ފްރާންސާ އެއްވަރުކޮށް ސްވިޒަލެންޑް ފުރަތަމަ ފަހަރަށް ޔޫރޯގެ ދެ ވަނަ ބުރަށް
ފްރާންސާ އެއްވަރުކޮށް ސްވިޒަލެންޑް ފުރަތަމަ ފަހަރަށް ޔޫރޯގެ ދެ ވަނަ ބުރަށް

ލިޔޯން، ފްރާންސް (ޖޫން 19) - ފްރާންސާ 0-0 އިން އެއްވަރުކޮށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ސްވިޒަލެންޑް ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.

ފްރާންސާ އެއްވަރުކޮށް ސްވިޒަލެންޑް ފުރަތަމަ ފަހަރަށް ޔޫރޯގެ ދެ ވަނަ ބުރަށް
ފްރާންސާ އެއްވަރުކޮށް ސްވިޒަލެންޑް ފުރަތަމަ ފަހަރަށް ޔޫރޯގެ ދެ ވަނަ ބުރަށް

ގްރޫޕް އޭގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު ފްރާންސް ގްރޫޕްގެ އެއް ވަނަ ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނަ ދިޔައީ ތިން މެޗުން ފަސް ޕޮއިންޓް ހޯދި ސްވިޒަލެންޑެވެ. އަލްބޭނިއާ ވަނީ 1-0 އިން ރުމޭނިއާ ބަލިކޮށް ތިން ވަނަ ހޯދައިފަ އެވެ. އެ ޓީމަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިން ވަނަަ ހޯދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ދެ ވަނަ ބުރު ހޯދުމުގެ ފުރުސަތު އަލްބޭނިއާ އަށް އެބައޮތެވެ. ރުމޭނިއާ ދިޔަޢީ އެއް ޕޮއިންޓާ އެކު ގްރޫޕްގެ އެންމެ ފުލަށެވެ.

މިރޭގެ މެޗަށް ފްރާންސުން ނުކުތީ މިިދިޔަ ދެ މެޗުގައި ފުރަތަމަ އެގާރައިގައި ކުޅުނު ގިނަ ކުޅުންތެރިން ނުލަ އެވެ. އެހެން ނަަމަވެސް ފުރަތަމަ 20 މިނިޓް ތެރޭގައި ޕޯލް ޕޮގްބާގެ ފަރާތުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފެނިފަ އެވެ.

ދެ ހަމަލާއެއް ސްވިޒަލެންޑުގެ ކީޕަރު ޔަން ސޯމާ މަތަކުރިއިރު، އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މި ހާފްގައި ފްރާންސްގެ ފޯވާޑް އަންދްރޭ ޕިއޭ ޖީނަޗް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާގޮތެއްނުވި އެވެ.

ދެ ވަނަ ހާފް ފެށިގެން ފްރާންްސުން އެ ޓީމުގެ އެޓޭކް ވަރުގަދަކުރި އެވެ. އެހެން ނަމަވެސް ސްވިޒަލެންޑު ޑިފެންސް ލައިން ފޫއަޅުވާލެވޭ ގޮތެއްނުވި އެވެ. ޖީނަޗް ދިން ބޯޅަ އަކުން އެންޓޮއިން ގްރީޒްމަން ފޮނުވާލި ހަމަލާ ވެސް ސްވިޒަލެންޑް ކީޕަރު ސޮމާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ ފަހު ހާފްގައި، މިދިޔަ ދެ މެޗުގައި ފްރާންސަށް މޮޅު ކުޅުމެއް ދެއްކި ޑިމިޓްރީ ޕަޔެޓް ވަނީ ކުޅެން އަރުވައިފަ އެވެ. ޕަޔެޓް އެރުވުމާ އެކު ސްވިޒަލެންޑަށް ނުރައްކާ ބޮޑުވި އެވެ. މޫސާ ސިސޯކޯ އަރިމަތިން ނަގައިދިން ހުރަހަކުން އޭރިއާ ތެރޭގައި ހުރެ ޕަޔެޓް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މިއީ ސްވިޒަލެންޑާއި ފްރާންސް ކުޅުނު 38 މެޗުގެ ތެރެއިން އެއްވަރުވެގެން ނިމުނު 10 ވަނަ މެޗެވެ. އަދި މިރޭގެ ނަތީޖާއާ އެކު ފްރާންސް ވަނީ ސްވިޒަލެންޑް އަތުން ބަލިނުވެ ފަސް މެޗު ހަމަކޮށްފަ އެވެ.

މުބާރާތުގެ ފުރަތަމަ ދެ މެޗުން އަލްބޭނިއާގެ ފަރާތުން ފެނުނު ކުޅުމަށް ބެލުމަށް ފަހު މިރޭގެ މެޗަށް ނުކުތްއިރު ފޭވަރިޓަކީ ރުމޭނިއާ އެވެ. ނަމަވެސް މެޗުގެ 43 ވަނަ މިނިޓްގައި އާމަންޑޯ ސަޑިކޫ ޖެހި ލަނޑުން އަލްބޭނިއާ ވަނީ 1948 ވަނަ އަހަރަށް ފަހު ރުމޭނިއާގެ މައްޗަށް ފުރަތަމަ ފަހަރަށް ކުރިހޯދައިފަ އެވެ.

މިއީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަލަށް ވާދަކުރާ އަލްބޭނިއާ މި މުބާރާތުގައި ހޯދި ފުރަތަމަ މޮޅެވެ.

އަލްބޭނިއާއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު 13 މެޗުން ރުމޭނިއާ ވަނީ 10 މެޗުން މޮޅުވެފަ އެވެ. ނަމަވެސް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރުމޭނިއާގެ ރެކޯޑް ދަށެވެ. މި ފަހަރުގެ މުބާރާތުން ކެޓިއިރު، ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރުމޭނިއާ އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ 2000 ވަނަ އަހަރުގެ ޔޫރޯގައި އިންގްލެންޑް އަތުންނެވެ.