19 ޖޫން 2016 - 17:04

ބޮޑެތި ތުހުމަތުތަކެއް ކުރުމަށް ފަހު، ފުވައްމުލަކު ފުނާޑު އަވަށު ކައުންސިލްގެ ރައީސް އަލީ ވަސީމް ހުސައިން، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ން ދެ މަހަށް ސަސްޕެންޑްކޮށްފި އެވެ.
ހޯމް މިނިސްޓަރު އަދި އެލްޖީއޭގެ ރައީސް އުމަރު ނަސީރު ސޮއިކުރައްވައި ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ހައްމާދަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ބިރު ދައްކައި އެ މީހުންގެ މަސައްކަތަކަށް ވަސީމް ދަތިކުރަމުންދާ ކަމަށެވެ. މަސައްކަތު މާހައުލުގެ ތެރޭގައި ހަޑި ހުތުރު ބަހުން މުވައްޒަފުންނާއި އާއްމު ރައްޔިތުންނާ ވެސް އޭނާ މުހާތަބުކުރަމުންދާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
ސިޓީގައިވާ ގޮތުން، ކައުންސިލް އިދާރާގެ މަގާމްތަކަށް މީހުން ނެގުމުގައި ވެސް ކައުންސިލްގެ ރައީސް މަގާމުގެ ނުފޫޒު ބޭނުން ކުރައްވަ އެވެ. އަދި ސައްހަ ނޫން ލިޔެކިޔުންތައް ތައްޔާރުކުރުމުގެ އިތުރުން ގަޑި ޖެހިގެން އޮފީހަށް ހާޒިރުވުމަށް ފަހު ގަޑި ނުޖެހޭ ކަމަށް ހާޒިރީ ފޮތުގައި ސޮއި ކުރެއްވުން ފަދަ ކަންތައް ވެސް ކުރައްވާ ކަމަށް ސިޓީގައިވެ އެވެ.
ވެރިކަން ކުރާ ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ވަސީމް ސަސްޕެންޑްކުރީ، ސިޓީގައިވާ ގޮތުން، އޭނާގެ އަމަލުތައް ހުރި ގޮތުން އެ މައްސަލާގައި އެލްޖީއޭގެ ބޯޑުގައި މަޝްވަރާ ކުރުމަށް ފަހު އެވެ. ފުނާޑު ކައުންސިލްގައި ދެން ތިއްބަވަނީ އިދިކޮޅު އެމްޑީޕީގެ ދެ ކައުންސިލަރުންނެވެ.
ކ. މާފުށިން ސަތޭކައެއްހާ ގޯތި ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމި މައްސަލައިގައި މާފުށީ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ ވެސް މިދިޔަ ހަފުތާގައި އެލްޖީއޭން ވަނީ ދެ މަހަށް ސަސްޕެންޑްކޮށްފަ އެވެ.