18 މެއި 2017 - 12:46

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ބޮޑެތި ޝައްކުތަކެއް ހުއްޓާ ކަމަށް ވިދާޅުވެ، ކްރިމިނަލް ކޯޓުން އަމަލު ކުރިގޮތަށް މަހްލޫފް ހައި ކޯޓުގައި މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
މާޗް، 2015 ގައި، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަތް ކަން ސާބިތުވެ، މަހްލޫފް ޖަލަށްލާން ކުރި ހުކުމް އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ބޭއްވި އަޑުއެހުމުގައި މަހްލޫފް ވިދާޅުވީ އޭނާއާ ދެކޮޅަށް ހެކިބަސް ދިން ހެކިންގެ ބަހުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށެވެ.
މަހްލޫފް ވިދާޅުވި ގޮތުގައި އޭނާއާ ދެކޮޅަށް ހެކިބަސް ދިން ފުލުހެއްގެ ހެކިބަހުގައި، ބަންދު ކޮށްފައިވާ ސަރަހައްދުގައި އޭނާ ހަރަކާތްތެރިވި ހުރިހާ ވަގުތެއްގައި ވެސް ފުލުސް މީހާ އަށް އޭނާ ފެންނަ ހުރި ކަމަށް އެ ފުލުސް މީހާ ބުނެފައިވާ ކަމަށެވެ. އެކަމަކު އޭނާ ހަރަކާތްތެރިވީ މުޒާހަރާކުރި އެތައް ބަޔަކާ އެއްކޮށް ކަމަށާއި އެހެންވީއިރު އެ ހުރިހާ ވަގުތެއްގައި ވެސް އެ ފުލުސް މީހާ އަށް އޭނާ ފެންނަންހުރީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
ފުލުހުން ބަންދު ކޮށްފައިވާ ސަރަހައްދަކަށް މަހްލޫފް ވަތް ކަމަށް ފުލުހުންގެ ވޯކީ ޓޯކީން ގޮވާ އަޑު އިވުނު ކަމަށް ދެ ފުލުހަކު ހެކިބަސް ދިނަސް އެ މީހުންގެ ހެކިބަހަށް ބަލާއިރު އެ މީހުންނަށް އަޑު އިވުނީ މުޅިން އެހެން ސަރަހައްދަކަށް އޭނާ ވަތް ކަމަށް ބުނާ ވާހަކަ ކަމަށް މަހްލޫފް ވިދާޅުވި އެވެ. އަދި އޭނާއާ ދެކޮޅަށް އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނެތް ކަމަށާއި އެހެންވެ ބޮޑެތި ޝައްކުތަކެއް އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ދިފާއީ ހެކިން ހާޒިރު ނުކުރަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ފާޑު ވިދާޅުވެ، މަހްލޫފް ވިދާޅުވީ ދިފާއީ ހެކިން ހާޒިރު ނުކުރަން ނިންމީ ދެފަހަރެއްގެ މަތިން އެ ހެކިން ހާޒިރު ކުރަން ޗިޓް ފޮނުވުމަށް ފަހުގައި ކަމަށެވެ.
"ދިފާއީ ބައެއް ހެކިންނަށް ދެ ފަހަރަށް ޗިޓް ފޮނުވި. އެކަމަކު ޖެހިގެން އައި އަޑުއެހުމުގައި ގާޒީ މި ނިންމަވަނީ ދިފާއީ ހެކިންގެ ހެކިބަސް ނެގޭކަށް ނެތޭ،" މަހްލޫފް ވިދާޅުވި އެވެ.
ޖަލުގައި ހުންނައިރު ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭތީ އެކަމުގެ ޝަކުވާ މަހްލޫފް މިއަދު ކުރެއްވި އެވެ. ފަނޑިޔާރުން ދައުލަތަށް އެންގެވީ އޮންނަ އުސޫލުގެ މަތިން ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު މަހްލޫފަށް ދިނުމަށެވެ.
ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު އަލީ ސަމީރު ބައްލަވާ އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާއިރު ވަރަށް އަވަހަށް ހުކުމް ކުރާނެ ކަން ފަނޑިޔާރުން އިއުލާން ކުރެއްވި އެވެ.
އަޑުއެހުންތައް ނިންމާލިއިރު އެ ހުކުމް ތަންފީޒުކޮށް ނިމި، މަހްލޫފް މިހާރު ގެންދަވަނީ އޭނާ އަށް އިއްވި ދެވަނަ ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ވެސް ނިމި، އަންނަ މަހު އޭނާ މިނިވަންވާނެ އެވެ.