102 ނޮޓް އައުޓް: އަމީތާބާއި ރިޝީ ވަރަށް ތަފާތުކޮށް
102 ނޮޓް އައުޓް: އަމީތާބާއި ރިޝީ ވަރަށް ތަފާތުކޮށް

އުމޭޝް ޝުކްލާގެ "102 ނޮޓް އައުޓް" އަކީ ގާތްގަނޑަކަށް ތިރީހަކަށް އަހަރަށް ފަހު އަމީތާބު ބައްޗަން އާއި ރިޝީ ކަޕޫރު އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

މި ފިލްމުގެ ފުރަތަމަ ފޮޓޯ ދައްކާލުމާ އެކު އިންޓަނެޓުގައި ބޮޑު ތަރުހީބެއް މި ފޮޓޯއަށް އަންނަނީ ލިބެމުންނެވެ. އަމީތާބާއި ރިޝީގެ އުމުރުން ދުވަސްވެފައި ތިއްބާ ފެންނަ މި ފޮޓޯ މީހުންގެ ހިތްތަކާ ކުޅެލީ އެ ފޮޓޯގައި އެމީހުން ތިބި ހިތްގައިމު ސިފައިންނެވެ.

މި ދެ އެކްޓަރުން ވެސް މި ފިލްމުގައި ކުޅެނީ ކާފައެއްގެ ރޯލު ނަމަވެސް ފިލްމުގެ ވާހަކައިގައިވާ ގޮތުން އަމީތާބުގެ ކެރެކްޓާ އަކީ 102 އަހަރު ވެފައިވާ މީހެކެވެ. އަދި ރިޝީ ކުޅެނީ އަމީތާބުގެ 75 އަހަރު ވެފައިވާ ދަރިއެއްގެ ރޯލެވެ.

މި ވާހަކައިގެ ޕްލޮޓްގައި ހުރި އާދަޔާޚިލާފު ގޮތްތަކެއްގެ ސަބަބުން ފިލްމުގެ ނަމާ އެކު ފިލްމަށް ލިބުނު ޝައުގުވެރިކަން ފުރަތަމަ ފޮޓޯއާ އެކު ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.

"102 ނޮޓް އައުޓް" އަކީ ބައްޕައަކާއި ދަރިއެއްގެ މެދުގައި އޮތް ލޯތްބާއި ނަފްރަތު ދައްކުވައިދޭ ރޮމެންޓިކް-ކޮމެޑީ އެކެވެ.

ޑައިރެކްޓަރު އުމޭޝް މެހެރާ މުމްބައި މިރާ އަށް ދީފައިވާ އިންޓަވިއުއެއްގައި ބުނި ގޮތުގައި އަމީތާބާއި ރިޝީ އެކުގައި ފިލްމެއް ނުކުޅޭތާ 26 އަހަރަށް ފަހު ފިލްމެއް ކުޅޭތީ ވަރަށް ގިނަ މީހުން މި ފިލްމަށް ޝައުގުވެރިވެ އެވެ.

މި ދެ އެކްޓަރުން މިފަހަރު ކުޅެނީ ގުޖްރާތީ ކެރެކްޓާތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ. މިދިޔަ ބުދަ ދުވަހު މި ފިލްމު ޝޫޓްކުރަން ފަށާފައި ވާއިރު ފުރަތަމަ ނަގާފައި ވަނީ އަމީތާބު ފެންނަ މަންޒަރު ކަމަށް ވެސް އޭނާ ބުންޏެވެ.

އުމޭޝް ބުނި ގޮތުގައި މޭ މަހުގެ ނިޔަލަށް ފިލްމުގެ ބޮޑު ބައެއްގެ ޝޫޓިން ނިންމާލުމަށް ފަހު ޖުލައި މަސް ނިމުމުގެ ކުރިން ފިލްމުގެ މަސައްކަތް ނިންމާލަން ވަނީ ރާވާފަ އެވެ.