21 މެއި 2017 - 09:00

ރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްތަކުގެ އެހާރާއި މިހާރުގެ ދިރިއުޅުމުގެ ވައްޓަފާޅިއާ އެކު، ލޯކަލް ޓޫރިޒަމް ވެސް ވަަރަށް ބޮޑަށް އިޝްތިހާރުވެގެން ދާ ގޮތަށް ޑައިރެކްޓަރު އަބްދުލް ފައްތާހު އުފައްދާ ޑޮކިއުމެންޓްރީ ސިލްސިލާއެއް ކަމަށްވާ ވައްޓަފާޅި މިފަހަރު ހާއްސަކޮށްފައި ވަނީ ރާޅާއެޅުމަށެވެ.
ކުރިއަށް މި އޮތް ރޯދަ މަހު ވެސް ރާއްޖެ ޓީވީން "ވައްޓަފާޅި" ފެނިގެން ދާނެ އެވެ. މިއީ މީގެ ހަ ވަނަ ސީޒަނެވެ.
ކޮންމެ އަހަރަކު ވެސް ތަފާތު ތީމަކަށް ގެނެސްދޭ މި ޑޮކިއުމަންޓްރީގެ މި ފަހަރުގެ މައިގަނޑު ތީމަކީ ރާޅާއެޅުމަށް ހާއްސަ ސަރަހައްދުތަކާއި ސަފާރީ އެވެ. އެހެންވެ ރާޅާއެޅުމުގެ ވަރަށް ފުރިހަމަ ހުނަރުތަކެއް މި ފަހަރު ފެނިގެން ދާނެ އެވެ.
މީގެ ޓްރެއިލާ ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ.
"ވައްޓަފާޅި"ގެ މުގުލުގައި ހުރި ފައްތާހު ބުނީ "ވައްޓަފާޅި"ގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. މި ފަހަރު ގެނެސްދޭ ފަސް އެޕިސޯޑްގެ ތެރެއިން ތިން ޑޮކިއުމަންޓްރީއެއްގެ މަންޒަރުތައް މިހާރު ވަނީ ނަގައި ނިންމައިފަ އެވެ. މި ފަހަރު ވެސް ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކެއް ފެނިގެން ދާނެ އެވެ.
އިބްރާހީމް ވިސާން (ކަނޑި) ގެ ލެންސުން ނަގާފައިވާ ހިތްގައިމު މަންޒަރުތަކާ އެކު މި ފަހަރުގެ "ވައްޓަފާޅި" ވެސް ވަރަށް ފުރިހަމަ ވާނެ ކަމަށް ފައްތާހު ބުންޏެވެ.
އޭނާ އަމިއްލަ އަށް އިސް ނަގައިގެން ގެނެސްދޭ މި ޑޮކިއުމަންޓްރީގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރަނީ އޯކޭޒް އިންކުންނެވެ. ނެރޭޝަންސް ލިޔަނީ އިސްމާއިލް މުބާރިކެވެ.
"މިއީ އަހެރެން ވަރަށް ލޯބިން، ކުރަން ބޭނުންވެގެން ކުރާ މަސައްކަތެއް. އެހެންވެ ވަރަށް ވަގުތު ނަގައިގެން، ވީހާ ވެސް ފުރިހަމަކޮށް ވައްޓަފާޅި ގެނެސްދޭން އަބަދު ވެސް މަސައްކަތް ކުރަނީ." ފައްތާހު ބުންޏެވެ. "އެހެންވީމާ މި ފަހަރު ވެސް ބަލާ ހިތްވާ ކަހަލަ މަންޒަރުތަކާ އެކު، ވަރަށް މުއްސަނދިކޮށް މައުލޫމާތުތައް ގެނެސް ދެވޭނެ."