18 މެއި 2017 - 10:33

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް، މުސްތަގުބަލުގައި ވެސް ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހިމާޔަތް ލިބިވަޑައިގަންނަވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީއޭ ޖަގަހައިގައި ބޭއްވި ޖަލްސާގައި ޒަމީރު ވިދާޅުވީ ސަރުކާރާ ގުޅިގެން މައުމޫން މަސައްކަތް ނުކުރެއްވި ނަމަވެސް، އެމަނިކުފާނަށް ލިބެން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑުމެންނާ އެކީގައި ނެތް ކަމުގައި ވިޔަސް، މުސްތަގުބަލުގައި މައުމޫނަށް ލިބެން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ހޯއްދަވައި ދެއްވާނީ ރައީސް ޔާމީން. އެކަމަކަށް އަޅުގަނޑުމެން ކަންބޮޑުވާނެ ކަމެއް ނެތް،" ޕީޕީއެމްގެ ނައިބު ރައީސްކަން ކުރައްވާ ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ 2008 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި މައުމޫނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތަސް، ކެމްޕެއިންގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ރައީސް ޔާމީން ކަމަށެވެ. އެ ގޮތުން ރައީސް ޔާމީން، ކެމްޕެއިނަށް ވަޑައިގެންނެވި ރަށްތަކުން ކާމިޔާބު ލިބުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންތިހާބު ކާމިޔާބު ކުރުމަށް މިހާރު މި ހުންނެވި ރައީސް ޔާމީން ވަރުގެ ތަޖުރިބާ ހުރި ބޭފުޅެއް ރާއްޖޭގައި ނުހުންނާނެ،" ޒަމީރު ވިދާޅުވި އެވެ.
މައުމޫނަށް ހިމާޔަތް ލިބިވަޑައިގަންނަވާނެ ކަމަށް ޒަމީރު ވިދާޅުވިޔަސް ސީދާ މައުމޫނަށް އަމާޒުކޮށް ސަރުކާރުން ބައެއް ކަންކަން ވަނީ ކޮށްފަ އެވެ. އެގޮތުން ކުރީގެ ރައީސުންނަށް ދޭ ބައެއް އިނާޔަތްތައް ކަނޑާލުމާއި ސެކިއުރިޓީން މަދުކުރުން ހިމެނެ އެވެ. އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި ސަރުކާރުން އެގޮތަށް ކަންތައްކުރަނީ ރައީސް ޔާމީނަށް މައުމޫން ފާޑުވިދާޅުވާން ފެއްޓެވުމުންނެވެ.
އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ އާއިލީ ބޭފުޅެއްގެ ހާލު ސީރިއަސް ވުމުން މައުމޫން އިންޑިއާ އަށް ވަޑައިގެން ހުންނަވާތާ ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
ޒަމީރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުން ނުކުތް ނަތީޖާއަކީ މަސައްކަތް ހުއްޓާލައިގެން ތިބެން ޖެހޭ ވަރުގެ ނަތީޖާއެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންނަށް ހަގީގަތުގައި މި ލިބުނީ އާ ހިތްވަރެއް. އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަން 2018 (ޕީޕީއެމަށް) ކާމިޔާބު ކުރަން،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދެތިން ހަފްތާ ތެރޭގައި ހުރިހާ ދައިރާއެއްގައި ޖަގަހަތައް ގާއިމުކޮށް، ޕީޕީއެމާއި އެމްޑީއޭ އާއި ޑީއާރުޕީ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތް ހަމަޖައްސާނެ އެވެ.
"ކުރެވުނު ކަންތައްތަކުގެ ސަބަބުން ކާމިޔާބުވެފައި ހުރީ. ނުކުރެވުނު ކަންތައްތަކުގެ ސަބަބުން ގެއްލުންވެފައި ހުރީ. އެކަންތައްތައް ހައްލު ކުރުމަށް ޕާޓީން ދިރާސާތަކެއް ކުރަމުން މިދަނީ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ ދިރާސާތަކުގެ އަލީގައި ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެން،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ތަރައްގީގެ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލަން ސަރުކާރުން ނިންމާފައި ނުވާނެ ކަމަށެވެ. އަދި މަޝްރޫއުތަކުގެ ދުވެލި މަޑުޖެހިގެން ނުދާނެ ކަމަށާއި ރައީސް ޔާމީން ވެވަޑައިގެންނެވި ހުރިހާ ވައުދެއް ފުރިހަމަ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފަހަކަށް އައިސް، ރައީސް ޔާމީނާއި މައުމޫނާ ދެމެދު ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ގެންދަވަނީ ބަހުގެ ހަމަލާތައް ބަދަލުކުރައްވަމުންނެވެ. މައުމޫން ފާހަގަކުރައްވާ އެއް ކަމަކީ ސަރުކާރުން ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލު ކުރުމެވެ.