ސީރިއާގެ ނިކަމެތިންނަށް ސައުދީން ރޯދަވީއްލުން ދެނީ
ސީރިއާގެ ނިކަމެތިންނަށް ސައުދީން ރޯދަވީއްލުން ދެނީ

ރިޔާޒް (މެއި 17) - ސީރިއާގެ މަދަނީ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ރޯދަ ވީއްލުން ދިނުމުގެ ޕްރޮގްރާމަށް ސައުދީ އަރަބިއާގެ ވަލީ އަހުދު ބޮޑު ވަޒީރުގެ ނައިބް މުހައްމަދު ބިން ނާއިފް ހުއްދަ ދެއްވައިފި އެވެ.

ސީރިއާގެ ނިކަމެތިންނަށް އެހީވާން އުފައްދާފައިވާ ސައުދީ ނޭޝަނަލް ކެމްޕޭން ޖަމާއަތުން ވަނީ ހާލުގައި ޖެހިފައިވާ މީހުންން ރޯދަ ވީއްލަން ކާބޯތަކެތީގެ ބާސްކެޓްތަކެއް ތައްޔާރު ކުރަން ނިންމައިފަ އެވެ. ކެމްޕޭންގެ ރީޖަނަލް ޑިރެކްޓަރު ބަދުރް އަލް ސަމްހާން ވިދާޅުވީ ޖޯޑަންގައި ހުންނަ އެ ޖަމާއަތުގެ އޮފީހުން ރޯދަ ވީއްލަން 10،000 ބާސްކެޓް، ތުރުކީގެ އޮފީހުން 300،000 ބާސްކެޓް އަދި ލުބުނާން އޮފީހުން 10،000 ބާސްކެޓް ދޫކުރާނެ ކަމަށެވެ.

ސީރިއާ ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ސައުދީން ކުރިން ވެސް ވަނީ ޕްރޮގްރާމެއް ފަށައިފަ އެވެ. ސީރިއާގައި ވޭތުވެދިޔަ ފަސް އަހަރު ކުރި ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ފަސް މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ސައުދީ ރަސްގެފާން ސަލްމާން ވަނީ ވިދާޅުވެފަ އެވެ.

ރަސްގެފާން ވަނީ ސީރިއާގައި ހާލުގައި ޖެހުނު މީހުންނަށް ސައުދީގެ ބަޖެޓުން 27 މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. ވަލީ އަހުދު މުހައްމަދު ބިން ނާއިފް ވެސް ވަނީ އެމަނިކުފާން އަމިއްލަ ފައިސާ އިން 2.6 މިލިއަން ޑޮލަރު ސީރިއާގެ ނިކަމެތިންނަށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ވަލީ އަހުދުގެ ނައިބް މުހައްމަދު ބިން ސަލްމާން ވެސް ވަނީ އަމިއްލަ ފައިސާ އިން 2.1 މިިލިއަން ޑޮލަރު ހަނގުރާމައިގައި ހާލުގައި ޖެހުނު މީހުންނަށް ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.