ފާރިސް ފުރަތަމަ ފަހަރަށް އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވައިފި
ފާރިސް ފުރަތަމަ ފަހަރަށް އެމްޑީޕީގެ ހަރުގޭގައި ވާހަކަ ދައްކަވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ އެކު، އިދިކޮޅު އެމްޑީޕީގެ ހަރުގެ އަށް ވަޑައިގެން އެ ތަނުގައި ތިބި އާއްމުންނާ ފުރަތަމަ ފަހަރަށް މުޚާތަބު ކުރައްވަައި ވާހަކަ ދައްކަވައިފި އެވެ.

މިއީ މައުމޫންގެ ދަރިކަލަކު ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އަދި މައުމޫންގެ ވެރިކަމުގެ ދުވަސްވަރާއި އޭގެ ފަހުން ވެސް އެމަނިކުފާނަށް ސިޔާސީ ގޮތުން އެންމެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރި އެމްޑީޕީގެ ހަރުގެއަކަށް ވަޑައިގެން އެ ޕާޓީގެ ޕޯޑިއަމެއްގައި ހުއްޓިވަޑައިގެން ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ.

މިހާރު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން، ބޮޑުބޭބެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް އެންމެ ބޮޑަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތި ކުރައްވާ ފާރިސް އެމްޑީޕީގެ ހަރުގެ އަށް ވަޑައިގެންނެވި ވަގުތު، ލައުޑް ސްޕީކަރަކުން ދިޔައީ ބައްޕާފުޅު މައުމޫންގެ ވެރިކަމުގައި ތާއީދު ހޯއްދެވުމަށް ހަދާފައިވާ މަޝްހޫރު ލަވަ "ތިޔައީ ޒައީމެ އަދު ލޮބުވެތިވި ދިވެހި ގައުމު ފަޚުރުވެރިވާ" ޖަހަމުންނެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކްރިމިނަލް ކޯޓުން ކުރިމަތިކުރި ހަތް ޝަރުތު އުވާލުމާ ގުޅިގެން، އެމްޑީޕީގެ ހަރުގެ އަށް ގާސިމް ވަޑައިގެން ބޭއްވި ޖަލްސާގައި ފާރިސް ވިދާޅުވީ މައުމޫންގެ ބޭފުޅަކަށް އެމްޑީޕީގެ ޕޯޑިއަމަކުން ފުރުސަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި މިހާރު ރާއްޖެ އިން މި ފެންނަނީ ދުވަހަކު ވެސް ނުފެންނަ ކަހަލަ މަންޒަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު މިފެންނަނީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ އެތައް ބަޔަކު އެއް ޕްލެޓްފޯމަކަށް އަރައި، އެއް ޕޯޑިއަމަކަށް އަރައި މަސައްކަތް ކުރާ ތަން. މި ހާލަތަކީ އަޅުގަނޑުމެންނަށް ގައުމު އަދި ކިތަންމެ ދަށު ހަލާތަކަށް ވެއްޓިފައި އޮތަސް އުއްމީދުން ފުރިގެންވާ ހާލަތެއް ކަމަށް އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން،" ގިނަ ބަޔަކު އެއްވެ ތަރުހީބު ދެމުން ދިޔަ ޖަލްސާގައި ފާރިސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތައް ގުޅިގެން ކުރާ މަސައްކަތް ކާމިޔާބު ކަމާ އެކު ކުރިއަށް އެބަދެ އެވެ. އަދި ﷲގެ އިރާދަފުޅުން ވަރަށް އަވަސް މުސްތަގުބަލެއްގައި ކާމިޔާބީ ފެންނާނެ ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ.

މި މަހުގެ ހަވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ބެހޭ ގޮތުން ފާރިސް ފާހަގަކުރެއްވި ގޮތުގައި، ވެރިކަންކުރާ ޕާޓީ ޕީޕީއެމްގެ އާއްމު މެމްބަރުން ވަނީ އެ ޕާޓީގެ ނަމުގައި ރަނގަޅު ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރި ނަމަވެސް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދީފަ އެވެ.

"ޕީޕީއެމްގެ އާއްމު މެމްބަރުން އެ ބޭފުޅުންގެ ހިތާ ދެކޮޅަށް ޕީޕީއެމްގެ ރަނގަޅު ކެންޑިޑޭޓުން ނުކުމެ ތިއްބައި ވެސް އެމްޑީޕީގެ ކެންޑިޑޭޓުންނަށާއި ޖޭޕީގެ ކެންޑިޑޭޓުންނަށާއި އަދާލަތުގެ ކެންޑިޑޭޓުންނަށް އަދި މިނިވަން ކެންޑިޑޭޓުންނަށް ވޯޓު ދެއްވާފައި. މިއީ ކުރަން ފަސޭހަކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ މިހާރު ފެންނަނީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް ގައުމުގެ ހައްގުގައި ގިނަ ބަޔަކު އެކީގައި މަސައްކަތް ކުރާ ތަން ކަމަށެވެ.

"އަޅުގަނޑަށް ޔަގީން ތިބޭފުޅުން އަދި އަޅުގަނޑުމެންނާ ވާދަވެރި އިންތިޚާބުތަކުގައި މަސައްކަތް ކުރާނެކަން. އެހެން ނަމަވެސް ސިޔާސީ މަސައްކަތުގައި ހަމަތަކެއް ހުރޭ. އިންތަކެއް ހުރޭ. އޭގެ ތެރޭގައި އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭނީ. މިކަން މިހާރު މި ހަތަރު ޕާޓީން ވެސް ބަލައިގެންފި،" އޭނާ ވިދާޅުވި އެވެ.