22 ޖޫން 2016 - 07:56

ޒަމާނުއްސުރެ ރާއްޖޭގައި ޝަރީޢަތުގެ މަޖިލިސްކަމަށް ބަލަނީ ދައުވާ އުފުލައި، ފަނޑިޔާރަކު އިނދެގެން މައްސަލައިގެ ދެ ފަރާތް ޙާޟިރުކޮށްގެން އަޑުއެހުންތައް ކުރިއަށް ގެންދާ މަޖިލީހަށެވެ. އާ ޤާނޫނުއަސާސީ އަށް 2008 ގައި އަމަލުކުރަން ފެށުމާ އެކު ވެސް ޝަރީޢަތުގެ މަޖިލިސް ކަމަށް އާންމު ގޮތެއްގައި ތަރުޖަމާ ކުރެވެމުން އައީ ކުރިން މި ބުނި މަޖިލީހަށެވެ. ނަމަވެސް މި ތަރުޖަމާގެ ސަބަބުން ޖިނާއީ މައްސަލަތަކުގައި ދިމާވަމުން ދިޔަ ބޮޑު ގޮންޖެހުމެއް އޮތެވެ.

އެއީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި، ޝަރީއަތުގެ މަޖިލީހުގައިވާ އިއުތިރާފު ފިޔަވައި އެހެން އިއުތިރާފަކީ ހެއްކެއް ކަމަށް ނުބެލެވޭނެ ކަމަށް ބަޔާންވެފައި އޮތުމެވެ. އެގޮތަށް އޮތުމުން ޝަރީއަތުގެ މަޖިލީހުން ބޭރުގައި މީހަކު ކުށަށް އެއްބަސްވިޔަސް އެ ކުށަށް ޝަރީއަތުގައި އިންކާރުކޮށްފި ނަމަ ކުރީގެ އިއުތިރާފް ބަލައިގަތުމަށް ދަތިތަކެއް ދިޔައީ ކުރިމަތިވަމުންނެވެ.

ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ އެހެން އޮތަސް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގެ ދަށުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ބަންދާ މެދު ކޯޓުން ގޮތެއް ނިންމާ މަޖިލިސްތަކުގައި ކުށަށް ތުހުމަތުކުރެވޭ މީހުން މަދުން ނަމަވެސް، ކުށަށް އިޢުތިރާފުވެފައި އެބަ ހުއްޓެވެ.
މިފަދަ މަޝްހޫރު މައްސަލަތަކަށް ބަލާއިރު، އަބްދުﷲ ފަރުހަދު، ސ. ހުޅުދޫ ލިލީމާގެ، މަރާލި މައްސަލާގައި މިހާރު މަރަން ހުކުމްކޮށްފައިވާ މުހައްމަދު ނަބީލް، ގ. ރީފްގެ ބަންދާ މެދު ގޮތެއް ނިންމި މަޖިލީހާއި މަރިޔަމް ނަޒާހާ، ހ. ބައިކަނޑިގެ، އޭނާގެ ކުރީގެ ފިރިމީހާއަށް ހަމަލާދީ މަރާލި ހާދިސާއާ ގުޅިގެން ބޭއްވި މުއްދަތު މަޖިލީހާއި، ޑރ. އަފްރާޝީމް ޢަލީ މަރާލި ކަމުގެ ތުހުމަތުގައި ޙުސައިން ހުމާމް، ހ. ލޮބީގެ ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި މުއްދަތު މަޖިލިސް ފާހަގަކޮށްލެވެ އެވެ.
އެ ހާދިސާތަކުގައި، ވެސް ތުހުމަތުކުރެވޭ މީހުން ބަންދާ މެދު ގޮތެއް ނިންމިއިރު އެއީ ޝަރީޢަތުގެ މަޖިލީހެއް ކަމަށް ސާފުކޮށް ބަޔާންކޮށްފައި ނެތުމުން އެ މަޖިލީހުގައިވީ އިޢުތިރާފަށް ބުރަދަން ދިނުމުގައި ގާނޫނީ ސުވާލުތަކެއް އުފެދުނެވެ. ނުވަތަ އެފަދަ އިޢުތިރާފްތަކަށް ބުރަދަން ދިނުމުގައި ކޮންމެވެސް ވަރެއްގެ ޤާނޫނީ ގޮންޖެހުންތަކެއް ކުރިމަތިވަމުން ދިޔަ އެވެ. އެހެންވެ މުއްދަތު މަޖިލިސްތަކުގައި ކުށަށް އިއުތިރާފްވުމަށް ފަހު ޝަރީއަތް ފެށުމުން ދައުވާ އަށް އިންކާރުކުރުން އޭރު އޮތީ އާންމު ކަމަކަށް ވެފަ އެވެ. ބޮޑެތި ކުށުގެ މައްސަލަތަކުގައި ހިމެނޭ މީހުން ގާނޫނީ އެ ލޫޕްހޯލް ބޭނުންކޮށްގެން ދިޔައީ ސަލާމަތްވަމުންނެވެ. އެކަމަކު ގާނޫނީ ގޮތުން އެކަމަށް އޭރު ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.
