20 މެއި 2017 - 13:48

ޕިއޮންޔޮން (މެއި 20) - އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ޔޫއެސްއެސް ރޮނަލްޑް ރޭގަން ކޮރެއާ ޕެނިންސުލާއާ ކައިރި ކުރަމުންދާ ކަމަށް އެމެރިކާގެ ނޭވީން ބުނެފި އެވެ.

އެމެރިކާގެ ޑިފެންސް އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ބުނީ ރޮނަލްޑް ރޭގަން މަނަވަރު ކޮރެއާ ސަރަހައްދަށް ގެންދަނީ ކޮރެއާ ޕެނިންސުލާ އަށް ކުރިން ގެންގޮސްފައިވާ ކާލް ވިންސަން މަނަވަރުން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުމަށް ކަމަށެވެ. ރޮނަލްޑް ރޭގަން މަނަވަރު ކޮރެއާ ސަރަހައްދަށް ދަތުރު ފެށީ ޖަޕާނުގެ ޔޮކޮސޫކާގައި މެއިންޓެނެންސް މަސައްކަތްތަކެއް ކުރުމަށް ފަހު އެވެ.
އެމެރިކާ އިން އިތުރު މަނަވަރެއް ކޮރެއާ ސަރަހައްދަށް ގެންދާ އިރު ނޯތު ކޮރެއާ އިން ވަނީ، ބިރު ދެއްކުމުގެ އިންޒާރުތަކަށް ބެލުމެއް ނެތި ނިއުކްލިއާ ޓެސްޓެއް މިދިޔަ ހަފުތާގައި ކޮށްފަ އެވެ.
އެމެރިކާގެ މަނަވަރުތަކުން ކޮރެއާ ޕެނިންސުލާގައި ތަމްރީނުތައް ފުރިހަމަ ކުރާނީ ކިހާ ދުވަހަކު ކަމެއް ޑިފެންސް އޮފިޝަލުން ނުބުނެ އެވެ.
ގާތްގަނޑަކަށް 1،092 ފޫޓު ދިގު ރޭގަން މަނަވަރުގައި 4،539 ކްރޫން ތިބެ އެވެ. އެ މަނަވަރުގައި ހަނގުރާމަ މަތީ 60 މަތިންދާ ބޯޓު އޮވެ އެވެ.
އެމެރިކާގެ މަނަވަރުތައް ކޮރެއާ ޕެނިންސުލާ އަށް ގެންގޮސް ހަނގުރާމައިގެ ފަރިތަކުރުންތައް ކުރިއަށް ގެންދާ އިރު ނޯތު ކޮރެއާ އިން ވަނީ ބިރު ދެއްކުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް އެމެރިކާ އަށް އިންޒާރު ދީފަ އެވެ. އަދި އެމެރިކާ އާއި ޕެސިފިކުގައިވާ އެމެރިކާގެ އޮޕަރޭޝަންތައް ވަނީ ނޯތު ކޮރެއާގެ ނިއުކްލިއާ މިސައިލްތަކުގެ ރާސްތާގެ ތެރޭގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ.