18 މެއި 2017 - 07:12

ޝާހްރުކް ޚާނަކީ ބޮލީވުޑްގައި ހުރި އެންމެ ތައުލީމީ އަދި ކިޔެވުމަށް މޮޅު އެކްޓަރެއް ނޫނެވެ. ނަމަވެސް ދުނިޔޭގެ މަޝްހޫރު ކޮލެޖުތަކާއި ޔުނިވަސިޓީތަކުގައި ވާހަކަ ދައްކައި އޭނާގެ ތަޖުރިބާ ހިއްސާ ކުރުމުގެ ފުރުސަތު ޝާހްރުކަށް ވަރަށް ގިނައިން ލިބެ އެވެ. ކިޔެވުމަށް މޮޅު ނޫނަސް ވިސްނުން ތޫނުކަމާއި ހޯދާފައިވާ ކާމިޔާބީގެ ސަބަބުންނެވެ.
ކިޔެވި ދުވަސްވަރު ޝާހްރުކަކީ ކިޔެވުމަށް މޮޅު ދަރިވަރެއް ނޫންކަން އޭނާގެ ގްރޭޑް 10ގެ ނަތީޖާއިން ހާމަވެ އެވެ. މިޑް-ޑޭ ނޫހުގައިވާ ގޮތުން ދިއްލީ ޔުނިވަސިޓީގެ ކިޔަވާ ކުއްޖަކު ވަނީ ޝާހްރުކަށް ގްރޭޑް 10 ގައި ލިބުނު ނަތީޖާތައް އާންމުކޮށްފަ އެވެ. މި ނަތީޖާ ހިމަނާފައި ވަނީ ދިއްލީގެ ހަންސް ރާޖް ކޮލެޖަށް ވަންނަން ޝާހްރުކް ފުރި އެޑްމިޝަން ފޯމެއްގަ އެވެ. މި ފޯމުގައި ލިޔެފައިވާ ގޮތުން ގްރޭޑް 10 ނިންމާފައި ހަދާ ބޯޑު އެގްޒޭމުން އިނގިރޭސި މާއްދާއިން ޝާހްރުކަށް ލިބިފައިވަނީ އެންމެ 51 މާކްސް އެވެ.
ދިއްލީ ޔުނިވަސިޓީގެ އޮންލައިން ޕޯޓަލްގެ އެޑްމިން މިލްހާޖް ހުސެއިން ވަނީ މިއީ ސައްހަ ފޯމެއް ކަމާއި އޭގައި ހުރީ ސައްހަ މައުލޫމާތުކަން ޔަގީން ކޮށްދީފަ އެވެ. އޭނާ ބުނިީ އޮންލައިންކޮށް މާކްސް ފެންނަ ގޮތަށް ބަހައްޓަނީ ލިބޭ މާކްސް އަކީ އެހާ މުހިއްމު އެއްޗެއް ނޫން ކަމާއި ހިތްވަރާ އެކު މަސައްކަތްކޮށްގެން އެމީހަކު ހާސިލްކުރަން ބޭނުންވާ ކަމެއް ހާސިލު ކުރެވިދާނެކަން ވިސްނައިދިނުމުގެ ގޮތުން ކަމަށެވެ. އަދި ޝާހްރުކަށް ވުރެ ރަނގަޅު މިސާލެއް މިކަމުގައި ދެއްކޭނީ ކާކަށްތޯ އޭނާ ސުވާލު ކުރި އެވެ.
ހުރިހާ ކުދިންގެ މާކްސްތައް ފެންނަން ހުއްޓަސް ނަން މަޝްހޫރު މީހުންގެ މާކްސްތައް ބަލަން ގިނަ ބަޔަކު ޝައުގުވެރިވާ ކަމަށާއި ޝާހްރުކްގެ ނަތީޖާއަށް ވެސް އެހާ ބޮޑު ސަމާލުކަމެއް ލިބިގެން އުޅެނީ އެހެންވެ ކަމަށް ހުސެއިން ބުންޏެވެ.
ހިންދުސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން ޝާހްރުކްގެ ނަތީޖާތައް ލީކު ވުމާ ގުޅިގެން ވަރަށް ގިނަ ދަރިވަރުން މިކަމާ ބެހޭ ގޮތުން ތަފާތު ކޮމެންޓްތައް ކޮށްފައިވެ އެވެ.
ބައެއް ކުދިން ބުނެފައި ވަނީ އެ މީހުންނަށް ޝާހްރުކަށް ލިބުނު މާކްސް އަށް ވުރެ މާ މަތީ މާކްސް ލިބިފައި ވިޔަސް ކޮލެޖުތަކުން އެޑްމިޝަން ނުލިބިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޝާހްރުކަށް ލިބުނު ވަރަށް މާކްސް ހޯދައިގެން މިހާރު އިންޑިއާގެ އެއްވެސް ޔުނިވަސިޓީއަކުން ޖާގަ ހޯދުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ވެސް ބައެއް ކުދިން ބުނެފައިވެ އެވެ.
އެހެން ކުއްޖަކު ބުނި ގޮތުގައި ކިޔެވުމުން ލިބޭ މާކްސް އަކީ މުސްތަގްބަލަށް މާ ބޮޑު އެހީއެއް ނޫނެވެ. ކޮންމެ މީހެއްގެ ވެސް މުސްތަގްބަލު ބިނާވާނީ އޭނާ ކުރާ މަސައްކަތަކާއި ކުރާ ހިތްވަރަކަށް ކަމަށް އެ ދަރިވަރު ބުނެފައިވެ އެވެ.
"އިނގިރޭސިން 95 މާކްސް ހޯދާ ބައެއް މީހުންނަށް ވެސް ރީއްޗަށް އިނގިރޭސިން ވާހަކަ ދައްކަން ނޭނގި އެބަތިބި. އޭގެ ބަދަލުގައި ޝާހްރުކް އަކީ ވަރަށް ރީއްޗަށް އިނގިރޭސިން ވާހަކަ ދައްކާ މީހެއް،" ޝާހްރުކްގެ މާކްސް އަށް ކޮމެންޓްކުރި ކިރޯރީ މާލް ކޮލެޖުގެ ދަރިވަރަކު ބުނެފައިވެ އެވެ.
ޝާހްރުކް އެޑްމިޝަން ފޯމު ހުށަހެޅި ހަންސް ރާޖް ކޮލެޖުގެ ޕްރިންސިޕަލް ޑރ. ރާމާ ވިދާޅުވީ މީހެއްގެ އެޑްމިޝަން ފޯމެއް އާންމުކުރުމަކީ ގާނޫނީ ކުށެއް ނޫން ނަމަވެސް އޭގައި ހުރި މާކްސްތަކަށް މަލާމާތްކޮށް ތަފާތު ވާހަކަތައް ދެއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެ ޒަމާނުގައި ކިޔެވުމާއި މާކްސް ލިބޭ ގޮތް މިހާރަށް ވުރެ މާ ބޮޑަށް ވެސް އުނދަގޫ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޝާހްރުކަކީ އޭނާގެ ކޮލެޖުން ކިޔެވި ދަރިވަރަކަށް ވުމީ ލިބުނު ފަޚުރެއް ކަމަށް ޕްރިންސިޕަލް ބުނެފައިވެ އެވެ.