18 މެއި 2017 - 11:16

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހަ މަހަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ވަރަށް އަވަހަށް ނިންމާނެ ކަމަށް ހައި ކޯޓުން އެ މައްސަލަ ބައްލަވާ ފަނޑިޔާރުން މިއަދު ވިދާޅުވެއްޖެ އެވެ.
މާޗް، 2015 ގައި ފުލުހުން ބަންދުކުރި ސަރަހައްދަކަށް ވަތް ކަން ސާބިތުވެ، މަހްލޫފް ހަ މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން މަހްލޫފްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އަޑުއެހުންތައް ނިންމާލިއިރު އެ ހުކުމް ތަންފީޒުކޮށް ނިމި، މަހްލޫފް މިހާރު ގެންދަވަނީ އޭނާ އަށް އިއްވި ހަތަރު މަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ.
އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އަބްދުﷲ ހަމީދު ވިދާޅުވީ މައްސަލައިގެ ހުކުމް ވަރަށް އަވަހަށް އިއްވާނެ ކަމަށެވެ. އެކަމަކު ވަކި ދުވަހެއް ފަނޑިޔާރު ވިދާޅެއް ނުވެ އެވެ. ފަނޑިޔާރު ހަމީދުގެ އިތުރުން އެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު އަލީ ސަމީރެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެ މައްސަލައިގެ އަޑުއެހުން ކުރިއަށް ދަނިކޮށް ކޯޓުގެ ރެކޯޑިން ސިސްޓަމް ޑައުންވުމުން އެ ދުވަހުގެ އަޑުއެހުން ހުއްޓާލީ އެވެ. އަޑުއެހުންތައް އެއްކޮށް މިއަދު ނިންމާލީ ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު އެވެ.
ބަންދުގައި ހުންނައިރު ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ، މަހްލޫފް ޝަރީއަތުގައި ޝަކުވާ ކުރެއްވުމުން ފަނޑިޔާރުން ދައުލަތަށް އެންގެވީ އޮންނަ އުސޫލުގެ މަތިން ވަކީލުންނާ ބައްދަލު ކުރުމުގެ ފުރުސަތު މަހްލޫފަށް ދިނުމަށެވެ.
މަހްލޫފް މިހާރު ތަންފީޒު ކުރައްވަމުން ގެންދަވަނީ ބަންދުގައި ހުރިއިރު ފުލުހުންނަށް ފިލަން އުޅުނު ކަން ސާބިތުވެ، އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކުރި ހުކުމެވެ. އެ ހުކުމް ތަންފީޒުކޮށް ނިމި އަންނަ މަހު އޭނާ މިނިވަންވާނެ އެވެ.
އެ ދެ ހުކުމާ އެކު އޭނާގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލުނަސް ހުކުމުގެ މުއްދަތުގައި އޭނާ އަށް މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރެއް ނުވެވޭނެ އެވެ.