18 މެއި 2017 - 10:00

އިންޑިއާގެ ވަރަށް ގިނަ ފިލްމުތަކާއި ޓީވީ ސިލްސިލާތަކެއްގައި މަންމަގެ ރޯލު އަދާކޮށްފައިވާ ރީމާ ލާގޫ މަރުވެއްޖެ އެވެ.
ހިންދުސްތާން ޓައިމްސް އިން ބުނި ގޮތުގައި ރީމާ މަރުވީ ރޭ ދަންވަރުގެ ވަގުތެއްގައި މުމްބައީގެ ކޮކިލަބެން ހޮސްޕިޓަލުގަ އެވެ.
ރީމާ، 59، ގެ ދަނބިދަރިފުޅު ވިނޭ ވައިކުލް ބުނީ މައިދައިތަ ހޮސްޕިޓަލަށް ގެންދިޔައީ މޭގައި ރިއްސާތީ ކަމަށެވެ. ރީމާ އަށް ޖެހުނީ ހާޓް އެޓޭކެއް ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރެއް ނުވެ މަރުވެއްޖެ ކަމަށް ވައިކުލް ބުންޏެވެ.
ރީމާ އަކީ ފިލްމުތަކާއި ޓީވީ ސިލްސިލާތަކުގައި ވެސް ވަރަށް މަޝްހޫރު މީހެކެވެ. އޭނާ ވަނީ ބޮލީވުޑްގެ އެންމެ ބޮޑެތި ތަރިންގެ މަންމަގެ ރޯލު ކުޅެފަ އެވެ. އެގޮތުން "މައިނޭ ޕިޔާރް ކިޔާ"ގައި ސަލްމާން ޚާންގެ މަންމަގެ ރޯލު، "ޖައި ކިޝަން"ގައި އަކްޝޭ ކުމާރުގެ މަންމަގެ ރޯލު، "ގުމްރާހު"ގައި ޝްރީދޭވީ ގެ މަންމަގެ ރޯލު، "ހަމް އާޕް ކޭ ހޭ ކޯން" ގައި މާދުރީ ޑީކްޝިޓްގެ މަންމަގެ ރޯލު އަދި "ކަލް ހޯ ނަހޯ"ގައި ޝާހްރުކް ޚާންގެ މަންމަގެ ރޯލު ރީމާ ކުޅެފައިވެ އެވެ.
އެކި ފިލްމުތަކުގައި މަންމަގެ ރޯލު ކުޅެގެން ފިލްމުފެއާ ބެސްޓް ސަޕޯޓިން އެކްޓްރެސްގެ އެވޯޑު ރީމާ ވަނީ ހަތަރު ފަހަރެއްގެ މަތިން ހޯދާފަ އެވެ. ރީމާ މަޝްހޫރުވެފައި ވަނީ ފިލްމުތަކުގައި ވަރަށް މަޑުމައިތިރިކަމާ އެކު ލޯބިން ވާހަކަ ދައްކާ ރަނގަޅު މަންމައެއްގެ ގޮތުގަ އެވެ.
މަރުވި ރީމާ އަންނަނީ ސްޓާ ޕްލަސްގެ "ނާމް ކަރަން" ގައި ވަރަށް ގޯސް މީހެއްގެ ރޯލު އަދާކުރަމުންނެވެ.
ރީމާގެ ހުރީ އެންމެ އަންހެން ދަރިއެކެވެ. އެއީ އެކްޓަރެއް ކަމަށްވާ މިރުންމައީ އެވެ. އޭނާ ބޮޑަށް މަޝްހޫރުވެފައި ވަނީ ތަމްސީލުތައް ކުޅޭ އަދި ޑައިރެކްޓްކުރާ މީހެއްގެ ގޮތުގަ އެވެ.