17 މެއި 2017 - 14:38

ހެލްތް މިނިސްޓްރީގެ ސްޓޮކުން ކްލޮރިން ނަގައިގެން ރަށްޓެހިންނަށް އެ ތަކެތި ދިން މައްސަލާގައި ހެލްތް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމު ދަށްކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ހެލްތް މިނިސްޓްރީގެ ޑިރެކްޓަރަކަށް ހުރި ހުސްނުއްނިސާ އަހްމަދު އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމަށް އޭޕްރީލް 2015 ގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ދަށްކުރީ އާންމުންނަށް ކްލޮރިން ދޫ ނުކުރަން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އަންގާފައި ވަނިކޮށް ހެލްތް މިނިސްޓްރީގެ ސަޕްލައި ސެކްޝަނުގެ މުވައްޒަފުންނަށް ގުޅައި، ކްލޮރިން ހޯދުމަށް ފަހު އޭނާގެ ރަށްޓެހިންނަށް ދިން މައްސަލައިގަ އެވެ.
ހުސްނުއްނިސާގެ މަގާމު ދަށްކުރީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އެ ނިންމުމަށް ތާއީދުކޮށް ހުކުމް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ހެލްތް މިނިސްޓްރީގެ ސްޓޮކުން ކްލޮރިން ހޯދުމަށް ފަހު އެ ތަކެތި ރައްޓެހިންނަށް ދިން ކަމަށް ހުސްނުއްނިސާ އެއްބަސްވެފައިވާ ކަމަށާއި އެއީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށް އޭނާ ތަހުގީގުގައި ވެސް ބުނެފައިވާ ކަމަށެވެ.
ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގައި އިހުމާލުވެއްޖެ ނަމަ ނުވަތަ އެފަދަ އެއްޗެއް ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ސިވިލް ސާވިސްގެ ގަވާއިދުގައި ކުށެއް ކަން އެނގޭއިރު އެފަދަ ކުށެއް ކުރުމުން މަގާމު ދަށްކުރުމަކީ އެޅިދާނެ ފިޔަވަޅެއް ކަމަށް އެ ގަވާއިދުގައި ބުނާ ކަމަށް ހުކުމުގައިވެ އެވެ.
މީގެ ކުރިން ސީއެސްސީގެ މުވައްޒަފަކު އެތަނުން ކޮފީ ގެންދިޔަ މައްސަލައެއްގައި ދައުލަތުން އޭނާގެ މައްޗަށް ޖިނާއީ ދައުވާކޮށް އެ ދައުވާ ސާބިތުވި އެވެ.