ނަބީލް މަރަން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ހިނގިއިރު އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް ވަނީ އަމިއްލަފުޅަށް އެ ޝަރީއަތުގެ އަޑުއެހުމަކަށް ވަޑައިގެން، މުއްދަތު މަޖިލީހުގައިވާ އިއުތިރާފްތައް ބަލައިގަތުމާ މެދު ގޮތެއް ނިންމައިދޭން ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. އެކަމަކު އެ މައްސަލަ ހައި ކޯޓުން ނިންމިއިރު އެ ހުކުމުގައި އެ ނުކުތާއާ މެދު ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން މެއި 2، 2016 ގައި ފާސްކޮށް، ތަޞްދީޤުކޮށްފައިވާ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 19 ވަނަ މާއްދާގައި ޝަރީޢަތުގެ މަޖިލީހުގެ މާނަ ވަނީ ފުޅާކޮށްފަ އެވެ. އެގޮތުން އެ މަޖިލީހަކީ "ކަމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ފަނޑިޔާރެއްގެ ކުރިމަތީގައި ބޭއްވޭ ކޮންމެ އަޑުއެހުމެއް ކަމަށް" ބަޔާންކޮށްފައިވެ އެވެ.
އިތުރަށް ތަފުސީލުކުރަމުން މި މަޖިލީހުގެ ތެރޭގައި، "ކުށުގެ ތުހުމަތުގައިވާ މީހާ ހައްޔަރުކުރުމަށް ފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޒިރުކޮށް، ބޭއްވޭ އަޑުއެހުމާއި، އިބްތިދާއީ އަޑުއެހުމާއި (ދައުވާ އަޑުއެހުމާއި، ދައުވާއަށް ޖަވާބުދާރީވުމާއި، ދަޢުވާކުރިއަށް ގެންދާނެ ތަނެއް އޮތްތޯ ބެލުން ފަދަ ކަންކަންކުރާ އަޑުއެހުން) ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުންތަކާއި، މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ހިމެނޭ ގޮތަށް، ޝަރީޢަތުގެ މަޖިލީހުގެ މާނަ ފުޅާކޮށްފައިވެ އެވެ.
ދެން އޮތީ، ޝަރީޢަތުގެ މާނަ ފުޅާވެ، މުއްދަތު މަޖިލީހަކީ ޝަރީޢަތުގެ މަޖިލީހަކަށް ވުމުން، ތުހުމަތުކުރެވޭ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުކުރާ ކުރުމުގައި، ކުށަށް އިޢުތިރާފު ވެއްޖެ ނަމަ ނުވަތަ ތުހުމަތުކުރެވޭ ކުށާ ގުޅޭ ގޮތުން ދައްކާ ވާހަކަ އާއި ހާމަކުރާ މަޢުލޫމާތުތައް، އެ މީހަކާ ދެކޮޅަށް ބޭނުންކުރެވޭނެތޯ އުފެދޭ ސުވާލެވެ. މި ސުވާލަށް ވެސް ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ފަރުވާދީފައިވެ އެވެ.
އެ ޤާނޫނުގެ 58 ވަނަ މާއްދާގެ (ވ) ގައި ވަނީ "ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ކުށުގެ ތުހުމަތުގައިވާ މީހާ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް ބާއްވާ ޝަރީޢަތުގެ އަޑުއެހުމަކީ، މި ޤާނޫނުގެ ބޭނުމަށްޓަކައި ޝަރީޢަތުގެ މަޖިލީހެއް ކަމުގައި ބެލޭނެ އެވެ. އަދި އެ މަޖިލީހުގައި އޭނާ ދޭ ބަޔާންތަކާއި ދައްކާ ވާހަކަތަކަކީ، އޭނާގެ މައްޗަށް އެ ކުށުގެ ދަޢުވާ ފަހުން އުފުލިއްޖެ ޙާލަތެއްގައި ބޭއްވޭ ޝަރީޢަތުގައި އޭނާއާ ދެކޮޅަށް ބޭނުންކުރެވޭނެ ހެކި ކަމުގައި ބެލޭނެ އެވެ،" މިހެންނެވެ.
