ފަލަވުން ކޮންޓްރޯލްކުރަން ފެން
ފަލަވުން ކޮންޓްރޯލްކުރަން ފެން

ހަކުރު އަޅާފައި ހުންނަ އެކި ފާޑުގެ ބުއިންތައް އަހަރެމެން ކޮންމެ ދުވަހަކު އެބަ ބޮމެވެ. މިއީ ފަލަ މީހުން ގިނަވަމުން އަންނަ މައިގަނޑު ސަބަބަކަށް ވެއްޖެ އެވެ.

ސްޕެއިންގައި 16،000 އަށް ވުރެ ގިނަ މީހުން ބައިވެރިކޮށްގެން ކުރި ދިރާސާއަކަށް ފަހު ބުނީ ހަކުރު އަޅާފައި ހުންނަ ބުއިންތައް އާންމުކޮށް ބޭނުންކުރާ މީހުން، އެއިން ބުއިމެއް އާންމު ގޮތެއްގައި ބޭނުންކުރާ ހާލަތުން ހާލަތެއްގައި، އެއިން ބުއިމެއްގެ ބަދަލުގައި ފެންތައްޓެއް ބޯލުމުން ވެސް ދިގު މުއްދަތުގައި ބޮޑު ބަދަލެއް ފެންނަ ކަމަށެވެ.

ގާތްގަނޑަކަށް އަށް އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ދިރާސާގެ ބައިވެރިންގެ ތެރެއިން 900 މީހަކު ވަނީ، ދިރާސާގެ މުއްދަތުގެ ތެރޭގައި، އޮބީސް ނުވަތަ އެކަށީގެންވާ ވަރަށް ވުރެ ފަލަ މީހުންނަށް ވެފަ އެވެ. ހަކުރު އެޅި އެކި ބުއިންތައް ބޭނުންކުރާ މީހުން ދިރާސާގައި ހިމެނޭއިރު، ދުވާލަކު އެއް ފަހަރު ނަމަވެސް އެއިން ބުއިމެއްގެ ބަދަލުގައި ފެންތައްޓެއް ބުއި މީހުންގެ ކިބައިން ފަލަ ބަލީގެ އަލާމާތްތައް ފެނުމުގެ ފުރުސަތު 15-20 ޕަސެންޓް ދަށަށް ދިޔަ އެވެ.

ނަމަވެސް ހޯލް މިލްކް، ސްކިމް މިލްކް، ޑައެޓް ސޮޑާ، ކޮފީ އަދި އެކި ބާވަތުގެ ޖޫސް ފަދަ ތަކެތީގެ ބަދަލުގައި ފެން ބުޔަސް ފަލަވުމާއި ބަރުދަން އިތުރުވުމަށް ބަދަލެއް އައި ކަމަކަށް މި ދިރާސާއިން ނުދައްކަ އެވެ. އަދި މި ދިރާސާ އަކީ ފޮނި ބުއިމެއްގެ ބަދަލުގައި، ފެން ބުއިމުން ބަރުދަން އިތުރު ނުވާނެކަން ކަށަވަރުވާ ދިރާސާއެއް ނޫނެވެ.

މީހަކު ފަލަވުމުގައި އެ މީހަކަށް އާއިލީ ގޮތުން ވާރުތަކޮށްފައިވާ ކަންކަމާއި ހަރަކާތްތެރިކަން ހުންނަ މިންވަރު ވަރަށް މުހިންމު ރޯލެއް އަދާކުރެ އެވެ.

ބާސެލޯނާގެ އިންސްޓްޓިއުޓް އޮފް ރީސާޗް އިން ބަޔޯމެޑިސިންގެ މި ދިރާސާ ކަށަވަރު ކުރުމަށް އިތުރު ދިރާސާތައް ބޭނުންވާ ކަމަށް އެ ތަނުގެ ރިސާޗާ އުޖޫއޭ ފްރެސާން ވިދާޅުވި އެވެ.