18 މެއި 2017 - 08:17

ގދ. ނަޑެއްލާ އަށް އިއްޔެ ހަވީރުން ފެށިގެން ކުރި ގަދަ ވިއްސާރާގައި އެ ރަށުގައި އާދަޔާ ޚިލާފަށް ފެންބޮޑުވެއްޖެ އެވެ.

ކައުންސިލްގެ ރައީސް ފައިސަލް ނަޖީބު މިއަދު ވިދާޅުވީ އިއްޔެ ހަވީރު ތިނެއް ޖެހިއިރުން ފެށިގެން ރޭ ފަތިހު ހަތަރެއް ޖެހުމާ އަށް މެދުނުކެނޑި ކުރި ވިއްސާރައިގައި މުޅި ރަށުގައި ދެ ފޫޓަށް ވުރެ މައްޗަށް ފެންބޮޑުވެ، ހުރިހާ ގެތަކަށް ކަހަލަ ގޮތަކަށް ފެން ވަދެފައިވާ ކަމަށެވެ.

ފެން ހިންދުމަށް މިހާތަނަށް ތިން ޕަމްޕް ބޭނުންކުރަމުން ދިޔަ ނަމަވެސް ފެންގަނޑު ހިނދޭ ގޮތް ނުވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ވެސް އަންނަނީ ބައިވެރިވަމުންނެވެ.

"އެހެންވެ ރަށުގެ އެކި ހިސާބުން ކޯރު ވެސް ކޮނެފިން. އެވަރުން ވެސް ކޮންޓްރޯލެއް ނުވޭ. މުޅި ރަށް މިހާރު މިއޮތީ ބަންޑުވެފައި ކަހަލަ ގޮތަކަށް. މި ރަށުގެ އުމުރުން ދުވަސްވީ މީހުން ވެސް ބުނަނީ އެ މީހުންގެ އުމުރުގައި މިހާ ވަރަށް ފެންބޮޑުވެފައެއް ނެތޭ. އެހާވަރު ވެފައި މިއޮތީ،" އާބާދީގައި 1،116 މީހުން ތިބި ނަމަވެސް 700 މީހުން މިހާރު ދިރިއުޅޭ ނަޑެއްލާގެ ހާލަތާ ގުޅޭ ގޮތުން ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަށުގައި ފެންބޮޑުވެ ގެތަކަށް ލިބުނު މައުލޫމާތު އެނގޭނީ މިއަދު އެ ގޭގެ އަށް ގޮސް ސާފުކުރުމުންނެވެ.
"މިހާތަނަށް އެނގިފައެއް ނެތް ފެން ވަދެ ގޭގެ އަށް ގެއްލުންވި ކަމެއް. އެއް ގެއެއްގެ ފްރިޖް ފެންގަނޑުގެ ތެރޭގައި ހުރި ކަމަށް އެނގިފައިވޭ. އެކަމަކު ފެން ވަތް ގޭގޭގެ މީހުން އެ ތިބީ ރޭ ވެސް ހޭލާ. ގޭގޭގައި ކެއްކޭނެ ގޮތް. ގޭތެރެ އެއްކޮށް އޮތީ ފެންގަނޑު،" ފައިސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވާރޭ ހުއްޓާލީ ރޭ ފަތިހު ހަތަރެއް ޖެހިއިރު ކަމަށެވެ.
މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ފެންބޮޑުވެ، ބައެއް ރަށްރަށަށް ގެއްލުން ވެފައިވާއިރު، އައްޑޫ ހިތަދު އަށް ރޭ އެރި ނަގޫރޯޅީގައި 12 ގެއެއްގެ ފުރާޅު ވަނީ އެއްލާލައި ބޮޑެތި ގެއްލުނަތެއް ލިބިފަ އެވެ.