އިޓަލީ ކޯޗުންގެ ކާމިޔާބީގެ ސިއްރަކީ ލީގު: ކޮންޓޭ
އިޓަލީ ކޯޗުންގެ ކާމިޔާބީގެ ސިއްރަކީ ލީގު: ކޮންޓޭ

ލަންޑަން (މެއި 20) – އިޓާލިއަން ލީގަކީ ދުނިޔޭގެ އެންމެ އުނދަގޫ ލީގު ކަމަށާއި އިޓަލީ ކޯޗުންގެ ކާމިޔާބީގެ ސިއްރަކީ އެއީ ކަމަށް ޗެލްސީ އަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން އިޓަލީ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އިޓާލިއަން ލީގުގައި ޔުވެންޓަސް އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށް ފަހު އަދި އިޓަލީ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިނުމަށް ފަހު ކޮންޓޭ މި ސީޒަނުގައި ޗެލްސީއާ ހަވާލުވެ އެ ޓީމަށް މިވަނީ ލީގު ހޯދައިދީފަ އެވެ. ފަހު މެޗުން މާދަމާރޭ ސަންޑަލެންޑް އަތުން މޮޅުވެއްޖެ ނަމަ އެއް ސީޒަނެއްގައި އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑް ޗެލްސީއަށް ގާއިމްކުރެވޭނެ އެވެ.

"އަހަރެން ހީކުރިން މިހާ ޝަރަފްވެރި ހިސާބަކަށް ދެވިދާނެ ކަމަށް، އެކަމަކު މިހާ އަވަހަކަށް ނޫން. މިއީ ވަރަށް އެހެންކަހަލަ އަދި ހީނުކޮށް ހުއްޓާ ލިބުން ފަދަ ކާމިޔާބެއް. އިޓަލީ މީހަކަށްވެ ހުރެ ގައުމުން ބޭރުގައި ކާމިޔާބު ހޯދުމަކީ މުހިއްމު ކަމެއް. މީގެ ސަބަބުން މުޅި ގައުމު ފަހުރުވެރިވާނެ،" ކޮންޓޭ ބުންޏެވެ.

އޭނާ ބުނީ ގައުމުން ބޭރުގައި މަސައްކަތްކުރާ އިޓަލީ ކޯޗުންގެ ކާމިޔާބީގެ ސިއްރަކީ އިޓާލިއަން ލީގު ކަމަށެވެ.

"އަހަރެމެން ލީގު ނުވެދާނެ ދުނިޔޭގެ އެންމެ ރީތި ފުޓްބޯޅައެއް ކުޅޭ ލީގަށް. އެކަމަކު ޔަގީނުން ވެސް އެއީ އެންމެ އުނދަގޫ ލީގު. އެހެންވެ އިޓަލީގައި ކާމިޔާބު ހޯދާ ކޯޗުންނަށް ދުނިޔޭގެ ކޮންމެ ތަނެއްގައި ކާމިޔާބު ހޯދެނީ،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ ގެންދަން އިޓަލީގެ އިންޓަ މިލާނުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. ކޮންޓޭ ބުނީ ކުރިމަގާ ބެހޭގޮތުން މިވަގުތު ވާހަކަދައްކަން ބޭނުންނުވާ ކަމަށެވެ.

"އަހަރެމެންގެ އެބައޮތް އަދި ދެ އަމާޒެއް. ޕްރިމިއާ ލީގުގައި 30 ވަނަ މޮޅު ހޯދުން، އެއީ އެއްވެސް ޓީމަކަށް މިހާތަނަށް ކުރެވުނު ކަމެއް ނޫން. އޭގެ ފަހުން އަހަރެމެން ތައްޔާރުވާނީ އެފްއޭ ކަޕް ފައިނަލަށް. މި ޗެޕްޓަރު ނިމުމުން ޔަގީނުން ވެސް ކުރިމަގުގެ ޕްލޭންތަކާ ބެހޭގޮތުން ވާހަކަދައްކާނަން،" ކޮންޓޭ ބުންޏެވެ.

އަމިއްލަ ދަނޑުގައި މާދަމާރޭ ސަންޑަލެންޑާ ދެކޮޅަށް ޗެލްސީ ކުޅޭ މެޗަށް ފަހު އެ ޓީމަށް ޗެމްޕިއަން ޓްރޮފީ ހަވާލުކުރާނެ އެވެ. ކޮންޓޭ ބުނީ މާދަމާގެ މެޗަށް އޭނާގެ މައިންބަފައިން އަންނާނެ ކަމަށެވެ.

"އަހަރެންގެ ބައްޕަ އައި އަހަރެމެން ކުޅުނު ފުރަތަމަ މެޗަށް. އެ ދުވަހު ބުނި އަނބުރާ ދެން އަންނާނީ ލީގު ކާމިޔާބުވެއްޖެ ނަމައޭ. (ގޯސް ފެށުމަކަށް ފަހު) އަހަރެމެން އެނބުރި މިއައީ،" ކޮންޓޭ ބުންޏެވެ.

ފާއިތުވި އަށެއްކަ އަހަރަށް ބަލާއިރު ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އިޓަލީގެ ހަތަރު ކޯޗުން ވަނީ ހޯދައިފަ އެވެ. އެގޮތުން ޗެލްސީއާ އެކު ކޮންޓޭގެ އިތުރުން ކާލޯ އަންޗެލޮޓީ ލީގު ކާމިޔާބުކޮށްފައިވާއިރު ރޮބާޓޯ މަންޗިނީ ވަނީ މެންޗެސްޓާ ސިޓީއަށް ލީގު ހޯދައިދީފަ އެވެ. އަދި މިދިޔަ ސީޒަނުގައި ލެސްޓާ ސިޓީ އަށް އެ ކާމިޔާބީ ހޯދައިދިނީ އިޓަލީގެ ކްލައުޑިއޯ ރަނިއޭރީ އެވެ.