20 ޖޫން 2016 - 00:41

"ސްޓާ ޓްރެކް" ސީރީސްގެ ފިލްމުތަކުން ވިދާލި އަދި އަރަމުން އަންނަ ޒުވާން އެކްޓަރު އެންޓަން ޔެލްޗިން ކާރު އެކްސިޑެންޓެއްގައި އިއްޔެ މަރުވެއްޖެ އެވެ.
އުމުރުން 27 އަހަރުގެ އެކްޓަރު މަރުވިކަން އޭނާގެ ޕަބްލިސިސްޓް ޖެނިފާ އެލެން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ޖެނިފާ ބުނީ އެންޓަން މަރުވިކަން އެނގުނީ އޭނާގެ ކުރިއަށް އޮތް ރިހާސަލްއަކަށް ލަސްވާތީ އެތައް ފަހަރަކު އެކުވެރިން ގުޅުމުން ވެސް ފޯން ނުނަގައިގެން، އެންމެ ފަހުން ފުލުހުންނަށް ރިޕޯޓްކޮށްގެން އުޅެނިކޮށް ކަމަށެވެ.
އެންޓަން މަރުވީ ހެނދުނު ރިހާސަލް އަށް ދިޔަ މަގުމަތީގައި ކާރު ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން، ކޮންޓްރޯލް ނުވެ ހިނގި ހާދިސާއެއްގައި ކަމަށްވެ އެވެ. އޭނާ މަރުވި ހަބަރަކާ އެކު، އެކުގައި މަސައްކަތްކޮށްފައިވާ ފަންނާނުންނާއި އެކުވެރިން ވަނީ ހިތާމަފާޅުކޮށް ޓްވީޓްކޮށްފަ އެވެ
ރަޝިއާ އަށް އުފަން އެންޓަންއަކީ އޭނާގެ އާއިލާގައި ހުރި ހަމައެކަނި ދަރިފުޅެވެ. އޭނާގެ އާއިލާ އެމެރިކާ އަށް ހިޖުރަ ކުރީ އެންޓަން ވަރަށް ކުޑަ އިރު އެވެ.
"ސްޓާ ޓްރެކް" އިން ވިދާލުމުގެ ކުރިން އެންޓަން ވަނީ ޓީވީ ޝޯތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ.
އޭނާ ކުޅެފައިވާ މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "އަލްފާ ޑޮގްސް"، "ޗާލީ ބާޓްލެޓް" އަދި "ގްރީން ރޫމް" ފަދަ ފިލްމްތައް ހިމެނެ އެވެ.
އެންޓަންގެ ކުރިއަށް އޮތް ފިލްމަކީ "ސްޓާ ޓްރެކް ބިޔޯންޑް" އެވެ. އެ ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 22 ގަ އެވެ.