ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕް ޔުވެންޓަސް ކާމިޔާބުކޮށްފި
ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕް ޔުވެންޓަސް ކާމިޔާބުކޮށްފި

ރޯމް (މެއި 18) – ލާޒިއޯ 2-0 އިން ބަލިކޮށް އިޓާލިއަން ކަޕުގެ ޗެމްޕިއަންކަން ޔުވެންޓަސް އިން ރޭ ހޯދައިފި އެވެ.

މިއީ މި ސީޒަނުގައި ތިން ތަށި ހޯދުމަށް ޔުވެންޓަސް ކުރަމުން އަންނަ މަސައްކަތުގެ ފުރަތަމަ ބޮޅެވެ. އާދީއްތަ ދުވަހު ކްރޮޓޯނޭއާ ކުޅޭ މެޗު އެއްވަރުކޮށްލައިގެން އެ ޓީމަށް އިޓާލިއަން ލީގު ކާމިޔާބުކުރެވޭނެ އެވެ. އަދި އަންނަ މަހުގެ 3 ވަނަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސްޕެއިނުގެ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނެ އެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުގައި ޔުވެންޓަސްގެ ފުރަތަމަ ގޯލް ޖަހައިދިނީ 12 ވަނަ މިނެޓުގައި ޑެނިއަލް އަލްވެސް އެވެ. ބާސެލޯނާ ދޫކޮށް މި ސީޒަނުގައި ޔުވެންޓަސްއާ ގުޅި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑިފެންޑަރު ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މޮނާކޯ ކޮޅަށް ވެސް ގޯލް ޖަހައިފަ އެވެ. ރޭ ޔުވެންޓަސްގެ ދެ ވަނަ ލަނޑު 24 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސެންޓްރަލް ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އެވެ.

ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނީ ފެނިގެން ދިޔައީ ވަރުގަދަ މެޗެއް ކަމަށާއި ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފް ހައްގު ކަމަށެވެ.

"ފުރަތަމަ ހާފުގައި ވަރަށް ހައި ޓެމްޕޯ ގޭމެއް ދިޔައީ. އަހަރެމެންނަށް ލިބުނު ގިނަ ފުރުސަތުތަކުގެ ބޭނުން ހިފިން. އެހެންވެ ދެ ވަނަ ހާފުގައި ރަނގަޅަށް ޑިފެންސްކުރީ. ދެން މިއޮތީ ލީގު ކާމިޔާބުކުރަން މުހިއްމު މެޗެއް،" އެލެގްރީ ބުންޏެވެ.

އިޓާލިއަން ކަޕުގެ ޗެމްޕިއަން ޓީމަށް ޔުރޮޕާ ލީގުން ފުރުސަތު ލިބޭއިރު، ޔުވެންޓަސް އަށް މިހާރު ވެސް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިފަ އެވެ. އެހެންވެ ޔުރޮޕާ ލީގުގެ ފުރުސަތު ދެން ލިބޭނީ ލާޒިއޯ އަށެވެ. އެކަމަކު އިޓާލިއަން ލީގުގެ ތެރެއިން އެ ޓީމު ވެސް ޔުރޮޕާ ލީގުގެ ޖާގަ ކަށަވަރުކޮށްފައިވާތީ އެ ފުރުސަތު ލިބޭނީ އިޓާލިއަން ލީގުގެ ހަ ވަނަ ޓީމަށެވެ. އެ ޖާގައަށް ވާދަކުރަމުން އަންނަނީ އޭސީ މިލާނާއި، ފިއޮރެންޓީނާ އަދި އިންޓަ މިލާނެވެ.