18 މެއި 2017 - 15:30

ރިޔާޒް (މެއި 18) - ހަތިޔާރު އުފައްދަން ސައުދީ އަރަބިއާ އިން ގައުމީ ކުންފުންޏެއް ހަދައިފި އެވެ.
ސައުދީ ސަރުކާރުގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ބުނީ ސައުދީ އަރަބިއަން މިލިޓަރީ އިންޑަސްޓްރީޒްގެ ނަމުގައި ހަތިޔާރު އުފައްދާ ކުންފުނި ހެދީ ވިޝަން 2030 ގެ ދަށުން ކަމަށެވެ. ވިޝަން 2030 އަކީ ސައުދީ އަރަބިއާ އިން ތެލަށް ބަރޯސާވުން ކުޑަކޮށް އިގްތިސާދު ފުޅާކުރުމަށް ފަށާފައިވާ ޕްލޭނެކެވެ.
ޕީއައިއެފް އިން ބުނީ އަލަށް އުފައްދާ ކުންފުނިން 40،000 ވަޒީފާ އުފައްދާނެ ކަމަށެވެ. ހައި-ޓެކް އަދި އިންޖިނޭރުން ސެކްޓަރުން ގިނަ ވަޒީފާތަކެއް އުފެއްދޭނެ ކަމަށް ޕީއައިއެފް އިން ބުނެ އެވެ.
ވިޝަން 2030 ގެ ކަންކަން ބަލަހައްޓަވާ ވަލީ އަހުދުގެ ނައިބް އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ބިން ސަލްމާން ވިދާޅުވީ އާ ކުންފުނިން ކުރާނެ ކަމަކީ ހަމައެކަނި ހަތިޔާރު އުފެއްދުން ނޫން ކަމަށާއި ހަނގުރާމަމަތީ ވެހިކަލްތަކާއި ހަނގުރާމަ މަތީ ޖެޓްތައް މަރާމާތު ކުރާނެ ޔުނިޓްތައް ވެސް އުފައްދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސައުދީ ހަތިޔާރު ކުންފުނިން ދުނިޔޭގެ ބޮޑު ކުންފުންޏަކާ އެކު ޖޮއިންޓް ވެންޗާއެއް އުފައްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސައުދީ އަރަބިއާ އިން ބުނީ އަމާޒަކީ 2030 ވަނަ އަހަރު އަންނަ އިރު ސައުދީ ހަތިޔާރު ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީ 25 ކުންފުނީގެ ތެރޭގައި ހިމެނުން ކަމަށެވެ.