20 މެއި 2017 - 11:00

މި މަހުގެ 25 ވަނަ ދުވަހު ރިލީޒް ކުރާ "ބޭވޮޗް" ގެ އެއް ބަތަލާ ކެލީ ރޯބަކް ރައްޓެހިވެގެން އުޅެނީ އެމެރިކާގެ މަޝްހޫރު ވިޔަފާރި ޗެއިން ވޮލްމާޓްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ބިލިއަނަރު ސްޓްއަޓް ވޮލްޓަންއާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. އެ ރިޕޯޓްތައް ބުނާ ގޮތުގައި އެ މީހުން ރައްޓެހިވެން އުޅޭތާ މިހާރު ފަސް މަހެއްހާ ދުވަސްވެއްޖެ އެވެ.
އެ ދެ މީހުންގެ ގުޅުން ވަރަށް ސީރިއަސް ކަމަށާއި ކައިވެންޏަކާ ދޭތެރޭ ވެސް މިހާރު ވިސްނަމުންދާ ކަމަށްވެ އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ބޭވޮޗް"ގެ ޕްރޮމޯޝަނުގައި ވަރަށް ބުރަކޮށް އުޅެމުން ވެސް ކެލީ އަންނަނީ މި ފަހަކަށް އައިސް ވޮލްޓަންއާ އެކު ވަރަށް ގިނަ ވަގުތު ހޭދަކުރަމުންނެވެ. އަދި ޕްރޮފެޝަނަލް ޕައިލެޓް ލައިސަންސް އޮންނަ ވޮލްޓަންއާ އެކު އޭނާގެ ޕްރައިވެޓް ޖެޓެއްގައި ކެލީ އުދުހޭ ކަމަށާއި ދެ މީހުން އުޅެނީ ވަރަށް ލޯބިން ކަމަށް މީޑިއާތަކުން ބުނެ އެވެ.
މިދިޔަ އަހަރު ރިލީޒް ކުރި "ކެފޭ ސޮސައިޓީ" ގައި ވެސް މުހިއްމު ރޯލެއް ކުޅެފައިވާ ކެލީ، 27، ވަނީ މީގެ ކުރިން "ޓައިޓޭނިކް" ގެ ބަތަލު ލިއޮނާޑޯ ޑި ކެޕްރިއޯއާ ވެސް ރައްޓެހިވެފަ އެވެ.
އެ ދެ މީހުން 2015 ވަނަ އަހަރުން ފެށިގެން ރައްޓެހިވެގެން އުޅުމަށް ފަހު، ރުޅިވީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.