ކުރުކޮށް ބުނާ ނަމަ ޖިނާއީ އިޖްރާއަތުގެ ގާނޫނަށް މި އަހަރު ފަހުކޮޅު އަމަލުކުރަން ފެށުމާ އެކު މުއްދަތު މަޖިލިސްތައް ޝަރީއަތުގެ މަޖިލިސްތަކަށް ބަދަލުވެގެން ދާނެ އެވެ. ދައުވާ އުފުލާފައި ނެތަސް މުއްދަތު މަޖިލިސްތަކުގައި ވެސް ދައްކާ ވާހަކަތަކަކީ ދައުވާ އުފުލާ ފަހުން އެ މީހަކާ ދެކޮޅަށް ބޭނުން ކުރެވިދާނެ ހެކިތަކަށް ވާނެ އެވެ. އޭރުން މުއްދަތު މަޖިލިސްތަކުގައި ކުށަށް އިއުތިރާފްވުމަށް ފަހު ޝަރީއަތުގެ މަޖިލިސްތަކުގައި ދައުވާއަށް އިންކާރުކުރުމުގެ ސަގާފަތް އެއްކޮށްހެން ނިމުމަކަށް އަންނާނެ ކަމަށް ބެލެވެ އެވެ.
ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ކުރިން ވަނީ މުއްދަތު މަޖިލިސްތަކަކީ ޝަރީއަތުގެ މަޖިލީހެއް ކަމަށް ބެލުމުގެ މުހިންމު ކަން ފާހަގަކުރައްވައިފަ އެވެ. އެކި މަރުހަލާތަކުގައި އެކި ގޮތަށް ވާހަކަ ދައްކައިގެން، ކުށުގެ އަދަބުން ސަލާމަތްވުމުގެ ފުރުސަތު ކުށްވެރިންނަށް އޭރުން ހަނިވެގެންދާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"ތަހުގީގާއި ދައުވާ އާއި ޝަރީއަތުގެ މަޖިލިސް އެހާ ތަފާތު ތިން މަރުހަލާއަކަށް ވެ، ތަފާތުކޮށް އޮންނާތީ އަދި އެއިން ކޮންމެ މަރުހަލާއެއްގެ ދޭތެރޭ މެދަށް އެހާ ގިނަ ދުވަސް ގެއްލިދާތީ މީހުން ފައިދާ ނަގައި، ބަޔާން ބަދަލުކުރަން އޮތް ފުރުސަތު ގެއްލިގެންދާނެ އެވެ،" މުއްދަތު މަޖިލިސްތައް ޝަރީއަތުގެ މަޖިލިސްތަކެއްގެ ގޮތަށް މާނަކުރުމުގެ މުހިންމު ކަމާ ބެހޭ ގޮތުން ނަޝީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވެ އެވެ.
އެކަމަކު އެހެން ބައެއް ވަކީލުންގެ ނަޒަރުގައި މުއްދަތު މަޖިލިސްތަކަކީ ޝަރީއަތުގެ މަޖިލީހެއް ކަމަށް ބަލަން ފެށުމަކީ ކުރީގެ ނޫ ގާނޫނު އަސާސީއަށް ރުޖޫއަވުން ފަދަ ކަމެކެވެ. ކުރީގެ ގާނޫނު އަސާސީ އޮތްއިރު ތަހުގީގު މަރުހަލާގައި ދައްކާ ވާހަކަތަކަށް ބިނާކޮށް މީހުންގެ މައްޗަށް ކުށް ސާބިތުކުރެވޭ އުސޫލުން ކުށް ސާބިތު ކުރުމުގެ ސަގާފަތެއް އަނެއްކާވެސް އުފެދިދާނެ ކަމަށް އެ ވަކީލުން ވިދާޅުވެ އެވެ. އަދި އޭރު މަޖުބޫރުކޮށްގެން ބަޔާން ހޯދުން ފަދަ ކަންކަމަށް މަގުފަހިވާނެ ކަން އެކަމާ ދެކޮޅު ހަދާ ވަކީލުން ފާހަގަކުރައްވަ އެވެ.
"މިހާރު ވެސް އާންމު ކަމެއް މިއީ ފުލުހުން މީހުންނަށް ބިރު ދައްކައިގެން އެއްބަސްކުރުވާ ކަމުގެ ތުހުމަތު ކުރެވުން، އެކަން އިތުރަށް ފުޅާވެގެން ދާނީ މިކަމުން. މުއްދަތުގެ ހުރިހާ މަޖިލިސްތަކަކީ ވަކީލުން ތިބެގެން ގެންދާ މަޖިލިސްތަކެއް ނޫން،" ޖިނާއީ ގިނަ މައްސަލަތަކެއްގައި ވަކާލާތުކުރައްވާފައިވާ ވަކީލަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
"ލިބިފައި އޮންނަ ވަގުތަށް ބަލާފައި އެ މަޖިލިސް ކުރިއަށް ގެންގޮސްދާނެ ވަކީލަކާ ނުލައި ވެސް، އޭރުން މަޖުބޫރުކޮށް، ބިރު ދައްކައިގެން އެ މަޖިލީހުގައި އެއްބަސް ކުރުވުމުގެ ފުރުސަތު ފުލުހުންނަށް އެބަ ލިބޭ."
