20 ޖޫން 2016 - 09:07

ނަސޭހަތެއް ދޭން އެނގޭނީ ތިޔައީ ކީއްކުރަން ކުރާ ކަމެއްކަން އެނގުނީމަ އެވެ. ހުސް ފެން ބޮއިގެން ހުރުމުގެ ބޭނުމަކީ ބަރުދަން ލުއިކުރުން ކަމަށް ވާ ނަމަ، ތިޔަ އަށް ވުރެ ކޮސް ކަމެއް ދުވަހަކު ވެސް މީހަކު ނުކުރާނެ އެވެ. އެހެނީ ދިރުމަށް އެންމެ މުހިންމު އެއްޗަކީ ފެން ކަމަށް ވިޔަސް ހުސް ފެން ބޮއިގެން މަރުވުން ވެސް އެކަށީގެން ވާތީ އެވެ.
ތިޔަ ސުވާލުގެ ގަސްތަކީ "ވޯޓާ ފާސްޓިން" އަށް ހުރުން ކަމަށް ބެލެވެ އެވެ. އެއީ ވަކި މުއްދަތަކަށް، ފެން ނޫން ހުރިހާ އެއްޗަކުން ދުރުވެ ބަރުދަން ލުއިކުރަން ކުރާ ކަމެކެވެ. ތިޔަ ކަމުގައި ދޭން އޮތް ނަސޭހަތަކީ ހަމަ މިހާރުން މިހާރަށް ތިޔަ ފިކުރާ ދުރަށް ދިއުމަށް ބުނުމެވެ.
ވޯޓާ ފާސްޓިން އަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ނަސީބު ދެރަ ބައެއް މީހުންނަށް ވަރަށް ދެރަ ގޮތްތައް ވަނީ ވެފަ އެވެ. ބައެއް މީހުން މަރު ވެސް ވެފައި ވެ އެވެ. މިއީ ޖޯކަކަށް ބުނާ ވާހަކައެއް ނޫނެވެ. ތިޔަ ކުރި ސުވާލުގެ ބާވަތުން ޖޯކަކަށް ވާ ކަހަލަ އެއްޗެއް ބުނުމަކީ ވަކިން ސީރިއަސް ކަމަށް ވުން ވެސް ގާތެވެ.
ހަށިގަނޑަށް އެންމެ މުހިންމީ ފެނެވެ. މާނަ އަކީ ފެން ނޫން އެހެން އެއްޗެއްގައި މުހިންމު ކަމެއް ނެތެކޭ ނޫނެވެ. ހަށިގަނޑު އުފެދި ތަރުތީބުވެފައި ވަނީ މިނެރަލް އާއި ވިޓަމިންގެ ވަކި ނިސްބަތަކުންނެވެ. އެ ނިސްބަތަށް ލޮޅުމެއް އަރައި އުނިވެއްޖެ ނަމަ ހަށިގަނޑަށް ބޮޑެތި ބަދަލުތައް އާދެ އެވެ. ބަލިވުމާއި މޯޅިވުން އަދި އަނަރޫފަވުން ފަދަ ސިފަތަކުން ހަށިގަނޑުގައި ކުލަޖެހެ އެވެ. އުމުރު ކުރުވެ އެވެ.
ތިހެން ހުރެފައި ކުއްލިއަކަށް ބަރުދަން ލުއިކުރަން ހިފުމުން ހަށިގަނޑުގެ ބެލެންސް ގެއްލުން އެކަށީގެން ވެ އެވެ. މޭ، ފިތް އަދި ގުރުދާ އަށް ވަޒީފާ ގެއްލި ހޯމޯން ބެލެންސުން ކެޓުން އެކަށީގެން ވެ އެވެ. "ކްރޭޝް ޑައިޓް" އަކީ ފިތުގައި ހިލަ އުފެދޭ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.
ހަމައެކަނި ފެން ބޮއިގެން ހުރުމުގެ ބޭނުމަކީ ހަށިގަނޑުން ފެޓް މަދުކުރުން ކަމަށް ވާ ނަމަ، ތިޔައީ އެކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނަމެވެ. އެހާ ދުވަސް ވަންދެން އެއްޗެއް ނުކައި ހުރުމުން ގެއްލިގެން ދާނީ ހަމައެކަނި ފެޓެއް ނޫނެވެ. ގައިގެ މަސްތައް ވެސް ވިރުން އެކަށީގެން ވެ އެވެ.
ތިޔަ އުޅެނީ ހަށިގަނޑުގެ ސިފަ ނުގެއްލޭ ގޮތައް ހިކެން ކަމަށް ވާ ނަމަ "ނިއުޓްރިޝަނިސްޓް"އެއްގެ ލަފާ ހޯދަން ނަސޭހަތްތެރިވަމެެވެ. އެ ނޫން ގޮތެއްގައި އިލްމެއް ނެތި ހަށިގަނޑާ ނުކުޅުމަށް ވެސް ބުނެ އިންޒާރުދެމެވެ.