21 މެއި 2017 - 09:03

ދުނިޔޭގެ އެކި ހިސާބުތަކުގައި، ފުރާވަރުގެ ކުދިން އެންމެ ގިނައިން މަރުވަނީ މަގުމަތީ އެކްސިޑެންޓް ތަކުގައި ލިބޭ އަނިޔާތަކުގެ ސަބަބުން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުން ދައްކައިފި އެވެ.

މި ހިސާބުތައް ބުނާ ގޮތުގައި 2015 ގައި، ފުރާވަރުގެ 1.2 މިލިއަން ކުދިން މަރުވެފައިވާއިރު މީގެ ތެރެއިން ކޮންމެ 10 ކުއްޖަކުން އެއް ކުއްޖަކު މަރުވީ މަގުމަތީގެ އެކްސިޑެންޓްތަކުގަ އެވެ. ނުރައްކާތެރި އެކްސިޑެންޓްތަކުގައި އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން 10 އަހަރާއި 19 އަހަރާ ދެމެދުގެ ފިރިހެން ކުދިންނެވެ.
މޭގެ އިންފެކްޝަންތަކާއި އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމަކީ ފުރާވަރު އަންހެންކުދިންނާއި ޒުވާން އަންހެނުން އެންމެ ގިނައިން މަރުވާ ސަބަބު ކަމަށް ވެސް ހިސާބުތަކުން ދައްކަ އެވެ.
އުމުރުން 10 އަހަރާއި 19 އަހަރާ ދެމެދުގެ ކުދިންގެ އެންމެ ގިނަ ކުދިން މަރުވަނީ މަގުމަތީގެ އެކްސިޑެންޓްތަކުގައި ކަމަށް ވާއިރު ދެ ވަނަ އަށް އެންމެ ގިނައިން މަރުވަނީ ނޭވާލުމުގެ ނިޒާމަށް ޖެހޭ އިންފެކްޝަނުންނެވެ. އަދި ތިން ވަނަ އަށް، އޮތީ އަމިއްލަ ހަށިގަނޑަށް ގަސްތުގައި ނުވަތަ އެކްސިޑެންޓަކުން ދެވޭ ގެއްލުމެވެ. އަދި ހަތަރު ވަނަ އަށް އޮތީ ބޭރަށް ހިންގުމާ ގުޅުން ހުރި އެކި ބަލިތަކެވެ. ގެނބުމަކީ ފުރާވަރުގެ ކުދިން އެންމެ ގިނައިން މަރުވާ ފަސް ވަނަ ސަބަބެވެ.
ދުނިޔޭގެ ހުރިހާ ހިސާބެއްގެ މައުލޫމާތު އެއްކޮށްގެން ތައްޔާރުކޮށްފައިވާ މި ރިޕޯޓުގައިވާ ގޮތުން ފުރާވަރު ކުދިންގެ ތެރެއިން ކޮންމެ ދުވަހަކު 3،000 އަށް ވުރެ ގިނަ ކުދިން މަރުވެ އެވެ. މީގެ ތެރެއިން ތިންބައިކުޅަ ދެ ބައި ކުދިން މަރުވަނީ އެންމެ ކުޑަކޮށް އާމްދަނީ ލިބޭ ގައުމުތަކާއި މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކެވެ.
މަގުމަތީގެ އެކްސިޑެންޓްތަކުގައި މަރުވާ ކުދިންގެ ތެރޭގައި، ހިނގާފައި އުޅޭ ކުދިންނާއި ބައިސްކަލް ނުވަތަ ސައިކަލުގައި އުޅޭ ކުދިން ގިނަ އެވެ. މިގޮތަށް އެންމެ ގިނައިން މަރުވެފައިވަނީ އުމުރުން 15 އަހަރާއި 19 އަހަރުގެ ފިރިހެން ކުދިންނެވެ. އެއީ 115،302 ކުދިންނެވެ. މީގެ ތެރޭގައި ގިނައީ ޔޫރަޕާއި އެމެރިކާ އަދި އީސްޓާން މެޑިޓޭރިއަން ސަރަހައްދުގެ ފަގީރު ގައުމުތަކުގެ ކުދިންނެވެ.
ދުނިޔޭގެ ނިސްބަތުން، ފުރާވަރުގެ ކުދިން މަރުވާ އަދަދު ވަނީ ދަށްވެފަ އެވެ. ނަމަވެސް ފުރާނައަށް ގެއްލުންވާ ވަރުގެ ބޮޑެތި އެކްސިޑެންޓްތައް އަދިވެސް ގިނަ އެވެ. އަދި ވަރަށް ގިނަ ސަރަހައްދުތަކުގައި އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުން އިތުރުވެފައިވާ ކަމަށް ސިއްހަތު ޖަމިއްޔާގެ މި ރިޕޯޓު ތައްޔާރު ކުރެއްވި ޑރ. އެންޓަނީ ކޮސްޓެލޯ ވިދާޅުވި އެވެ.