18 މެއި 2017 - 07:14

އެމެރިކާގެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިޔާ ކެޓީ ޕެރީގެ އާ އަލްބަމް "ވިޓްނެސް" އަންނަ މަހުގެ 9 ގައި ރިލީޒް ކުރަން ނިންމައިފި އެވެ.
މިއީ އޭނާގެ ފަސް ވަނަ އަލްބަމެވެ.
"ވިޓްނެސް" ގެ ދެ ލަވައެއްގައި މަޝްހޫރު އެހެން ދެ ފަންނާކު ވެސް ބައިވެރިވާކަން ޕެޓީ ވަނީ ފޭނުންނާ ހިއްސާކޮށްފަ އެވެ. އެގޮތުން އަލްބަމްގައި ހިމެނޭ ލަވަތަކުގެ ތެރެއިން "ޗެއިން ޓް ދަ ރިދަމް" ގައި ކެޓީއާ އެކު ސްކިޕް މާލީ އަދި "ބޮން އެޕެޓައިޓް" ގައި މިގޯޒްގެ އަޑު އިވިގެން ދާނެ އެވެ.
އުމުރުން 32 އަހަރުގެ ލަވަ ކިޔުންތެރިޔާ އެންމެ ފަހުން އަލްބަމެއް ނެރުނީ 2013 ގަ އެވެ. އެއީ ޕްރިޒަމް" އެވެ. އޭގެ ކުރން އޭނާ ވަނީ ޓީނޭޖް ޑްރީމް (2010)، ވަން އޮފް ދަ ބޯއިސް (2008) އަދި ކެޓީ ހަޑްސަން (2009) ގެ ނަމުގައި ކާމިޔާބު އަލްބަމްތަކެއް ނެރެފަ އެވެ.
އާ އަލްބަމާ އެކު، ހަމަ އެ ނަމުގައި ޓުއާއެއް ވެސް ބާއްވަން ވެސް ކެޓީ ވަނީ ނިންމައިފަ އެވެ. އަންނަ ސެޕްޓެމްބަރު މަހު ފަށާ ޓުއާގެ ނޯތު އެމެރިކާގެ ޓިކެޓް ރަސްމީކޮށް މި މަހުގެ 22 އިން ފެށިގެން ވިއްކަން ފަށާނެ އެވެ.
ސެޕްޓެމްބަރު 7 ގައި ފަށާ ޓުއާ ނިންމާލަން ހަމަޖެހިފައި ވަނީ ފެބްރުއަރީ 5، 2018 ގަ އެވެ. މި ޓުއާގައި ކެޓީގެ އޭނާގެ އާ އަލްބަމް "ވިޓްނެސް" ވެސް ވަރަށް ގަދަ އަށް ޕްރޮމޯޓް ކުރާނެ އެވެ.
އޭނާ އެންމެ ގަހުން ޓުއާއެއް ބޭއްވީ 2015 ގަ އެވެ. އެއީ "ދަ ޕްރިޒްމެޓިކް ވޯލްޑް ޓުއާ" ގެ ނަމުގައި ބޭއްވި ޓުއާ އެވެ.