18 މެއި 2017 - 10:51

ޕެރިސް (މެއި 18) - ފްރާންސްގެ އާ ރައީސް އިމެނުއަލް މެކޮންގެ ރިޔާސީ ވައުދާ އެއްގޮތަކަށް ޖިންސުގެ ހަމަހަމަ ކެބިނެޓެއް އިއުލާން ކުރައްވައިފި އެވެ.

ފްރާންސްގެ ކެބިނެޓުގެ 22 މަގާމުގެ ތެރޭން 11 މަގާމަށް ވަނީ އަންހެނުން ހަމަޖައްސަައިފަ އެވެ. ޑިފެންސް އަދި ސްޕޯޓްސް މިނިސްޓަރު ފަދަ މަގާމުތަކަށް ހަމަޖައްސައިފައި ވަނީ އަންހެނުންނެވެ.
ފްރާންސްގެ ކުރީގެ ރައީސް ފްރާންސްވާ އޮލެންޑާ 2012 ވަނަ އަހަރު އިއުލާން ކުރެއްވި 34 މެންބަރުންގެ ކެބިނެޓުގައި ވެސް ވަނީ ޖިންސުގެ ހަމަހަމަ ކަމަށް އިސްކަން ދެއްވައިފަ އެވެ. އެ ފަހަރު އޮލެންޑާ ވަނީ 17 އަންހެން ބޭފުޅުން ކެބިނެޓަށް ގެންނަވައިފަ އެވެ. ނަމަވެސް އެ ފަހަރު ކެބިނެޓުުގެ މުހިންމު މަގާމުތައް ހަވާލުކޮށްފައި ވަނީ ފިރިހެނުންނަށެވެ.
ވަޒީރުންގެ ގޮތުގައި އަންހެނުން އެންމެ ގިނަ ގައުމުތަކުގެ ލިސްޓުގެ ކުރީގައި ފްރާންސް ހިމެނެ އެވެ. އަންހެން ވަޒީރުން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ބަލްގޭރިއާ އާއި ނިކަރާގުއާ ވެސް ހިމެނެ އެވެ. މި ގައުމުތަކުގެ އަންހެން ވަޒީރުންގެ ނިސްބަތަކީ 52 ޕަސެންޓް ކަމަށް ޔޫއެން ވިމެން ޑޭޓާ އިން ދައްކަ އެވެ.
ފްރާންސްގެ ރައީސްގެ މަގާމާ އާދިއްތަ ދުވަހު ހަވާލުވެވަޑައިގަތުމަށް ފަހު މެކޮން ވަނީ ޓެރަރިސްޓް ހަމަލާތަކާއި އިގްތިސާދު ހީނަރުވެފައިވާ ގައުމަށް އަލުން އިތުބާރާއި ޔަގީންކަން ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޖޫން މަހު އޮންނަ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް ނެރެން މެކޮންގެ ޕާޓީން އިއުލާންކޮށްފައިވާ 400 ވަރަކަށް ކެންޑިޑޭޓުންގެ ތެރޭން ދެބައި ކުޅަ އެއްބަޔަކީ އަންހެނުންނެވެ.