މެޑްރިޑުން އަލްވެސްއާ މެދު ސަމާލުވާން ޖެހޭ: ކަކާ
މެޑްރިޑުން އަލްވެސްއާ މެދު ސަމާލުވާން ޖެހޭ: ކަކާ

ރޯމް (މެއި 20) – ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސަޕޯޓްކުރާނީ ރެއާލް މެޑްރިޑަށް ކަމަށާއި އެކަމަކު އެ ޓީމުން ޔުވެންޓަސްގެ ޑެނިއަލް އަލްވެސްއާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް މެޑްރިޑުގެ ކުރީގެ ތަރި ކަކާ ބުނެފި އެވެ.

އޭސީ މިލާނާ އެކު ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކަކާ ވަނީ 2009 އިން 2013 އަށް މެޑްރިޑަށް ކުޅެފަ އެވެ. އެ މުއްދަތުގައި އޭނާ ވަނީ މެޑްރިޑާ އެކު ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.

"ރެއާލް މެޑްރިޑުގެ ވަރުގަދަ އެޓޭކާއި ޔުވެންޓަސްގެ ވަރުގަދަ ޑިފެންސްގެ ހަނގުރާމަ، މިއީ ވަރަށް ރީތި މެޗެއް. މިއީ އެންމެން ބަލަން ބޭނުންވާނެ ފަދަ މެޗެއް. އެއް އޭރިއާ ތެރެއިން ކްރިސްޓިއާނޯ ރޮނާލްޑޯ ނިންމާލަފާނެ އަނެއް ފަޅިން ގޮންޒާލޯ ހިގުއައިން ވެސް ނިންމާލަފާނެ،" އެމެރިކާ ލީގުގައި ކުޅޭ ކަކާ ގަޒެއްޓާ ޑެލޯ ސްޕޯޓްސްއާ ވާހަކަދައްކަމުން ބުންޏެވެ.

ކަކާ ބުނީ ޔުވެންޓަސްގެ އަނެއް މުހިއްމު ކުޅުންތެރިޔަކީ އަލްވެސް ކަމަށާއި އޭނާ އަންނަނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން ކަމަށެވެ. ކަކާއާ އެކު ބްރެޒިލް ގައުމީ ޓީމަށް ކުޅެފައިވާ ބާސެލޯނާގެ ކުރީގެ ތަރި އަލްވެސް އަކީ މި ސީޒަނުގައި ޔުވެންޓަސްގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އޮތް އެއް ކުޅުންތެރިއާ އެވެ. ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މޮނާކޯ ކޮޅަށް ލަނޑު ޖެހިއިރު، އިޓާލިއަން ކަޕުގެ ފައިނަލުގައި ލާޒިއޯ ކޮޅަށް ވެސް ގޯލް ޖެހި އެވެ.

"މޮޅުވާނީ ކޮން ބަޔެއް ކަމާމެދު އަހަރެންގެ ހިޔާލެއް ނުދޭނަން. އެކަމަކު އަހަރެން ސަޕޯޓްކުރާނީ މެޑްރިޑަށް،" ކަކާ ބުންޏެވެ.

ރެއާލް މެޑްރިޑާއި ޔުވެންޓަސް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ ވޭލްސްގެ ކާޑިފްގައި އަންނަ މަހުގެ 3 ވަނަ ދުވަހުގެރޭ އެވެ.