21 މެއި 2017 - 09:01

ބޮލީވުޑް ތަރި ކަންގަނާ ރަނާވަތު އަބަދުވެސް އުޅެނީ ކޮންމެވެސް މައްސަލަގަނޑެއްގެ ތެރޭގަ އެވެ. އެންމެ ފަހުން ކަންގަނާއާ މައްސަލަ ޖެހިފައި ވަނީ ޑައިރެކްޓަރު ކޭތަން މެހެތާއާ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކަންގަނާ އަށް ކޯޓު ނޯޓިސްއެއް ކޭތަން ވަނީ ފޮނުވާފަ އެވެ. އޭނާގެ މައްޗަށް ތުހުމަތުކުރަނީ "ޖާންސީ ކީ ރާޏީ – ދަ ވޮރިއާ ކުއީން" ވަގަށް ކޮޕީކުރުކަމުގެ ތުހުމަތެވެ.
ކޭތަން ބުނި ގޮތުގައި އޭނާ 2015 ގައި ކަންގަނާއާ ބައްދަލުކޮށް "ޖާންސީ ކީ ރާނީ" އާ ގުޅޭ ގޮތުން އުފައްދާ ފިލްމެއް ކުޅުމަށް އެދުނެވެ. އަދި ކަންގަނާ ފިލްމުގެ ސްކްރިޕްޓް އަޑުވެސް އަހައި ފިލްމާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށް ބުނެ ފިލްމު ކުޅެދޭން އެއްބަސްވި އެވެ. އެ ދުވަސްވަރު މީޑިއާގައި ވެސް ކަންގަނާ މި ފިލްމުގެ ވާހަކަ ދައްކާފައިވެ އެވެ.
ކޭތަން މެހެރާ ބުނަނީ އޭނާގެ ރިސާޗް މެޓީރިއަލްތަކާއި ސްކްރިޕްޓް ވެސް ކަންގަނާއާ ހިއްސާކުރި ކަމަށެވެ.
ނަމަވެސް ކަންގަނާ ކުއްލިއަކަށް "މަނިކާރްނިކް: ދަ ކުއީން އޮފް ޖާންސީ" ގެ ނަމުގައި ހަމަ ޖާންސީ ކީ ރާނީގެ ޕްލޮޓަށް ފިލްމެއް އިއުލާން ކުރުމުން ކޭތަން އަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ކަންގަނާ އިއުލާންކުރި ފިލްމު ޕްރޮޑިއުސްކުރަނީ ކަމްލާ ޖެއިން އާއި ޒީ ސްޓޫޑިއޯ އިންނެވެ. ޑައިރެކްޓަރަކީ ކްރިޝް އެވެ. އެހެންވެ ކަންގަނާ ގޮވައިގެން ކޯޓަށް ދިއުން ނޫން ގޮތެއް ނެތް ކަމަށް ކޭތަން ބުންޏެވެ.
މި ފިލްމު ނޫނަސް ކަންގަނާ މިހާރު ކުޅެމުން އަންނަ "ސިމްރަން" އުފައްދާ ފަރާތްތަކާ ކަންގަނާއާ ދެމެދު ވެސް މައްސަލަތަކެއް ވަނީ ޖެހިފަ އެވެ. އެއީ އެ ފިލްމުގެ ސްކްރިޕްޓް ލިޔުނު އަޕޫރްވާ މެހެތާ އާއި އޭނާއާ ދެމެދު ޖެހިފައިވާ މައްސަލަ އެކެވެ.
އަޕޫރްވާ ބުނި ގޮތުގައި ފިލްމުގެ ވާހަކަ ލިޔުނު މީހުންގެ ތެރޭގައި ކަންގަނާގެ ނަން ވެސް ހިމެނުމަށް ޕްރޮޑިއުސަރާއި ޑައިރެކްޓަރު ކުއްލިއަކަށް އޭނާގެ ކިބައިން އެދުނެވެ. ސަބަބެއް ކަމަށް ބުނީ ކަންގަނާ އަމިއްލައަށް ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް ފަށާތީ އެރޮނގުން އޭނާގެ ނަން ރީތި ކުރުމެވެ.
ފުރަތަމަ އޭނާ މިކަމަށް އިންކާރު ކުރަމުން ދިޔަ ނަމަވެސް ޕްރޮޑިއުސަރާއި ޑައިރެކްޓަރު މަޖުބޫރު ކޮށްގެން އޭނާ އެކަމަށް އެއްބަސް ކުރުވި އެވެ. ނަމަވެސް ފިލްމުގެ ފުރަތަމަ ޕޯސްޓަރު ރިލީޒްކުރުމާ އެކު އަޕޫރްވާގެ ހިތްހަމަނުޖެހުން ވަނީ އިތުރުވެފަ އެވެ. އޭނާ ބުނި ގޮތުގައި ފިލްމުގެ މުޅި ސްކްރިޕްޓް ލިޔުނީ އޭނާ އެވެ.
ނަމަވެސް ވާހަކަ ލިޔުނު މީހުންގެ އެންމެ ކުރީގައި އޮތީ ކަންގަނާގެ ނަމެވެ. ކަންގަނާ ވާހަކަ ލިޔަން އެއްވެސް މަސައްކަތެއް ނުކޮށް ކްރެޑިޓް ނަގަން އުޅެނީ ކީއްވެތޯ އަޕޫރްވާ ސުވާލުކުރި އެވެ. އަދި އޭނާގެ ނަމުގެ ކުރިޔަށް ކަންގަނާގެ ނަން ލެވުނީ އޮޅުމަކުން ކަމަށާއި ދެން ޗާޕުކުރާ ޕޯސްޓަރުތަކުން އެކަންތައް ރަނގަޅުކުރާނެ ކަމަސް ޑައިރެކްޓަރު ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ކަންގަނާ މިހާރު ގަސްތުކޮށްފައި ވަނީ ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް ފަށާށެވެ. އަދި އޭނާ ދެން ކުޅޭނީ އޭނާ އަމިއްލަ އަށް އުފައްދާ ފިލްމުތައް ކަމަށް ވެސް އޭނާ ބުންޏެވެ.