އެ ވަކީލްގެ ނަޒަރުގައި ހުރިހާ މައްސަލަތަކެއްގައި މުއްދަތު މަޖިލިސްތަކުގައި ދައްކާ ވާހަކަތައް ޝަރީއަތަށް ބަލައިގަތުމުގެ ބަދަލުގައި މައްސަލަތަކުގެ ބާވަތަށާއި ކަން ހިނގާފައިވާ ގޮތަށް ބަލައި، ވަކި ކަހަލަ ހާލަތްތަކެއްގައި އެ އުސޫލުން އަމަލުކުރުން މުހިންމެވެ. އެގޮތުން ސީރިއަސް ކުށްތަކުގައި އެ އުސޫލު ގެންގުޅެވިދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"މައްސަލައިގެ މެރިޓަށް ބަލާފައި އެކަން ކެޓަގަރައިޒް ކުރީމަ ރަނގަޅުވާނެ ކަމަށް އަޅުގަނޑު ދެކެނީ. މިސާލަކަށް މަރުގެ މައްސަލައެއްގައި މީހަކު މުއްދަތު މަޖިލީހުގައި އެއްބަސްވުމަށް ފަހު ޝަރީއަތުގައި އިންކާރުކުރީ، އެކަމަކު އޭނާއާ ދެކޮޅަށް ގިނަ ހެކިތަކެއް ހުރީ، އެފަދަ ކޭސްއެއްގައި ރަނގަޅު ހެކިންގެ ބަހަށް އިތުރަށް ބާރު ދޭންވެގެން ކުރިން މުއްދަތު މަޖިލީހުގައި ދެއްކި ވާހަކަތަކަށް ބުރަދަން ދެވިދާނެ،" އެ ވަކީލް ވިދާޅުވި އެވެ.
މުއްދަތު މަޖިލީހުގައި ދައްކާ ވާހަކައަށް ބުރަދަނެއް ދިނުމުން، ތުހުމަތުކުރެވޭ މީހާ ދައްކާ ވާހަކަ ރެކޯޑު ކުރުމާއި، ބަޔާން ނެގުން ފަދަ ކަންކަން މުއްދަތު މަޖިލީހުގައި ކޯޓުތަކުން ކުރަން ޖެހޭނެ އެވެ. އަދި މުއްދަތު މަޖިލިސްތަކުގެ ރެކޯޑިންތަކާއި ބަޔާންތައް ތަހުގީގުގެ ބޭނުމަށް ތަހުގީގީ އިދާރާތަކާ ހިއްސާކުރަން ވެސް ޖެހޭނެ އެވެ. މިއީ މިހާރު އާންމުކޮށް މުއްދަތު މަޖިލިސްތަކުގައި ކޯޓުތަކުން ކުރަމުންދާ ކަމެއް ނޫނެވެ.
މި ބަދަލާ އެކު ދެން އުފެދިދާނެ އޮއިވަރަކީ، މުއްދަތު މަޖިލީހުގައި ކުށަށް އިއުތިރާފު ނުވުމާއި، ކުށާ ގުޅޭ މައުލޫމާތު ހާމަނުކުރުމެވެ. ނަމަވެސް ޖިނާއީ އަދުލުގެ ނިޒާމަށް އަލަށް ތައާރަފުކުރާ ހުރިހާ ގާނޫނުތަކެއްގެ ރޫހަކީ، ކުށަށް އިއުތިރާފުވުމުން ލުއި އަދަބު ދިނުން ލާޒިމްކުރުމާއި، އަލަށް ކުށްކުށަށް އަރައިގަންނަ މީހުންގެ މައްޗަށް ދައުވާކުރުމުގައި އިތުރަށް ސަމާލުކަން ދިނުންކަން ވެސް ފާހަގަކުރެވެ އެވެ.
މުއްދަތު މަޖިލިސްތަކަކީ ޝަރީއަތުގެ މަޖިލީހެއް ކަމަށް ބަލަން ފެށުމަކީ ބޮޑެތި ކުށްވެރިން ސަލާމަތްވާން އޮތް ދޮރު ބަންދުވާނެ ކަމެކެވެ. ނަމަވެސް އެ ބަދަލު ގެންނައިރު ތުހުމަތުކުރެވޭ މީހުންގެ ހައްގުތައް ނުގެއްލޭ ފަދަ ގޮތަކަށް ވެސް އެ ނިޒާމް ބައްޓަން ކުރަން ޖެހޭނެ އެވެ.