިއާ ދެ ކުޅުންތެރިންނަށް ވެސް ހުސްކޮށް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.

ޓީސީ އަށް ހާފް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށްލަން އެންމެ ހުސް ފުރުސަތެއް ލިބުނީ އެ ޓީމުގެ މިޑްފީލްޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އަށެވެ. ނާއިޒު ހަސަން (ދާދު) އަރިމަތިން ނަގައިދިން ބޯޅަ އޭރިއާ ތެރެއިން ބެންޖޯ އަށް ރަނގަޅަށް ކޮންޓްރޯލް ކުރެވޭ ގޮތެއްނުވި އެވެ.

ދެ ވަނަ ހާފަށް ގްރީން ސްޓްރީޓްސް އިން ނުކުތީ ބަދަލަކާ އެކު އެވެ. ޔޫސުފް ޝުއާއުގެ ބަދަލުގައި އިބްރާހިމް ރިޒުހާން ވަނީ ކުޅެން އަރުވައިފަ އެވެ.

ފުރަތަމަ ހާފެކޭ އެއް ގޮތަށް ދެ ވަނަ ހާފްގައި ވެސް ފުރަތަމަ ހަމަލާ އުފެއްދީ ޓީސީންނެވެ. ހާފް ފަށައިގެން ތިން ވަނަ މިިނިޓްގައި އޭރިއާ ބޭރުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ފޮނުވާލި ބޯޅަ ދިޔައީ ބޭރުންނެވެ. މެޗުގެ 60 ވަނަ މިނިޓްގައި ސްޓެވާޓް ވަނީ ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލައިފަ އެވެ. ދާދު ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާ ތެރެއަށްވަދެ ސްޓެވާޓް ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

މެޗުގެ ފަހު 20 މިނިޓްގެ ކުޅުން ކުރިއަށްދިޔައީ ބޯ ވިއްސާރައިގަ އެވެ. މި ވަގުތު ޓީސީން ވަނީ ބަދަލެއް ގެނެސްފަ އެވެ. ބެންޖޯގެ ބަދަލުގައި އެރުވީ އަހުމަދު އައިހަމް އެވެ. އޭނާ އެރުވުމާ އެކު މުހައްމަދު އައްޒާމް ވަނީ މެދުތެރެއަށް ޖެހިގެން ކުޅެން ފަށައިފަ އެވެ.

ޓީސީ އަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ 78 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން ސްޓެވާޓް އެވެ. މި ޕެނަލްޓީ އަކީ އައްޒާމަށް ގްރީން ސްޓްރީޓްސްގެ ކީޕަރު ޔުން ކޮޗީ ފައުލުކުރުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. ސްޓެވާޓް ފޮނުވާލި ޕެނަލްޓީ ގޯލަށް ވަނީ ކޮޗީ އަތުގައި ޖެހިފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ޓީސީ މޮޅުކޮށްދިނުމަށް އެ ޓީމުގެ އައްޒާމަށް ހުސް ފުރުސަތެއް ލިބުނެވެ. އަރިމަތިން މުހައްމަދު ސާމިރް ނަގައިދިން ހުރަހަކުން ގޯލު ކުރިމަތިން އައްޒާމް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

ގްރީން ސްޓްރީޓްސްގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބުނީ މެޗު ދިޔަގޮތަށް ބަލާއިރު ޕޮއިންޓަކުން ވެސް ހިތްހަމަ ޖެހޭ ކަމަށެވެ.

"މި މެޗުގައި ކުރިން ލަނޑު ޖެހިފައި ދެން ލީޑުފުޅާކުރަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނު. ދެން މެޗު ދިޔަ ގޮތާ ބަލައި ބަލިނުވެ ޕޮއިންޓެއް ލިބުމުން ވެސް ހިތްހަމަޖެހޭ. އެއީ އެނގޭ އަބަދަކު ހުރިހާ މެޗަކުން މޮޅެއް ނުވާނެކަން. ދެން މި މެޗުން ޕޮއިންޓެއް ލިބުމުން ވެސް އޮތް މަގާމު ދެމެހެއްޓިއްޖެ. އެގޮތަށް ބަލާއިރު ވެސް ހިތްހަމަ ޖެހޭ،" ސޮބާ ބުންޏެވެ.

އޭނާ ބުނީ މި މެޗުގައި އޭނާގެ ޓީމުގެ ލަނޑު ޖަހައިދިން އިލިއާ ބަދަލުކުރީ އޭނާ ކުޅެމުން ދިޔައީ އަނިޔާގައި ހުރެ ކަމަށްވާތީ ކަމަށެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ މިއީ ޓީސީ އަށް މޮޅުވެވޭނެ މެޗެއް ކަމަށާއި ނަމަވެސް ޕޮއިންޓަކާ އެކު ނިންމާލަން ޖެހުނު ނަމަވެސް މާޔޫސްކަމެއް ނެތް ކަމަށެވެ.

"މިއީ ޓީސީން ފެށިގެން ވަރަށް ރަނގަޅަށް ކުޅުނު މެޗެއް އަޅުގަނޑުގެ ނަޒަރުގައި މޮޅުވެވޭނެ މެޗެއް. އެކަމަކު މެޗުގެ ކަންތައްތައް ދިޔަގޮތަށް ބަލާއިރު މި ޕޮއިންޓު ވެސް ގޯހެއް ނޫނޭ ދެންނެވޭނީ. އެއީ ފާއިތުވި ތަނުގައި ޓީމު ދިޔަ ގޮތަށް ބަލާއިރު މި ނަތީޖާ އިން ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވެގެންދާނެ،" ނިޒާމްބެ ބުންޏެވެ.

އޭނާ ބުނީ ގަދަ ހަތަރަކަށް ވަނުމަށް އަދިވެސް ޓީސީ އަށް އޮތީ ރަނގަޅު ފުރުސަތެއް ކަމަށެވެ.

"ގަދަ ހަތަރެއްގައި ހިމެނުމަށް އަޅުގަނޑު ދެކޭ ގޮތުގައި ބޭނުންވަނީ 22 ޕޮއިންޓް. އެ ހިސާބަށް ދާން މި ބުރުގައި ބާކީ އޮތް ހަ މެޗުން ރަނގަޅު ނަތީޖާތަކެއް ނެރެންޖެހޭ. ޓީސީ އަށް ނެތް އަދި ކަންބޮޑުވާން ޖެހޭ މާ ބޮޑު މައްސަލަތަކެއް،" ނިޒާމްބެ ބުންޏެވެ.

ލީގުގައި މިރޭ ނިއު ރޭޑިއަންޓް ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.