18 މެއި 2017 - 07:12

ސްޓާ ޕްލަސްގެ މަޝްހޫރު ޝޯއެއް ކަމަށްވާ "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" ގެ ތިން ވަނަ ސީޒަން ވަރަށް އަވަހަށް ފަށަން ވަނީ ހަމަޖެހިފަ އެވެ. މީގެ ފުރަތަމަ ސީޒަންގައި ލީޑް ރޯލު ކުޅުނީ ބަރުން ސޮބްތީ އާއި ސަނާޔާ އިރާނީ އެވެ. ނަމަވެސް ދެ ވަނަ ސީޒަންގައި މި ދެ ތަރިން ބައިވެރިއެއް ނުވެ އެވެ.

ތިން ވަނަ ސީޒަންގައި ލީޑް ރޯލުން ފެންނާނީ އަނެއްކާވެސް ބަރުން އެވެ. ނަމަވެސް ބަރުންއާ އެކު މި ސީޒަންގައި ބަތަލާގެ ބައި ކުޅެނީ ސަނާޔާއެއް ނޫނެވެ.
ސަނާޔާ ބަތަލާގެ ބައި ނުކުޅުނަސް ބަރުން އެނބުރި ޓީވީ ސްކްރީނަށް ޚާއްސަކޮށް "އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫން" އަށް އަންނާތީ އެންމެ އުފާވަނީ ސަނާޔާ އެވެ. އޭނާ ބުނި ގޮތުގައި މި ސީޒަންގައި ދައްކާ ސްޓޯރީލައިން ވަރަށް ޝައުގުވެރިވާނެ ކަމަށް އޭނާ އުންމީދު ކުރެ އެވެ. އަދި ބަރުން އަކީ އޭނާގެ އެންމެ ފޭވަރިޓް ކޯ ސްޓާ ކަމަށް ބުންޏެވެ. އެހެންކަމުން ފުރަތަމަ ސީޒަން ނިމުނު ފަހުން ވެސް ބަރުން އާއި ސަނާޔާގެ އެކުވެރިކަން މިއަދާ ހަމައަށް ވެސް އޮތްކަން ސަނާޔާ ފާހަގަކުރި އެވެ.
މިފަހަރުގެ ސީޒަންގައި ބަރުންއާ އެކު ބަތަލާގެ ރޯލުން ފެންނާނީ ޝިވާނީ ތޯމަރް އެވެ. މި ސިލްސިލާ އިއުލާން ކުރިއިރު ސަނާޔާ ވަނީ ސޮނީ ޓީވީން ފަށާ އާ ސިލްސިލާ "ކާވްޔާ ކީ ޕްރާތުނާ" ކުޅެން ސޮއިކޮށްފަ އެވެ. އޭނާއަށް މިފަހަރުގެ ސިލްސިލާގައި ބައިވެރި ނުވެވުނީ އެހެންވެ އެވެ. ޝިވާނީ ކުރިން ވަނީ "ގަސަމް ތޭރީ ޕިޔާރް ކީ"ގައި ތަނޫޖާ ގެ ރޯލު ދުވަސްކޮޅަކަށް ކުޅެފަ އެވެ.
މިފަހަރުގެ ސީޒަންގައި ބަރުން ކުޅެނީ ފުރަތަމަ ސީޒަންގައި ކުޅުނު އަރްނަވް ސިންގް ރައިޒާދާގެ ރޯލެއް ނޫނެވެ. އޭނާ މިފަހަރު ކުޅެނީ އަދްވޭ ސިންގް ރައިޒާދާ ގެ ރޯލެވެ.
ސަނާޔާ އާއި ބަރުންގެ ފޭނުން ބޮޑަށް ބޭނުންވަނީ މިފަހަރުގެ ސީޒަންގައި ވެސް ބަރުން އާއެކު ސަނާޔާ ބައިވެރި ވުމަށެވެ. ނަމަވެސް ސަނާޔާ އެހެން ޝޯއެއް ކުޅެން ސޮއިކޮށްފައިވާތީ ޝިވާނީ މިފަހަރުގެ ޝޯގައި ލީޑް ރޯލު ކުޅޭ ގޮތަށް ހަމަޖެހުނީ އެވެ.