18 މެއި 2017 - 13:05

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކްރިމިނަލް ކޯޓުން މި މަހުގެ 10 ވަނަ ދުވަހު ކުރިމަތިކުރި ޝަރުތުތަކާ ގުޅިގެން، އެ ޕާޓީގެ ޖަގަހަ މ. ކުނޫޒްގައި ބާއްވަމުން އައި ޖަލްސާތައް މެދުކަނޑާލާފައި އޮތުމަށް ފަހު މިރޭ ފަށާ ގޮތަށް ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން ގާސިމަށް ކުރި ހަތް ޝަރުތުތަކާ ގުޅިގެން ކުނޫޒްގައި ސިޔާސީ ބައްދަލުވުންތައް ބޭއްވިދާނެ ކަމުގެ ސުވާލު އޮތީ އުފެދިފަ އެވެ. އެއީ ދައުލަތުގެ ތިން ބާރުގެ ވެރިންނާ މެދު ނަފުރަތު އުފެދޭ ވާހަކަތައް ނުދެއްކުމާއި ފިތުނަ އުފެދޭ ފަދަ ވާހަކަތައް ދައްކަން ގާސިމްގެ ގެދޮރު ދޫނުކުރަން ވެސް ޝަރުތުކޮށްފައިވާތީ އެވެ.
ކުނޫޒަކީ ސީދާ ގާސިމްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ އިމާރާތެކެވެ.
ކުނޫޒްގައި އިދިކޮޅު ކޯލިޝަންގެ ޖަލްސާތައް އަލުން ބޭއްވުމުގެ ފުރުސަތު މި ހުޅުވުނީ، ކޯޓުން ގާސިމަށް ކުރި ޝަރުތުތައް އިއްޔެ އުވައިލުމާ ގުޅިގެންނެވެ.
ކުނޫޒްގެ ޖަލްސާތައް މެދުކަނޑާލުމާ ގުޅިގެން މިދިޔަ ހަފުތާއެއްހާ ދުވަހު އިދިކޮޅު ކޯލިޝަންގެ ޖަލްސާތައް ބާއްވަމުން އައީ އެމްޑީޕީގެ ހަރުގޭގަ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވަނީ ފުރަތަމަ އެމްޑީޕީގެ ހަރުގެ އަަކަށް ވަޑައިގެން އެ ޕާޓީގެ ޕޯޑިއަމެއްގައި ރޭ ވާހަކަ ދައްކަވައިފަ އެވެ. މިއީ މައުމޫންގެ ބޭފުޅަކު ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޕޯޑިއަމެއްގައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރަށް ވެ ވަނީ ތާރީޚުގެ ތެރެއަށް ވަދެފަ އެވެ.
ރޭގެ ޖަލްސާގައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ މި މަހުގެ 10 ގައި ކޯޓުން ގާސިމް މިނިވަންކުރި ފަހުން ސިޔާސީ އާންމު ބައްދަލުވުމަކުން އޭނާ ފެނުނު ފުރަތަމަ ފަހަރު ވެސް މެ އެވެ.