18 މެއި 2017 - 07:07

ވަންޕްލަސް ވެފައި ވަނީ، ވާދަވެރި މާކެޓްގައި، ހެޔޮ އަގުގައި ފޯނު ވިއްކާ ކުންފުންޏަކަށެވެ. "ވަންޕްލަސް ވަން"، "ވަންޕްލަސް ޓޫ" އެހެން ގޮސް "ވަންޕްލަސް 3ޓީ" ފަދަ ބާރުގަދަ އަދި ފުރާފުރިހަމަ ފޯނުތައް، ފިކުރެއް ނެތި ވަނީ ވިއްކާ ޚަލާސްކޮށްފަ އެވެ. ނަމަވެސް، އެ ކުންފުނިން ދެން ނެރޭ ފޯނުތައް އަގު ހެޔޮ ނުވާނެ ކަމަށްވެ އެވެ.
ވަންޕްލަސް ސިލްސިލާގައި ދެން އޮތީ "ވަންޕްލަސް 5" އެވެ. ވަންޕްލަސް 4 އެއް ނޫނެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބި ގޮތުގައި، ވަންޕްލަސް އިން ދެން އުފައްދާ ފޯނަކަށް ވާނީ "ވަންޕްލަސް 4" އެވެ. އެކަން އެ ގޮތަށް ނުވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ކުރި އަށް ހުރި ފޯނުތައް އަގު ބޮޑުވާނެ ކަމަށް ބެލެވޭ ސަބަބަކީ، ފޯނު އުފައްދަން ބޭނުންކުރާ މާއްދާތަކަށް ގެންނަ ބަދަލެވެ. އޭގެ ތެރޭގައި ފޯނުތެ ތޮށިގަނޑާއި، އެތެރެ އަދި "ސިލިކަން ކޮމްޕޯނަންޓް"ތައް ހިމެނެ އެވެ.
ވަންޕްލަސްގެ ރޭވުންތައް ދެނެހުރި މީހަކު ބުނި ގޮތުގައި، "ވަންޕްލަސް 5" އުފައްދަން ބޭނުންކުރާ "ހާޑްވެއާ" ވެސް މުޅިން ތަފާތެވެ. ހާޑްވެއާގެ ފެންވަރު ވެސް މޮޅެވެ. ވަންޕްލަސްގެ އެހެން ފޯނުތަކާ އަޅާ ކިޔާ ނަމަ، ވަންޕްލަސް 5 އަކީ ތަނަވަސް ފޯނަކަށް ވާނެ އެވެ.
ވަންޕްލަސް ކުންފުނިން ފޯނުތަކުގެ އަގަށް ބަދަލު ގެނައުމުގެ ބޭނުމަކީ ޝަރަފުވެރިވުން ކަމަށް ވެސް ބުނެވެ އެވެ. ބޭނުންކުރާ މީހުންގެ ތެރޭގައި ވިޔަފާރިވެރިން އަދި ބޮޑުން ޝާމިލުކުރުވުމަކީ ވެސް ބޭނުމެކެވެ.
ވަންޕްލަސް ފޯނުތަކަކީ ބޭނުންކުރާ މީހުންގެ ހައިސިއްޔަތަށް ހުރި ލަދަކަށް ވެދާނެ ކަމަށް ބެލެވުމަކީ ވެސް، އަގު އުފުލަން ޖެހޭ ސަބަބެއް ކަމަށް ވެސް ބުނެވެ އެވެ.